Roadha Mihaaru
ރާއްޖެ، އިންޑިއާގެ ގްރިޑާ ގުޅާލެވޭނެ ގޮތް ބަލައިފި

އިއާދަކުރަނިވި ހަކަތަ ބަދަލުކުރަން، ރާއްޖެ އިންޑިއާގެ ޕަވާ ގްރިޑާ ގުޅާލަން ކުރަން ޖެހޭ ކަންކަން ބަލައިފި

04 ޖެނުއަރީ 2023

އިއާދަކުރަނިވި ހަކަތަ ބަދަލުކުރަން ރާއްޖެ އާއި އިންޑިއާ އެއް ގްރިޑަކުން ގުޅާލުމަށް ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް އިންޑިއާގެ ޕަވާ މިނިސްޓްރީގެ ޓީމަކުން ރާއްޖެ އައިސް ބަލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިއާދަކުރަނިވި ހަކަތަ ބަދަލުކުރަން ރާއްޖެ އާއި އިންޑިއާ އެއް ގްރިޑަކުން ގުޅާލުމަށް ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް އިންޑިއާގެ ޕަވާ މިނިސްޓްރީގެ ޓީމަކުން ރާއްޖެ އައިސް ބަލައިފި އެވެ.

"ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"އަކީ އިންޑިއާގެ ޕަވާ ގްރިޑާއި އެހެން ގައުމުތަކުގެ ޕަވާ ގްރިޑް ގުޅާލައި، އެ ގްރިޑް މެދުވެރިކޮށް އެ ސަރަހައްދުތަކަށް ސޯލާ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް ހިންގާ މަސައްކަތެކެވެ.

މިދިޔަ އޭޕްރިލް މަހު އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގައި އެ ގައުމުގެ ޕަވާ މިނިސްޓަރު ރާޖު ކުމާރު ސިންގްއާ ބައްދަލުކުރައްވައި ޕަވާ ގްރިޑް ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފަ އެވެ.

އިންޑިއާގެ ޕަވާ މިނިސްޓްރީން ޑިސެމްބަރު 27 ވަނަ ނެރުނު ބަޔާނެއްގައިވާ ގޮތުން ރާއްޖެ އާއި އިންޑިއާ އިއާދަކުރަނިވި ހަކަތައިގެ ގްރިޑަކުން ގުޅާލުމަށް ފުރިހަމަ ކުރަން ޖެހޭ ޓެކްނިކަލް މަސައްކަތްތައް ބެލުމަށް އިންޑިއާގެ ޓީމެއް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ ވެސް އައެވެ.

އެ މިނިސްޓްރީން މިދިޔަ އަހަރު ކުރި މަސައްކަތްތަކަށް އަލިއަޅުވާލައި ނެރުނު އެ ބަޔާނުގައި އެކަމުގެ ތަފްސީލެއް ނެތެވެ. އެކަމަކު އެ ބަޔާނުގައިވާ ގޮތުން އެ ގައުމުން ބަލާފައި ވަނީ ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން ގޮސް ރާއްޖެއާ ގްރިޑު ގުޅާލުމަށް ކުރަން ޖެހޭ ކަންކަމެވެ.

ޝައުނާ، އިންޑިއާގެ ޕަވާ މިނިސްޓަރާ ބައްދަލުކުރެއްވި ފަހުން ނެރުނު ބަޔާނެއްގައި ޕަވާ މިނިސްޓްރީން އޭރު ބުނެފައި ވަނީ އިންޑިއާގެ ޓީމެއް ރާއްޖެ އަށް ގޮސް ޓެކްނިކަލް ކަންކަން ބެލުމަށް ފަހު، ދެ ގައުމުގެ އިދާރާތައް ގުޅިގެން ކަނޑުއަޑީގައި ކޭބަލް އަޅާނެ ގޮތާއި މާލޭގެ ނެޓްވޯކަށް ބަދަލުގެންނާނެ ގޮތާ ބެހޭގޮތުން ތަފްސީލީ ޕްރޮޖެކްޓް ރިޕޯޓެއް އެކުލަވާލާނެ ކަމަށެވެ.

އިންޑިއާގެ ޕަވާ މިނިސްޓްރީއިން ނެރުނު ޕްރެސްރިލީސް

އެ މަސައްކަތް ކުރުމަށް އިންޑިއާގެ ޕަވާ މިނިސްޓްރީން އެކުލަވާލި ޓާސްކްފޯސްއިން ދެކުނު އިރުމަތީ އޭޝިއާ، ދެކުނު އޭޝިއާ، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕްގެ ގައުމުތަކާ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށް އެއް ގްރިޑަކާ ގުޅާލުމުގެ ޓެކްނިކަލް އަދި އިގްތިސާދީ ފީސިލިބިލިޓީ ބަލާފައިވެ އެވެ. އަދި މަޝްވަރާ އަށް ފަހު ނިންމާފައި ވަނީ އެންމެ ފުރަތަމަ މަރުހަލާގައި ރާއްޖެ، ސްރީލަންކާ އަދި މިޔަންމާ ގުޅާލުމަށެވެ.

"ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"ގެ މަސައްކަތް ނޮވެމްބަރު 2، 2021ގައި އޮތް ވޯލްޑް ލީޑާސް ސަމިޓުގައި ފައްޓަވައިދެއްވީ، އިންޑިއާގެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިނގިރޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެވެ.