Roadha Mihaaru
އަލިފާނުގެ ހާދިސާތަކާ ބެހޭ ބޮޑު ތަހުގީގެއް ފަށައިފި

އަލިފާނުގެ ހާދިސާތަކާ ބެހޭ ބޮޑު ތަހުގީގެއް ފުލުހުން ފަށައިފި

09 ޖެނުއަރީ 2023

ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުން އަންނަ އަލިފާނުގެ ބޮޑެތި ހާދިސާތަކާ ގުޅިގެން ތަހުގީގެއް ހިންގަން ފުލުހުން ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުން އަންނަ އަލިފާނުގެ ބޮޑެތި ހާދިސާތަކާ ގުޅިގެން ތަހުގީގެއް ހިންގަން ފުލުހުން ނިންމައިފި އެވެ.

މާލޭގެ ނީލަން ފިހާރަ ސަރަހައްދުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނާ ކައިރީ އޮތް މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކު ވަނީ އެކީ އަނދައި ހުލިވެފަ އެވެ.

އިއްޔެ ގދ. ފިޔޯރީ ސްކޫލް އިމާރާތެއްގައި ވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ. މީގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް އަލިފާނުގެ ހާދިސާތައް ހިނގި އެވެ.

އޭގެ އިތުރުން މި ފަހުން ގުޅިފަޅުގައި ހުންނަ އެފްކޯންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކުގައި ރޯވެ އެކަކު ގެއްލިފައިވާއިރު އޭގެ ދުވަސްތަކެއް ކުރިން މާލޭގެ ގަރާޖެއްގައި ކުއްލި ގޮތަކަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން ވަނީ މަރުވެފަ އެވެ.

އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ އާއި އަތޮޅުތަކު ތެރޭ ފަހަކަށް އައިސް ހިނގަމުން އަންނަ އަލިފާނުގެ ހާދިސާތަކާ ގުޅޭ ބޮޑު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސީޕީ ނުދެއްވަ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަލިފާނުގެ ހާދިސާތަކުގެ ތަހުގީގެއް ފުލުހުން ހިންގަން ފެށީ އެއީ ބަޔަކު ގަސްދުގައި ހިންގާ ކަމެއްތޯ ބެލުމަށެވެ.

މިހާތަނަށް ހިނގި ބޮޑެތި އަލިފާނުގެ ހާދިސާތައް ވެސް ފުލުހުން ވަނީ ތަހުގީގު ކޮށްފަ އެވެ. ނަމަވެސް ޝައްކުވާ އެއްވެސް ކަމެއް ފާހަގަ ކުރެވިފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ.