Roadha Mihaaru
ޣާޒީ ސްކޫލްގެ ޕްރިންސިޕަލަކަށް ބަޝީރާ

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ، ޣާޒީ ސްކޫލްގެ ޕްރިންސިޕަލަކަށް

22 ޑިސެމްބަރ 2022

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލުކަން ކުރެއްވި ބަޝީރާ މުހައްމަދު، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލުކަން ކުރެއްވި ބަޝީރާ މުހައްމަދު، ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ޣާޒީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް އިއުލާން ކުރުމުން އެ މަގާމަށް ބަޝީރާ ވެސް ލުމުން ހޮވުނީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް އައްޔަންކުރީ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރެއްވުމުންނެވެ.

ޣާޒީ ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުގައި އެންމެ ފަހުން ހުންނެ މަރިޔަމް މުހައްމަދު ވަނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލްގެ ޕްރިންސިޕަލަކަށް ބަދަލުކޮށްފަ އެވެ.

ތައުލީމީ ދާއިރާއާ 1989 ވަނަ އަހަރު ގުޅިވަޑައިގަތް ބަޝީރާ، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އިސްކަންދަރު ސްކޫލުގަ އެވެ.

މިހާރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 33 އަހަރު ވަނީ ވެފައި ވާއިރު، އެންމެެ ފަހުން ހުންނެވީ ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށެވެ. އެ ސްކޫލާ ބަޝީރާ، ގުޅިވަޑައިގެންނެވީ 2009 ވަނަ އަހަރު އެވެ.

ބަޝީރާއަށް ޣާޒީ ސްކޫލްގެ ޕްރިންސިޕަލްކަން ދިނީ އެ ސްކޫލްގެ މުވައްޒަފުންތަކެއް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގިއިރު ވެސް އެޑިއުކޭޝަން މިނިސްޓްރީން ފިޔަވަޅު ނާޅާ ކަމަށް ބުނެ އިހުތިޖާޖުކޮށްފައި ވަނިކޮށެވެ.

ބައެއް ބެލެނިވެރިން ތުހުމަތުކުރާ ގޮތުގައި އެ ކޮރަޕްޝަންގެ އަމަލުތަކުގައި އެ ސްކޫލުގެ އިދާރީ މުވައްޒަފުންނާއި ޓީޗަރުންގެ އިތުރުން ޕީޓީއޭގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެޑިއުކޭޝަނުން ވަނީ އިހުތިޖާޖުކުރުން ކުށްވެރިކޮށް އެކަން ކުރި މުވައްޒަފުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.