Roadha Mihaaru
މަރުނޫން އަދަބެއް ނެތުމުން ސާލިމް ރޮމުން އެދުނީ މާފަށް

މަރު ނޫން އަދަބެއް ނެތުމުން ސާލިމް ފެށީ ރޯން: "އަހަންނަށް މާފުކޮށްދީ"

17 ފެބުރުއަރީ 2022

އދ. ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލަމް މިއާ (ސާލިމް) ގެ މައްޗަށް މަރު ނޫން އަދަބެއް ނެތްކަން އެނގުމުން ކޯޓުގައި އޭނާ ރޯން ފަށައި، މާފުކޮށްދިނުމަށް އެދި އާދޭސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އާލަމް މިއާ (ސާލިމް) ގެ މައްޗަށް މަރު ނޫން އަދަބެއް ނެތްކަން އެނގުމުން ކޯޓުގައި އޭނާ ރޯން ފަށައި، މާފުކޮށްދިނުމަށް އެދި އާދޭސްކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު މަހްމޫދު އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހު ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލި މައްސަލާގައި ސާލިމްގެ މައްޗަށް ކުރާ ދެ ދައުވާއަށް އޭނާ ކޯޓުގައި ކުރިން އެއްބަސްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން އޮތީ ނިންމައިފަ އެވެ.

މިއަދު ކުރިއަށް ދިޔަ ވާރިސުންގެ ބަސް ނެގުމުގެ މަރުހަލާގައި މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުން ނޫން ގޮތެއް ބޭނުންނުވާ ކަމަށް ބުންޏެވެ. އޭނާގެ މަންމަ އާއި ހުވަފަތް އަނބިމީހާގެ އިތުރުން ފަސް ދަރިން ވެސް ބުނީ މަރަށް މަރު ނޫން އެއްވެސް ގޮތެއް ބޭނުންނުވާ ކަމަށެވެ. ފަހަރަކު ވާރިސެއްގެ ބަސް ނަގަމުން ދިޔައިރު، ސާލިމް ކޮންމެވެސް ވަރަކަށް އިސް ޖަހާލައިގެން އިނދެ، ކޯޓުގައި ރުޔެވެ. އޭނާގެ ރުއިންގަނޑު ފަޅައިގެން ގޮސް، އާދޭސް ކުރަން ފެށީ ފަހު ބަސް ބުނަން ފުރުސަތު ދިނުމުންނެވެެ.

އަދަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ދައުލަތުން ބުނީ މަހްމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ ސާލިމަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށެވެ. އަދި ސާލިމަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދީފައިވާ ވަކީލް މަޖީދު އަލީ ވެސް ވިދާޅުވީ ވާރިސުން އެގޮތަށް ބުނާތީ ސާލިމްގެ އަދަބަށް ދެވޭނެ ލުޔެއް ގާނޫނީ ގޮތުން ނެތް ކަމަށެވެ. އެކަމަކު ސާލިމް އެދުމަކީ އަދިވެސް ލުޔެއް އޮތިއްޔާ ލުޔެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެންގެ މައިންބަފައިންނާއި ދަރިން އެބަތިބި، މާފުކޮށްދީ"

ސާލިމް ބުނާނެ އެއްޗެއް އެބައޮތްތޯ ތަރުޖަމާނު މެދުވެރިކޮށް، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން އަޑުން އަޑުނަގައި ރޮމުން އަދި އަތުން އެކި ގޮތްގޮތަށް އިޝާރާތް ކުރަމުން ސާލިމް ބުނީ އޭނާއަށް އެކަން ކުރެވުނީ ޝައިތޯނާ ވަސްވާސް ދިނުމުން ކަމަށެވެ. އަދި އޭނާ ބަލަންޖެހޭ އާއިލާއެއް އެބައޮތް ކަމަށް ބުނެ، ދެ އަތްތިލަ ޖޯޑުކުރުމަށް ފަހު ގާޒީގެ ކިބައިން ސާލިމް އެދުނީ އޭނާއަށް މާފުކޮށްދިނުމަށެވެ. އެ ހިސާބުން ގާޒީ އޭނާއަށް އެންގެވީ އިށީނުމަށެވެ.

"އޭނާގެ މަންމަ އާއި ބައްޕަ އާއި ދަރިން ވެސް އެބަތިބި ކަމަށް. ތިމަންނައަށް މާފުކޮށްދޭސޭ އޭނާ ބުނީ،" ބަންގްލަދޭޝް ބަހުން އޭނާ އެންމެ ފަހުން ބުނި ވާހަކަ ތަރުޖަމާކޮށް ދެމުން ތަރުޖަމާނު ބުންޏެވެ.

ސާލިމް ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ/މިހާރު

ސާލިމް ހައްޔަރުކޮށްގެން ގެންދަނީ --- ފޮޓޯ/މިހާރު

"އޭނާ ކައިރިން އައްސަވާ އަދަބާ ބެހޭގޮތުން ކީކޭތޯ ބުނަނީ،" އިސްގާޒީ ޝަކީލް ވިދާޅުވި އެވެ.

އެއާ އެކު، އަނެއްކާވެެސް ސާލިމް ތެދުވެ އަޑުންއަޑު ނަގައި ރޯން ފެށީ އެވެ. އަދި ކުރިން ވެސް ހެދި ގޮތަށް އަތުން އެކި ގޮތްގޮތަށް އިޝާރާތްކޮށް އަދި ގިސްލާ ރޮމުން ވާހަކަ ދައްކަމުން ދިޔަ އެވެ. އޭނާގެ ވައަތުގައި ބޭސް އަޅާފައި ހުރި ތަނެއް ބައެއް ފަހަރު އޭނާގެ އިޝާރާތުން ދައްކަ އެވެ. އަދި އަނެއް ބައެއް ފަހަރު ކަރު ބުރިކޮށްލީކަން ދޭހަވާ ގޮތަށް ވެސް އޭނާގެ ވާހަކައިގެ ތެރެއިން އަތުގެ އިޝާރާތުން ދައްކަ އެވެ. ބަންގްލަދޭޝް ބަހުން އެ ވާހަކަތައް ދައްކަމުން ދިޔައިރު ވެސް، އޭނާގެ ރުއިމުގެ އަޑެއް ނުކެނޑެ އެވެ.

"އޭނާ ކުރިން ވެސް ދެއްކި ވާހަކަތައް އެ ދައްކަނީ. ޝައިތޯނާ ވަސްވާސް ދިނީމަ އެކަން ކުރެވުނީ ކަމަށް މިހާރު ވެސް އެ ބުނަނީ،" ދެވަނަ ފަހަރު ވެސް ތަރުޖަމާނު ބުންޏެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށަށް މަރުގެ އަދަބު ދިނަސް، އޭނާގެ މައްޗަށް ކުރާ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާގައި އަންނާނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން އިތުރު މުއްދަތެއް އެ ހުކުމުން ތަންފީޒު ކުރާކަށް ވެސް ނުޖެހޭނެ އެވެ.

އިސް ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލާގެ ހުކުމް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު އިއްވަވާނެ ކަމަށެވެ.