15 ޑިސެމްބަރ 2022
ސަރުކާރުން، އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.
ސަރުކާރުން، އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން މިއަދު އިފްތިތާހުކޮށްފި އެވެ.
އެ މާސްޓަޕްލޭން އިފްތިތާހުކުރީ ލިވިން އެކްސްޕޯ ފެށުމުގެ ގޮތުގައި މެންދުރުފަހު ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެޗްޑީސީން ތައްޔާރުކޮށްދީފައިވާ މާސްޓަޕްލޭން އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.
އެޗްޑީސީން ބުނިގޮތުގައި މި މާސްޓަޕްލޭން ޑިޒައިންކުރީ ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ބަލައި، އެކަންކަމުގެ މައްޗަށް ބިނާކޮށް، ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އެހީވެދިނުމުގެ ގޮތުން ކަމަށެވެ.
ތިލަފުށި ތަރައްގީކުރުމާ އެކު، މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް ރައްކާތެރި މާހައުލެއް ބިނާކޮށްދެވި، ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރު ވެސް ގާއިމުކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މި މާސްޓަޕްލޭނާ އެއްގޮތަށް ވަރަށް އަވަހަށް ތިލަފުށީގައި މަސައްކަތްތައް ފެށޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި ބިމަށް ކުއްޔަށް ދައްކަން ޖެހޭ ބޮޑު ހަރަދު ވެސް އެތައް ގުނައަކަށް ކުޑަކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
"މާލެ ސަރަހައްދުގައި ހުރި ފުރިހަމަ އިންޓަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވިގޮތުގައި، ސަރުކާރުގެ ޕްލޭނާ އެއްގޮތަށް މާލޭގެ ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ އެކު، އެ ރަށާއި ގުޅިފަޅަށް މާލެ ސަރަހައްދުގެ ހުރިހާ ސިނާއީ މަސައްކަތްތަކެއް ބަދަލުވާނެ އެވެ.
އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އެތައް ހަރަދެއްކޮށްގެން ތިލަމާލެ ކަނެކްޓިވިޓީ ބްރިޖު ޕްރޮޖެކްޓް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ މި ސަބަބަށްޓަކައި،" ފައްޔާޒް ވިދާޅުވި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވިގޮތުގައި ތިލަފުށި ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 151 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ ބިން ބޭނުންކުރާނީ އެކި ކަހަލަ ސިނާއީ މަސައްކަތްތަކަށެވެ. އޭރުން މާލޭގައި އެ ބާވަތުގެ މަސައްކަތްތައް ކުރުން އެއްކޮށް ހުއްޓާލެވޭނެ އެވެ.
"ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް މާލެ ސަރަހައްދުގައި މި އުފުލެމުން އަންނަ ބިމު ކުލި އެއް ހަމައެއްގައި ހިފެހެއްޓުން އަދި ވަކިން ހާއްސަކޮށް ކުއްޔަކީ ސީދާ ގޮތެއްގައި މުދަލުގެ އަގަށް އަސަރުކުރާ ކޮސްޓަކަށް ވާތީ، އަޅުގަނޑުމެން ބިން އިތުރުކުރާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކުލި ހިފަހައްޓަން ވެސް މަސައްކަތް ކުރެވޭނެ،" އާތިފު ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެޗްޑީސީގެ އެސިސްޓެންޓް އާބަން ޑިޒައިނާ އަދި ޕްލޭނާ މައުމަން ރަޝީދު ވިދާޅުވިގޮތުގައި، މި މަޝްރޫއު ނިމޭއިރު ތިލަފުށި ވާނީ ރާއްޖޭގެ ސިނާއީ ދާއިރާގެ މައި މަރުކަޒަށެވެ. މި މާސްޓަޕްލޭން ޑިޒައިންކޮށްފައި ވަނީ އެކަންކަމަށް ވިސްނައިގެންނެވެ.
މި މާސްޓަޕްލޭންގައި ހިމެނޭ މުހިންމު ބައިތައް އޭނާ ކިޔައިދެއްވި އެވެ. އޭގެ ތެރޭގައި؛
• ސިނާއީ ބޭނުންތަކަށް 151 ހެކްޓަރުގެ ބިން ހިއްކުން.
• އެ ބިމުގައި ޕަވަ ޕްލާންޓެއް ހަދާނެ.
