27 ޑިސެމްބަރ 2021
މަހުރަމަކާ (ކައިވެނި ހެޔޮނުވާ ވަރުގެ ތިމާގެ މީހަކާ) އެކުގައި ނޫނީ، އަފްގާނިސްތާނުގެ އަންހެނުން ދުރު ދަތުރުތައް ކުރުން، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.
މަހުރަމަކާ (ކައިވެނި ހެޔޮނުވާ ވަރުގެ ތިމާގެ މީހަކާ) އެކުގައި ނޫނީ، އަފްގާނިސްތާނުގެ އަންހެނުން ދުރު ދަތުރުތައް ކުރުން، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުން އިއްޔެ އިން ފެށިގެން މަނާކޮށްފި އެވެ.
ތާލިބާނުންގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ދުރު ދަތުރުކުރާ އެއްވެސް އެއްގަމު އުޅަނދެއްގައި އަންހެނަކު އެކަނި ދަތުރުކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މީގެ އިތުރުން، ހިޖާބު ނާޅައި ތިބޭ އަންހެނުން އެއްގަމު އުޅަނދުތަކަށް ނޭރުވުމަށް ވެސް، ތާލިބާން ސަރުކާރުން ވަނީ ޑްރައިވަރުންނަށް އަންގައިފަ އެވެ.
މިދިޔަ އޮގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނު ހިފުމަށް ފަހު، ތާލިބާނުން އެ ގައުމުގައި އަލަށް އުފެއްދި ވުޒާރާއެއް ކަމަށްވާ، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރާ ވުޒާރާއިން ނިންމި މި ނިންމުމަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.
ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމާއަތްތަކުން ބުނާ ގޮތުގައި މިއީ އަންހެނުންނާ މެދު ތަފާތުކުރުމުގެ އަމަލެކެވެ. އަދި މިއީ އަންހެނުންގެ އިޖްތިމާއި ދައުރު ހަނިކުރުމަށް ނިންމި ވަރަށް ނާތަހުޒީބު ނިންމުމެއް ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެ އެވެ.
ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އެ ގައުމު ހިފުމާއެކު، ސަރުކާރުގެ އޮފީސްތަކުގައި ތިބި އަންހެނުން ވަޒީފާތަކުން ވަކިކޮށް ގެއަށް ފޮނުވައިލި އެވެ. މިހާރު ވަޒީފާތަކުގައި ތިބީ، އޮފީސްތަކުގެ ފާހާނާތައް ސާފުކުރުމާއި ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރާ ވަރަށް މަދު އަންހެނުންތަކެކެވެ. އޭގެ އިތުރުން އަފްގާނިސްތާނުގެ ސާނަވީ މަދަރުސާތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން ވެސް ވަނީ ހުއްޓާލައިފަ އެވެ.
ތާލިބާނުންގެ މި އަމަލުތަކަކީ، އޮގަސްޓް 15 ގައި އެ ގައުމު ހިފުމަށް ފަހު، ބައިނަލްއަގުވާމީ މީޑިއާތަކުގައި ތާލިބާނުން ދެއްކި ވާހަކަތަކާ މުޅިން އިދިކޮޅު އަމަލުތަކެކެވެ. އޭރު ތާލިބާނުން ބުނެފައިވަނީ، އެ ޖަމާއަތަކީ 1990ގެ އަހަރުތަކުގައި އެ ގައުމުގައި ވެރިކަން ކުރި ތާލިބާނުންނާ ވަރަށް ތަފާތު ބައެއް ކަމަށެވެ.
އަންހެނުންނަށް ކިޔަވައިދީ ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް ދޭނެ ކަމަށް އޭރު ތާލިބާނުން ބުންޏެވެ. އަދި ސަރުކާރުގައި ވެސް އަންހެނުން ބައިވެރިކުރާނެ ކަމަށް ވެސް ތާލިބާނުން އޭރު ބުންޏެވެ. ނަމަވެސް ތާލިބާނުން އުފެއްދި ސަރުކާރުގެ އެއްވެސް މަގާމަކަށް އަންހެނަކު ހަމައެއް ނުޖައްސަ އެވެ. އަދި ކުރިން އެ ގައުމުގައި އޮތް އަންހެނުންނާ ބެހޭ ވުޒާރާވެސް ވަނީ އުވާލައިފަ އެވެ.
ތާލިބާނުންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، 45 މޭލަށް (72 ކިލޯމީޓަރު) ވުރެ ދިގު ދަތުރަކަށް އަރާއިރު، ހިޖާބު އަޅައިގެން ހުއްޓަސް އެއަންހެނަކާ އެކުގައި މަހުރަމަކު ނެތް ނަމަ އެއްވެސް އުޅަނދަކަށް އަންހެނަކު އަރުވައިގެން ނުވާނެ އެވެ. އަދި އަންހެނަކު އަމިއްލަ އުޅަނދު ދުއްވާފައި ވެސް އެފަދަ ދިގު ދަތުރެއް ނުކުރެވޭނެ އެވެ. އޭގެ އިތުރުން އެއްގަމު އުޅަނދުތަކުގައި ލަވަޔާއި މިޔުޒިކް ޖެހުން ވެސް އިއްޔެ ވަނީ މަނާކޮށްފަ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ތާލިބާން ސަރުކާރުން ވަނީ، އަންހެނުން ފެންނަ ޑްރާމާތަކާއި ސީރީޒްތަކާއި ފިލްމުތައް އެ ގައުމުގެ ޓީވީ ޗެނަލްތަކުން ދެއްކުން މަނާކޮށްފަ އެވެ. އަދި ޓީވީ ޗެނަލްތަކުގައި މަސައްކަތްކުރާ އަންހެނުން ވެސް ހިޖާބު އަޅައިގެން ނޫނީ ޓީވީތަކުން ނުދެއްކުމަށް ވަނީ އަންގައިފަ އެވެ.
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަފްޣާނު މަޖިލީހުގެ ކުރީގެ އަންހެން މެންބަރު މަރާލައިފި
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ
އަފްޣާނު އަންހެނުން ޔުނިވަސިޓީގައި ކިޔެވުން މަނާކޮށްފި
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި
ނުފޫޒުގަދަ 100 އަންހެނުންގެ ތެރޭގައި އަފްގާނު މީހުން
އަފްގާނުގެ އަންހެން ފަނޑިޔާރުން ގެއަށް
އަންހެން މުވައްޒަފުން ގޭގައި މަޑުކޮށްލާ: ތާލިބާން