Roadha Mihaaru

ކަރަންޓު ކެނޑުނު ސަބަބު ދިރާސާކޮށް، އެކަން ތަކުރާރު ނުވާނެ ގޮތެއް އެބަ ބަލަން: ތޯރިގު

މުޅި މާލެ އާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދިރާސާކޮށް، އެފަދަ މައްސަލަތައް ތަކުރާރު ނުވާނެ ގޮތެއް ބަލަމުން އަންނަ ކަމަށް އެންވަޔަރަނަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކަރަންޓު ކެނޑުނު ސަބަބު ދިރާސާ އެބަކުރަން: ތޯރިގު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ޖޫން 2025

މުޅި މާލެ އާއި ހުޅުމާލެއިން އެއްފަހަރާ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ދިރާސާކޮށް، އެފަދަ މައްސަލަތައް ތަކުރާރު ނުވާނެ ގޮތެއް ބަލަމުން އަންނަ ކަމަށް އެންވަޔަރަނަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މެންދުރު 12:45 ހާއިރު މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުމަށް ފަހު މިހާރު މުޅި މާލެއަށް ވަނީ އަލުން ކަރަންޓު ދީފަ އެވެ. އެކަމަކު ހުޅުމާލޭގެ އެއް ސަރަހައްދަކަށް އަދިވެސް ކަރަންޓެއް ނުދެ އެވެ.

ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އަދި ދިމާވި މައްސަލަ ދިރާސާކޮށް، ބަލައި ކުރިއަށް އޮތްތަނުގައި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މިއަދު މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފަހު އެކަން ބަލާނެ ކަމަށް ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް އަންގައިފަ އެވެ.