Roadha Mihaaru
ހުޅުުދޫގައި އަލިފާނުގެ ހާދިސާއެއް، ކޮންޓްރޯލެއް ނުވޭ

ހުޅުުދޫގައި އަލިފާނުގެ ހާދިސާއެއް، އަދިވެސް ކޮންޓްރޯލްއެއް ނުވޭ

30 ޑިސެމްބަރ 2022

ސ. ހުޅުުދޫ ބަނދަރު ސަރަހައްދުގައި އަލިފާން ރޯވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސ. ހުޅުުދޫ ބަނދަރު ސަރަހައްދުގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ ހުޅުމީދޫ ބަނދަރު ސަރަހައްދުގައި ހުރި ކުނިތަކެއްގައި ކަމަށެވެ. ހަވީރު ރޯވި އަލިފާންގަނޑު ނިއްވާލި ނަމަވެސް މިހާރު އަނެއްކާ އެ ސަރަހައްދުގެ އެހެން ތަނެއްގައި ރޯވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ރޯވެފައި ވަނީ ހުޅުދޫ ފެން ފެކްޓްރީ ހުންނަ ސަރަހައްދުގަ އެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހުރި ކޮންޓެއިނާތަކެއްގައި ރޯވެ އަލިފާންގަނޑު ފެތުރިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ވަރަށް ބޮޑަށް ވަނީ އަލިފާން ރޯވެފަ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ތާރު އެޅުމަށް ބޭނުންކުރާ ސާމާނު ގުދަންކޮށްފައި ހުރި ސަރަހައްދެއްގައި ކަމަށެވެ.

"މިދިޔަ ދައުރުގައި މަގުތައް ހަދާ ތާރު އެޅުމަށް ގެނައި ސާމާނު އެ ސަރަހައްދުގައި ހުންނާނީ. އެ ތަނުގައި ގުދަންކޮށްފަ ހުރި ފީފާ އާއި ތާރުއަޅަން ބޭނުން ކުރާ ސާމާނު ވީރާނާވެފައި ހުންނާނީ ވެސް މިހާރު. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ބަޔަކު ގަސްތުގަ ނުކުރަންޏާ އެފަދަ ކަމެއް ހިނގާނެ ހެންނެއް. އެއީ އެ ސަރަހައްދުގެ ވެސް ގޮތުން." ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު މިހާތަނަށް ސާފު ނުވާ ކަމަށެވެ.