Roadha Mihaaru
ސަރުކާރުން 100އިންޖީނުގެ އަޅައިދީފިން: ނައިބު ރައީސް

ސަރުކާރުން 100 އިންޖީނުގެ އަޅައިދީފިން:ނައިބު ރައީސް

20 ޑިސެމްބަރ 2022

ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 އިންޖީނުގެ އަޅައިދީ، 300 ޖަނަރޭޓަރު ފޯރުކޮށްދީފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 އިންޖީނުގެ އަޅައިދީ، 300 ޖަނަރޭޓަރު ފޯރުކޮށްދީފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ 73 ވަނަ އަހަރީ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ މެދުގައި ހުރި އިންޖީނުގެ ބަދަލު ކުރަން ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ގިނަ ޕްރޮޖެކްޓްތަކެއް ހިންގި ކަމަށެވެ. ރަށްރަށުގެ އިންޖީނުގެ ރަށުގައި މީހުން އުޅޭ ސަރަހައްދުތަކުގައި ހުރުމުން، ސިއްހީ އެކި އުނދަގޫތައް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިކަން ހާސިލު ކުރުމަށް ރާއްޖޭގެ 100 އިންޖީނުގެ އެޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"ރަށުގެ މެދުގައި އިންޖީނުގެ ހުރުމުން ސިއްހީ ގޮތުންނާއި އެކި ގޮތްގޮތުން އެވާ އުނދަގޫ ކުރިމަތިވި. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއްދެއްވައި މިއަދު ސްޓެލްކޯ އާއި ފެނަކަ ދެކުންފުނި އެއްކޮށް ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ އާ އިންޖީނުގެ މިވަނީ ރަށުގެ އެހެން ފަރާތަކަށް ބަދަލު ކުރެވި، އޮފީސް އިމާރާތްތައް ވެސް އެޅިފައި،" ނައިބު ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، އިންޖީނުގެ ބަދަލު ކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ހައި ވޯލްޓޭޖު ކޭބަލާއި ޓްރާންސްފޯމަރުތައް ވެސް އިންސްޓޯލްކޮށްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރައްގީގެ ހުރިހާ ކަމެއް ސަރުކާރުން ކުރަނީ އެކަމުގެ ތަޖުރިބާކާރުންގެ މަޝްވަރާ އާއި ލަފާ ހޯދައިގެންނެވެ. އަމާޒުތައް ހާސިލުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ އެތަނެއްގެ މުވައްޒަފުން ކަމަށާއި އެހެންވެ، މުވައްޒަފުންގެ ހިޔާލު ހޯދައި ކަންކަން ރަނގަޅު ކުރަން އިސްކަން ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކަރަންޓުގެ ހިދުމަތުގެ އިތުރުން ވެސް ރަށްރަށަށް ބޭނުންވާ އަސާސީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެެކެވެ.