Roadha Mihaaru
މަހްމޫދް މެރުމުގެ ދައުވާ ސާލިމްގެ މައްޗަށް ސާބިތުވެއްޖެ

މަހްމޫދް މެރުމުގެ ދައުވާ ސާލިމްގެ މައްޗަށް ސާބިތުވެއްޖެ

26 ޖެނުއަރީ 2022

އދ. ދަނގެތީގައި މަރައިލި އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރުގެ މަރައިލި މައްސަލާގައި ދައުވާ ލިބޭ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. ދަނގެތީގައި މަރައިލި އެ ރަށުގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހްމޫދު އަބޫބަކުރުގެ މަރައިލި މައްސަލާގައި ދައުވާ ލިބޭ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފައިސާގެ ބޭނުމުގައި މަހްމޫދުގެ ކަރަށާއި ބޮލަށް ހަމަލާދީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަރައިލުމަށް ފަހު، ދަގެނތީގެ ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލައިގައި ބަންގްލަދޭޝްގެ ސާލިމަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެވެ. އެ ދެ ދައުވާ އަށް ވެސް ސާލިމް ކުރިން އޮތީ ކޯޓުގައި އެއްބަސްވެ، މާފަށް އެދިފަ އެވެ.

ކުރީގެ އަޑުއެހުމުގައި ވެފައިވާ އިއުތިރާފު ދަމަހައްޓަން އަދިވެސް ބޭނުންވޭތޯ އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން ސާލިމް މިއަދު ބުނީ ކުރިން ވެސް ވެފައިވާ އިއުތިރާފު އަދިވެސް ދަމަހައްޓަން ބޭނުންވާ ކަމަށާއި މަހްމޫދު މަރައިލީ އޭނާގެ ބޮލަށް ޝައިތާނާ ވަދެގެން އޭނާ ކަމަށެވެ. އަދި އެކަމަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ސާލިމް ބުންޏެވެ.

"ޝައިތޯނާ އޭނާގެ ބޮލަށް ވަދެގެން ކުރި ކަމެއް ކަމަށް އޭނާ ބުނީ،" ތަރުޖަމާނު ބުންޏެވެ.

ސާލިމްގެ ދިފާއީ ވަކީލު އެދިވަޑައިގަތީ މަހްމޫދުގެ ފޮޓޯއެއް ސާލިމަށް ދެއްކުމަށް ފަހު، އެކަމާ ބެހޭގޮތުން ސާލިމްއާ ސުވާލު ކުރުމަށެވެ. އެހެންވެ، މަހްމޫދުގެ ފޮޓޯއެއް ޝަރީއަތުގައި ދެއްކުމަށް ފަހު އެއީ ކާކުތޯ އާއި އޭނާގެ ނަމަކީ ކޮބައިތޯ ސާލިމްއާ ސުވާލުކުރި އެވެ. ޖަވާބުގައި ސާލިމް ބުނީ އެއީ މަހްމޫދު ކަމަށެވެ. އެކަމަކު ކިޔާ ނަމެއް ނޭނގޭ ކަމަށް ސާލިމް ބުންޏެވެ.

"އޭނަޔޯ އެއީ. އެކަމަކު ތިމަންނަ އަށް ފެނުނު ވަރަށް ވުރެ ތަންކޮޅެއް ދޮންކޮށް ހުރިހެން ހީވެޔޯ." ފޮޓޯ ދެއްކުމުން ސާލިމް ބުނި ކަމަށް ތަރުޖަމާނު ބުންޏެވެ.

އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ސާލިމަށް ދެން ދެއްކީ މަހްމޫދު މަރައިލާފައި ވަނިކޮށް، ނަގާފައިވާ ފޮޓޯތަކެކެވެ. އަދި މަހްމޫދު މަރައިލިއިރު މަހްމޫދު ލައިގެން ހުރީ އެ ފޮޓޯގައި ހުރި އަންނައުނުތައް ތޯ ވެސް ސާލިމާ ސުވާލުކުރި އެވެ. އޭނާ ބުނީ އެގޮތަށް ހީވާ ކަމަށާއި އެކަމަކު ޔަގީން ނުވާ ކަމަށެވެ.