• ތެޔޮ ރައްކާކުރާ ފާމެއް ހަދާނެ.
• ބޯޓުފަހަރު ބަނދަރުކުރާ ސަރަހައްދެއް ހަދާނެ.
• އޮފީސް އިމާރާތްތައް.
• ރިކްރިއޭޝަނަށް ބޭނުންކުރާ އިމާރާތްތައް.
• އިންޑަސްޓްރިއަލް ކަންކަމަށް ބޭނުންކުރާ އިމާރާތްތައް.
އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ނިމުމުން ތިލަފުށި އޮންނާނެ ގޮތުގެ ޑިޒައިނެއް ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އިންޑަސްޓްރިއަލް ކަންކަމަށް ބޭނުންކުރާ އިމާރާތްތަކުގެ ތެރޭގައި ހިމެނޭނެ ދެ ރޭންޖެއް. އެއީ ސްމޯލް ސްކޭލް އިންޑަސްޓްރިއަލް އާއި ލާޖު ސްކޭލް އިންޑަސްޓްރިއަލް [އިމާރާތްތައް]. އެތަންތަނުގެ ބޮޑުމިނުން ވެސް އެ ތަފާތު ފެންނާނެ،" މައުމަން ވިދާޅުވި އެވެ.
"މާސްޓަޕްލޭން ހެދިފައި އިންނާނީ މިހާރު ކުރިއަށް ގެންދާ ތިލަމާލެ ބްރިޖާ ވެސް ގުޅޭގޮތަށް އަދި އޭގެ އިތުރުން ކ. ގިރާވަރަށް ވެސް ޕްރޮޕޯޒްޑް އެކްސްޓެންޝަނެއް ދެވިފައި. މިސާލަކަށް މުސްތަގުބަލުގައި ވެސް އެ ހިސާބަށް ދަންޏާ އެކަން ކުރެވޭނެ ގޮތަށް."
ތިލަފުށި ތަރައްގީކުރުމަށް، އެ ރަށުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާނެ ބަޔަކު ހޯދަން މި އަހަރު ކުރީކޮޅު އެޗްޑީސީން ބިޑަށް ކުރިމަތިލާން ހުޅުވާލި އެވެ.
އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ތިލަފުށީ ތަރައްގީގެ ޕްލޭނަކީ ގްރޭޓާ މާލޭ ސަރަހައްދުގެ ތަރައްގީގެ ޕްލޭނާއި ތިލަމާލެ ބްރިޖު ޕްރޮޖެކްޓާ ވެސް އެކީ ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. ތިލަފުށި ތަރައްގީކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ މަސައްކަތެއްގެ ގޮތުގައި އެ ރަށުގައި ކުނި އެންދުން މިދިޔަ އަހަރު ވަނީ ހުއްޓާލައިފަ އެވެ.
މުޅި ރާއްޖޭގައި އުފެދޭ ކުނި މެނޭޖުކުރާ ތިލަފުށީގައި ކުނި އެންދުން ހުއްޓާލައި ސަރުކާރުގެ ޕްލޭނަކީ ކުނިން ހަކަތަ އުފައްދާ ނިޒާމެއް ވެސް އެ ރަށުގައި ގާއިމްކުރުމެވެ. އެކަމަށް ބޭނުންވާ ބައެއް މެޝިނަރީތައް ވެސް ގެނެސް، ކުނި މެނޭޖުކުރުމަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ.
ތިލަފުށީގެ މަންޒަރު ދެ އަހަރުން ބަދަލުކޮށްލަނީ
ތިލަފުށި ހިއްކުން ބްރިޖު ބަލަހައްޓާ ކުންފުންޏަށް
ބިޑެއް ނެތި 137 މަޝްރޫއަކަށް ޕްރޮޕޯސަލް ލިބިފައިވޭ
އައްޑޫގައި އަހަރަކު 600 އެނދު އިތުރުވާނެ: ފައްޔާޒް
ބީޗުގެ މައްސަލައިގައި އެޗްޑީސީގެ ރާގު ބަދަލުވެއްޖެ
2،100 ފްލެޓާ އެކު އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް
ކުރިއަށް އޮތީ އިގްތިސާދުގައި ހަކަތަ އުފެދޭނެ އަހަރެއް
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
އެޗްޑީސީން ނެގި 200 މިލިއަންގެ ލޯނަކަށް ގެރެންޓީދީފި
ހުޅުމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަށް ބިން ދީފި