Roadha Mihaaru
އެކްސްޕޯޓް ކޮންޓެއިނާ ފީ އެމްޕީއެލް އިން ކުޑަކޮށްފި

އެކްސްޕޯޓް ކޮންޓެއިނާ ފީ އެމްޕީއެލް އިން 75 ޕަސެންޓް ކުޑަކޮށްފި

31 ޑިސެމްބަރ 2022

އެމްޕީއެލް އިން ނަގަމުން އަންނަ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ފީ 75 ޕަސެންޓަށް ކުޑަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން ނަގަމުން އަންނަ އެކްސްޕޯޓް ކޮންޓެއިނާ ޓްރާންސްފާ ފީ 75 ޕަސެންޓަށް ކުޑަކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ އެހާ ބޮޑަށް ފީ ކުޑަކުރީ ރާއްޖޭގެ އުފެއްދުންތައް ރާއްޖޭން ބޭރުގެ ބާޒާރަށް އެކްސްޕޯޓްކުރާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ ބަދަލާއެކު ރާއްޖޭން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ވާދަވެރި އަގުތަކެއްގައި ބޭރުގެ ބާޒާރުގައި އުފެއްދުންތައް ވިއްކުމުގެ މަގު ތަނަވަސްވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މާދަމާ އިން ފެށިގެން 20 ފޫޓުގެ ކޮންޓެއިނަރަކަށް ދައްކަން ޖެހެނީ 1132ރ. އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 2264ރ. ދައްކަން ޖެހޭނެ އެވެ. ކުރިން 20 ފޫޓުގެ ކޮންޓެއިނަރަކަށް 4419ރ. ދައްކަން ޖެހެ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 8767ރ. ދައްކަން ޖެހެ އެވެ.

މިގެނައި ބަދަލުގެ ސަބަބުން ކުރިން 20 ފޫޓުގެ ކޮންޓެއިނަރަކުން 3478ރ. ވަނީ ކުޑަވެފަ އެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކުން 6881ރ. ވަނީ ކުޑަވެފަ އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މިބަދަލު ގެނެސްފައިވަނީ، މިކަމުގައި ކަންބޮޑުވުންތަކެއް ހުރިކަން އެކްސްޕޯޓު ކުރާ ފަރާތްތަކުން ފާޅުކުރަމުންދިއުމާ ގުޅިގެން ކަމަށެވެ. އަދި އެކްސްޕޯޓު ކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.