Roadha Mihaaru
ބިޑެއް ނެތި 137 މަޝްރޫއަކަށް ޕްރޮޕޯސަލް ލިބިފައިވޭ

ބިޑަކާ ނުލައި 137 މަޝްރޫއަކަށް ޕްރޮޕޯސަލް ލިބިފައިވޭ: ފައްޔާޒް

23 އޮކްޓޯބަރ 2019

ހުޅުވާލާފައިވާ ބިޑަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން މިހާތަނަށް 137 މަޝްރޫއަކަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުވާލާފައިވާ ބިޑަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން މިހާތަނަށް 137 މަޝްރޫއަކަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ކަރަންޓްގެ އާ މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒު ވިދާޅުވީ އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާ އިރު ވިއްސަކަށް މަޝްރޫއުއާ މެދު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ގިނައިން ޕްރޮޕޯސަލްތައް ހުށަހަޅާފައި ވަނީ ޗައިނާ އާއި އިންޑިޔާގެ ކުންފުނިތަކުންނެވެ. މީގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ކުންފުނިތަކުން ވެސް، ގެދޮރާއި ފެނާއި ނަރުދަމާ އަދި ކަރަންޓްގެ އެކި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ އަންނަ އަހަރު މެދާ ހަމަޔަށް ދާ އިރު ރާއްޖޭގައި ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި ކޮންޓްރެކްޓް އެވޯޑްކޮށް ސޮއިކޮށްގެން މަސައްކަތް މޮބިލައިޒް ކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފެނާއި ނަރުދަމާގެ 20 ވަރަކަށް ޕްރޮޖެކްޓަށް، ބިޑަކާ ނުލައި ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށެވެ. ލިބިފައިވާ އަގުތައް ހުރީ ސަރުކާރުން އެފަދަ މަޝްރޫއުތަކަށް މިހާރު ވެސް ހޭދަކުރާ އަގުތަކާ އެއްހަމައެއްގެތޯ ބަލަމުން އަންނަ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ބިޑަކާ ނުލައި ޕްރޮޕޯސަލް ހުށައަޅަނީ މަސައްކަތްކުރާ ފަރާތުން އަމިއްލައަށް ހޭދަކޮށްގެން ހިންގާ މަޝްރޫއުތަކަށެވެ. އެކަމަކު އެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ސަރުކާރުން ދައްކަން ޖެހެ އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ބިޑު ކުރުމެއް ނެތި ޕްރޮޕޯސަލް ހުށަހަޅައިގެން މަޝްރޫއުތައް ހިންގަން ނިންމީ، އަވަސް ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

މާލިއްޔަތު ގާނޫނުގައިވާ ގޮތުން، ބޭރު ގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ އެހީގައި ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއެއް ހިންގުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނުވަތަ އެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކާ ހަވާލު ކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ. އެކަމަކު، އެއީ ފަންނީ ގޮތުންނާއި މާލީ ގޮތުން އެ މަޝްރޫއެއް ހިންގަން އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަން ވާނެ ކަމަށް އެ ގާނޫނުގައި ވެ އެވެ.