Roadha Mihaaru
175 އިންވެސްޓަރަކާއެކު ރާއްޖެއިން ބޮޑު ފޯރަމެއް

އިންވެސްޓްމެންޓް ފޯރަމްގައި 175 އިންވެސްޓަރަކު ބައިވެރިވާނެ: އިކޮނޮމިކް މިނިސްޓްރީ

25 އޮކްޓޯބަރ 2021

ރާއްޖެ އިން ދުބާއީގައި މާދަމާ ބާއްވާ އިކޮނޮމިކް ފޯރަމްގައި 175 އިންވެސްޓަރަކު ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އިން ދުބާއީގައި މާދަމާ ބާއްވާ އިކޮނޮމިކް ފޯރަމްގައި 175 އިންވެސްޓަރަކު ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދުބާއީގައި މިހާރު ކުރިއަށް ގެންދާ އެކްސްޕޯގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމާ ގުޅޭ ގޮތުން، އެކްސްޕޯ ކޮމިޝަނާ ޖެނެރަލް އަދި އިކޮނޮމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޔޫސުފް ރިޒާ ވިދާޅުވީ، ރާއްޖޭގައި ހުރި އިންވެސްމެންޓްތަކުގެ ފުރުސަތުތަކާ ގުޅޭ ގޮތުން އެ ފޯރަމްގައި މަޝްވަރާ ކުރާނެ ކަމަށެވެ.

އިންވެސްޓްމަންޓް ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޓޫރިޒަމް ދާއިރާ އާއި ރިނިއުބަލް އެނާޖީ އާއި މެރިކަލްޗަރާއި ޓްރާންޝިޕްމެންޓްގެ ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ރިސޯޓު ތަރައްގީ ކުރަން ހުރި ފުރުސަތުތައް ވެސް ފޯރަމްގައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ބާއްވާ ތިންވަނަ އިންވެސްޓްމެންޓް ފޯރަމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ބައިވެރިވެވަޑައިގެން އިންވެސްޓަރުންނަށް މައުލޫމާތު ދެއްވާނެ އެވެ.

އިންވެސްޓްމެންޓް ފޯރަމްގައި ޔޫއޭއީގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ އިންވެސްޓަރުން ވެސް ބައިވެރިވާނެ އެވެ.

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދުބާއީގައި ފެށި "ދުބާއީ އެކްސްޕޯ" ހަ މަސް ދުވަހަށް ކުރިއަށް ގެންދާނެ އެވެ. މި އެކްސްޕޯގައި 200 އެއްހާ ގައުމު ބައިވެރިވާނެ އެވެ.