Roadha Mihaaru
"ރަނިން މޭޓަކާ މެދު ނުވިސްނަން، ނުފޫޒެއް ވެސް ނެތް"

ރަނިން މޭޓަކާ މެދު ނުވިސްނަން، ނުފޫޒެއް ވެސް ނެތް: ރައީސް

28 ޑިސެމްބަރ 2022

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ލިބޭނެ ކަމުގެ ޔަގީންކަން އޮތަސް ރަނިން މޭޓަކާ މެދު އަދި ނުވިސްނަވާ ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ވެސް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ލިބޭނެ ކަމުގެ ޔަގީންކަން އޮތަސް ރަނިން މޭޓަކާ މެދު އަދި ނުވިސްނަވާ ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ވެސް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ވަނީ ދެ ވަނަ ދައުރެއް ހޯއްދެވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފަ އެވެ. މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި، ބޮޑު ތަނުން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަނިން މޭޓަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަމަޖެއްސުމަށް އިންޑިއާއިން ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުކުރާ ކަމަށް ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރަނިން މޭޓެއް އަދި ކަނޑަނާޅާ ކަމަށެވެ. އެކަމުގައި އަދި ހާއްސަކޮށް ރާއްޖޭގެ ސިޔާސީ ކަންކަމުގައި ބޭރު ގައުމުން ނުބެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގައި ރިޔާސީ ކެންޑިޑޭޓުންނަށާއި ރަނިން މޭޓުންގެ ގޮތުގައި އެކަށީގެންވާ ބޭފުޅުން ވެސް އެބަތިއްބެވި އެވެ.

"އެ ހޮވުމުގައި އެކަށީގެންވާ، ކަމަށް ގާބިލް، ސިޔާސީ، ވިސްނުންތެރި، ހިކުމަތްތެރި ބޭފުޅުން އެބަތިއްބެވި،" ރައީސް ވިދާޅުވި އެވެ.

ޕާޓީގެ ޓިކެޓު ހޯއްދެއްވުމަށްފަހު ކޯލިޝަނެއް އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީ ގޮތުން މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތަށް ބަލާއިރު، މި ކޯލިޝަންގައި ތިއްބެވި ބޭފުޅުންގެ ތާއިދު ލިބޭނެ ކަމަށް ގަބޫލުކުރެވެ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކުރަމުން މި ދާ ގޮތަށް ބަލާފައި، ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތާއީދު އަޅުގަނޑަށް ލިބޭނެކަމަށް. އެކަމަކު އަދި އެކަމުގެ މަޝްވަރާއެއް ނުކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ދައުރުގެ ނައިބު ރައީސް ފައިސަލް ނަސީމް ނިސްބަތްވެވަޑައިގަންނަވަނީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށެވެ. އިންތިހާބަށް ކޯލިޝަން ހެދިއިރު ލީޑަރުންނަށް އެއްބަސްވެވުނީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ނެރެ، ރަނިން މޭޓުގެ ފުރުސަތު ޖޭޕީއަށް ދިނުމަށެވެ.

ފައިސަލް ރަނިން މޭޓަކަށް އޭރު ހަމަޖެއްސީ ޖުމްހޫރީ ޕާޓީގެ ތެރޭގައި ބޭއްވި ވޯޓު ކާމިޔާބު ކުރެއްވުމުންނެވެ.