Roadha Mihaaru
ޕްރިންސިޕަލުން ތަމްރީނުކުރަން 20 ސްކޮލަޝިޕް ދީފި

ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހޯދުމަށް މާސްޓާސްއަށް ކިޔަވަން 20 ސްކޮލަޝިޕް ދީފި

03 މާޗް 2022

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހޯދުމުގެ އުއްމީދާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމަށް 20 ސްކޮލަޝިޕް މިރޭ ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހޯދުމުގެ އުއްމީދާއެކު، ސްކޫލް ހިންގުމުގެ ދާއިރާއިން މާސްޓާސްއަށް ކިޔެވުމަށް 20 ސްކޮލަޝިޕް މިރޭ ހަވާލުކޮށްފި އެވެ.

އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި، މެލޭޝިޔާގައި މާސްޓަސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން ކިޔެވުމަށް ސަރުކާރުން ދޭ ފުލީ ފަންޑެޑް ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޕްރިންސިޕަލުން ހޯދުމަށް އެކި ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ބިދޭސީން ހަމަޖައްސައިގެން ނުވަތަ އެ މަގާމަށް ދިވެހިން ހޯދި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އަދި ރޭވުންތެރިކަމާއެކު ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތަމްރީނުކުރަން ފަހުގެ ތާރީހެއްގައި ޕްރޮގްރާމެއް ނުހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ލިބުނު މީހުންނަށް ލިޔުން ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި، ސްކޮލަޝިޕް ލިބުނު ބައެއް މީހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ލިބުނު މީހުންނަށް ލިޔުން ހަވާލުކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި، ސްކޮލަޝިޕް ލިބުނު ބައެއް މީހުން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު ވިދާޅުވީ ޕްރިންސިޕަލުން ތަމްރީނުކުރަން މީގެ ކުރިން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާތީ ސަރުކާރުން ހިންގާ 216 ސްކޫލަށް ތަމްރީނު ލިބިފައިވާ ޕްރިންސިޕަލުން ހޯދަން ދަތިވެފައިވާ ކަމަށެވެ.

ނަމަވެސް މިހާރު ވަނީ ހުރިހާ ސްކޫލަކަށް ތަމްރީނު ލިބިފައިވާ ދިވެހި ޕްރިންސިޕަލުން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. މިނިސްޓްރީގެ އުއްމީދަކީ ޕްރިންސިޕަލް ސްކޮލަޝިޕް ޕްރޮގްރާމުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ދާއިމީ ޕްރިންސިޕަލުން ނެތް އަދި ބިދޭސީ ޕްރިންސިޕަލުން ތިބި ސްކޫލްތަކަށް ތަމްރީންވެފައިވާ ދިވެހި ޕްރިންސިޕަލުން ހަމަޖެއްސުމެވެ.

އޭގެ ފުރަތަމަ ބެޗުގައި ހިމެނޭ 20 މީހުން ކިޔަވަން މި މަހުގެ ތެރޭގައި މެލޭޝިޔާއަށް ފުރާނެ އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޕްރިންސިޕަލުން އަންނަ އަހަރުގެ އޭޕްރީލް މަހު ކިޔެވުން ނިންމައި ސްކޫލްތަކާ ގުޅުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްކޫލްތަކުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕްރިންސިޕަލްކަމަކީ ގަދަރުވެރި އަދި ބުރަ މަސައްކަތެއް ކަމަށާއި އެ ޒިންމާގެ ބޮޑުކަން އަބަދު ވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ލިބުނު މީހަކަށް، ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަޝިޕް ލިބުނު މީހަކަށް، ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލި ސްކޮލަޝިޕަށް 60 އަށްވުރެ ގިނަ މީހުން ކުރިމަތިލި އެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވަނީ 43 މީހެއްގެ އެވެ.

މި ސްކޮލަޝިޕްގެ ފުރުސަތު ލިބޭ މީހުންނާއެކު ވަކި މުއްދަތަކަށް، ސަރުކާރުގެ ސްކޫލެއްގައި މަސައްކަތް ކުރުމަށް ބޮންޑެއް އޮންނާނެ އެވެ.