Roadha Mihaaru
އަފްޣާނު އަންހެނުން އަމިއްލަ އޮފީސްތަކަށް ދިއުން މަނާ

އަފްޣާނު އަންހެނުން އަމިއްލަ އޮފީސްތަކަށް ދިއުން މަނާކޮށްފި

25 ޑިސެމްބަރ 2022

އަފްޣާނިސްތާނުގެ އަންހެނުން، ވަޒީފާ އަދާކުރުމުގެ ގޮތުން އަމިއްލަ އޮފީސްތަކަށް ދިއުން، އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން، އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.

އަފްޣާނިސްތާނުގެ އަންހެނުން، ވަޒީފާ އަދާކުރުމުގެ ގޮތުން އަމިއްލަ އޮފީސްތަކަށް ދިއުން، އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން، އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.

އެކަން މަނާކުރީ، އެ ގައުމުގައި ސަރުކާރުން ހުއްދަ ދީގެން ހިންގާ އަފްޣާނިސްތާނުގެ އަމިއްލަ އޮފީސްތަކާއި ކުންފުނިތައް އަދި ޖަމިއްޔާތަކަށާއި، އެ ގައުމުގައި ހުއްދަ ލިބިގެން ހިންގާ ބައިނަލްއަގުވާމީ އެފަދަ ތަންތަނަށް، އެ ގައުމުގެ އިކޮނޮމީ މިނިސްޓްރީން އިއްޔެ ފޮނުވި ސިޓީއަކުންނެވެ. ސަރުކާރުގެ އެ ނިންމުމާ އެއްގޮތަށް އަމަލުނުކުރާ އޮފީސްތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކުގެ ލައިސަންސް ބާތިލުކުރާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި އަފްޣާނިސްތާނު ސަރުކާރުން އަންގާފައިވަނީ، އެ ތަންތަނުގައި މަސައްކަތްކުރާ އަންހެނުން ވަޒީފާއަށް ހާޒިރުވުން މަނާކުރުމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، އެ ތަންތަނަށް ވަޒީފާ އަށް ދާ އަންހެނުން، އިސްލާމީ ޝަރުއީ މިންގަނޑުތަކާ ޚިލާފަށް ހެދުން އެޅުމާއި، އެ ގައުމުގެ އެހެން ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އަމަލު ކުރުމެވެ.

ތާލިބާން ސަރުކާރުން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން، އަމިއްލަ އޮފީސްތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކުގައި ވަޒީފާ އަދާކުރުމަށް ދާ އަންހެނުން، އިސްލާމީ ޝަރުއީ މިންގަނޑާ ޚިލާފަށް ހެދުން އަޅާކަމުގެ ޝަކުވާތައް ސަރުކާރަށް ލިބެމުންދާ ކަމަށެވެ.

އަފްޣާނިސްތާނުގެ އަންހެނުންނާ ދެކޮޅަށް ތާލިބާން ޖަމާއަތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމުގެ ޔުނިވަސިޓީތަކުގައި އަންހެނުންނަށް ކިޔަވައިދިނުން، ޑިސެމްބަރު 20، 2022 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. ވަކި ސަބަބެއް ނެތި އެކަން މަނާކުރުމަށް ފަހު، ބައިނަލްއަގުވާމީ މުޖްތަމައުގެ ފާޑުކިޔުންތައް އިތުރުވާން ފެށުމާ ގުޅިގެން، މިމަހުގެ 22 ވަނަ ދުވަހު ތާލިބާން ސަރުކާރުން ބުނި ގޮތުގައި، އަންހެނުން ޔުނިވަސިޓީތަކަށް ދިއުން މަނާކުރީ އިސްލާމީ ޝަރުއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ކިޔަވަން ދާތީ އެވެ.

އޭގެ އިތުރުން، ޔުނިވަސިޓީތަކަށް ދާ އަންހެނުން އިސްލާމީ އުސޫލުތަކާ ޚިލާފަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ވެސް، އެ ގައުމުގެ މަތީ ތައުލީމާ ބެހޭ ވަޒީރު ނިދާ މުހައްމަދު ނަދީމު، މި މަހުގެ 22 ވަނަ ދުވަހު ދެއްވި ޓީވީ އިންޓަވިއުއެއްގައި ވިދާޅުވި އެވެ. އެ ގޮތުން އޭނާ ފާހަގަކުރެއްވީ، ފިރިހެން ބެލެނިވެރިއަކާ ނުލައި އެކަނި ޔުނިވަސިޓީތަކަށް ދަތުރުކުރާ ކަމަށެވެ.

ވިހި އަހަރު ވަންދެން އަފްޣާނިސްތާން އަޅުވެތިކޮށްގެން ތިބުމަށް ފަހު، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ނޭޓޯގެ ސިފައިން، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާ އެކު، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަނީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. އެއަށް ފަހު އެ ގައުމުގެ އަންހެނުންނާ މެދު ތާލިބާން ސަރުކާރުން އަމަލުކުރަމުން އަންނަނީ ވަރަށް އިހާނެތި ގޮތަކަށެވެ.

އެ ގޮތުން ތާލިބާނުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި ހުރިހާ އަންހެނުން ވަޒީފާތަކުން ވަކިކޮށްލުމެވެ. އެއަށް ފަހު، 2021ގެ ޑިސެމްބަރު މަހުން ފެށިގެން، ސާނަވީ މަރުހަލާގެ ސްކޫލްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރި އެވެ.