އިސްގާޒީ ވިދާޅުވިގޮތުގައި އެއްވެސް މަޖުބޫރު ކަމެއް ނެތި ސާލިމް ކުށަށް އިއުތިރާފު ވެފައި ވާތީ އާއި އަދި އެ މިއަދު ވެސް އެ އިއުތިރާފު ދަމަހައްޓާފައިވާތީ އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ނިންމަވާ ކަމަށެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ނިންމެވީ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

ދައުލަތުން އެދުނީ އެއްބަސް ވިޔަސް ހެކިބަސް ނަގަން

ދައުލަތުން އެދުނީ ސާލިމް ކުށަށް އިއުތިރާފު ވިޔަސް، އެ މައްސަލައިގައި ހުށަހެޅި ހެކިން ހެކިބަސް ނަގައި ދިނުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ، އެ ކުށުގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވާތީ ގާނޫނު އޮންނަ ގޮތުން އެފަދަ މައްސަލަތަކުގެ ހުރިހާ ގާނޫނީ ނުކުތާތަކެއް މަތީ ކޯޓުތަކުން ބަލަން ޖެހޭތީ އެވެ. އަދި ސާލިމް ފަހުން ދައުވާއަށް އިންކާރުކޮށްފި ނަަމަ، ހެކިބަސް ނަގަން ޖެހުނަސް، ފަހުން ހެކިބަސް ނެގުމުން ހެކި ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފު ވުމުން ހެކިންގެ ހެކިބަސް ނަގަންޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ނުދެއްކޭ ކަމަށެވެ. އަދި ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން ކުށަށް އިއުތިރާފްވެއްޖެ ނަމަ، ޖެހެނީ އަވަސް ނިޔާ އިން މައްސަލަ ނިންމަން ކަމަށާއި އެހެން ވުމުން ހެކިބަސް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އަދި އަމިއްލަ އިއުތިރާފަށް ވުރެ ބޮޑު ހެއްކެއް ނޯންނާނެ ކަން ވެސް އިސްގާޒީ ފާހަގަ ކުރެއްވި އެވެ.

"ހެކިންގެ ހެކިބަހަށް ވުރެ މަތީ ދަރަޖައެއްގެ ހެއްކެއް އަމިއްލަ އިއުތިރާފަކީ. އެ އަށް ވުރެ މަތީ ދަރަޖައެއްގެ ހެއްކެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އިސް ގާޒީ ވިދާޅުވި އެވެ.

މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކުރަނީ ހަށިގަނޑަށް ގޯނި ލައްވައިގެން ވަޅަކަށް ވައްޓާލާފައިވާތީ އެވެ. އެ ދައުވާ އަށް ސާލިމް ކުރިން ވެފައިވާ އިއުތިރާފު ވެސް ދަމަހައްޓާ ކަމަށާއި އެކަމަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށް ސާލިމް ބުންޏެވެ. އެހެންވެ، އެ ކުށް ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް އިސް ގާޒީ ނިންމެވި އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާފައިވާތީ، ސާލިމްގެ މައްޗަށް އަދަބު ކަނޑައެޅުމުގެ ކުރިން މަހްމޫދުގެ ވާރިސުންގެ ބަސް ހޯދަން ޖެހޭތީ ވާރިސުން ސާބިތު ކުރަން ދެ މީހެއްގެ ހެކިބަސް މިއަދު ނަގާނެ އެވެ.

އިސް ގާޒީ ވިދާޅުވިގޮތުގައި، ވާރިސުންގެ ބަސް މިއަދު ނަގަން ހަމަޖެއްސިޔަސް، ބައެއް ވާރިސުން ކޮވިޑާ ގުޅިގެން ކަރަންޓީންގައި ތިބުމުން ވާރިސުންގެ ބަސް މިއަދު ނުނެގޭނެ އެވެ. އަދި ކަރަންޓީން ނިމުމާ އެކު، އެ މީހުންގެ ބަސް ހޯދުމަށް ފަހު، އެ ދުވަހު މައްސަލަ ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.