Roadha Mihaaru
ދެ ކޮމަންޑޫ ގުޅާލުން ފެށޭނީ މާޗުގައި: ކައުންސިލް

ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ހުއްޓިއްޖެ، އެންމެ އަވަހަށް ވެސް ފެށޭނީ މާޗުގައި: ކައުންސިލް

19 ޑިސެމްބަރ 2022

ށ. ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް އަލުން ފެށޭނީ އަންނަ އަހަރުގެ މާޗު މަހު ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ށ. ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް އަލުން ފެށޭނީ އަންނަ އަހަރުގެ މާޗު މަހު ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ބުނެފި އެވެ.

ކޮމަންޑޫއާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން އިއުލާނުކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ގާތްގަނޑަކަށް 250 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ އެ މަޝްރޫއުގެ މަސައްކަތް އޭރު ފެށި ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ މަސައްކަތް މަޑުޖެހިފަ އެވެ.

މަސައްކަތްތައް ހުއްޓުނު ސަބަބެއް ކަމަށް ބުނެފައި ވަނީ ބިން ހިއްކުމަށް ބޭނުންކުރާ އެމްޓީސީސީގެ މަހާޖައްރާފު ހަލާކުވެފައި އޮތުމުން ކަމަށެވެ. އެކަމަކު، މަސައްކަތް މި މަހު ފަށާނެ ކަމަށް ބުންޏަސް އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެ އެވެ.

ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން "މިހާރު" އަށް ވިދާޅުވީ ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

"ބަޔަކު އައި އެ މަސައްކަތުގެ ޑިޒައިން ހެދުމުގެ ކަންކަން ކުރުމަށް. މި މަސް ނިމުމުގެ ކުރިން ޑިޒައިންކޮށް ނިމޭނެ ކަމަށް ބުނެފައި ވަނީ. އެ ބޭފުޅުން ލަަފާކުރާ ގޮތުން ދެން އެންމެ އަވަހަށް ވެސް މަސައްކަތް ފެށޭނީ އަންނަ އަހަރު ފެބްރުއަރީ ނޫނީ މާޗުގައި. އޭގެ ކުރިން ފެށޭނެ ކަމަކަށް ނުބެލެވޭ،" ސިނާން ވިދާޅުވި އެވެ.

"މީގެ ކުރިން މަސައްކަތް ހުއްޓިފައި އޮތީ މަހާޖައްރާފަށް ދިމާވި މައްސަލައަކުން. މިހާރު އަޅުގަނޑުމެންނަށް ނޭނގޭ އެ އަށް ކިހިނެއް ކަމެއް ވެސް."

އެމްޓީސީސީ ބުނީ މަހާޖައްރާފާއާ ގުޅޭ ގޮތުން މީޑިއާގައި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ނަމަވެސް ދެ ކޮމަންޑޫ ގުޅައިލުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި ކައުންސިލާ އެކު ބައްދަލުވުންތައް ވެސް ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އިންޓަނޭޝަނަލް ފަރާތްތަކާ އެކު ކުރެެމުންދާ މަޝްވަރާތައް މިހާރު ކުރިއަށް ދަނީ. ކައުންސިލާ އެކު ވެސް ބައްދަލުވުން ކުރިއަށްދޭ. މަހާޖައްރާފްގެ ކަންކަމުގައި ދޭނެ ޖަވާބެއް ނެތް،" އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މަޝްވަރާ ކުރިއަށް ދިޔަ ނަމަވެސް އެއީ ކޮން ކަމަކާ ގުޅޭ މަޝްވަރާތަކެއް ކަމެއް އެމްޓީސީސީން ނުބުނެ އެވެ.

ކޮމަންޑޫ ހިއްކަން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި މައްސަލަ ހުރި ކަމަށާއި އެ މަޝްރޫއު ހިންގަން ހުއްދަ ދިނީ އާއްމުކޮށް އެފަދަ ރިފޯޓުތަކަށް ހުއްދަ ދޭން ގެންގުޅޭ އުސޫލާ ހިލާފަށް ކަމަށްކަމާ ގުޅުން އޮންނަ ޖަމިއްޔާތަކުން ވެސް ވަނީ ބުނެފަ އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ތެރެއިން މަތިކޮމަންޑޫން ބިން ހިއްކުމާ އެކު، ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ގާއިމް ކުރުމާއި ކޮމަންޑޫގައި 1،690 މީޓަރުގެ ޝޯ ޕްރޮކްޓެޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެ އެވެ. އަދި ކޮމަންޑު އާއި މަތިކޮމަންޑޫގެ ބިން ގުޅާލަން ޕްލޭންކޮށްފައި ވަނީ ކޮންކްރީޓް ފާލަމަކުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ސަރުކާރުން އެ ދާއިރާގެ ރަށްތަކުގައި ވަރަށް ގިނަ މަޝްރުއޫތައް އިއުލާންކޮށް އަދި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފެށި އެވެ.

ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓަކާއި އެ ރަށާ ކައިރިން އޮންނަ ތިން ރަށެއްގައި ރިސޯޓު ހަދަން ބީލަން ވެސް ހުޅުވައިލި އެވެ. ނަމަވެސް ފަހުން ވަނީ ރިސޯޓު ހެދުމަށް އެ ރަށްތައް ކުއްޔަށް ދޫކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އެންގުމުން އުނިކޮށްފަ އެވެ.

ދެ ކޮމަންޑޫ ގުޅައިލުމަކީ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި މަޝްރޫއެވެ. އެ މަޝްރޫއަކީ ސީދާ ކެމްޕެއިނަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ، އެ މައްސަލަ ބަލައިދިނުމަށް އޭސީސީ އަށް ވެސް ހުށަހެޅި އެވެ.