Roadha Mihaaru
މަސް ހިފާ ވަރު ކޮންޓްރޯލް ވާންޖެހޭ: ޑރ. ހުސައިން

މަހުގެ ސްޓޮކް މަދުވާތީ މަސް ހިފާ ވަރު ކޮންޓްރޯލްކުރަން ޖެހޭ: މިނިސްޓަރު

12 ޑިސެމްބަރ 2022

އިންޑިއާ ކަނޑުން ބާނާ މަހުގެ ސްޓޮކް މަދުވާތީ، މަސްހިފާ ވަރު ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންޑިއާ ކަނޑުން ބާނާ މަހުގެ ސްޓޮކް މަދުވާތީ، މަސްހިފާ ވަރު ކޮންޓްރޯލް ކުރަން ޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އިންޑިއާ ކަނޑުގައި ހުންނަ މަހުގެ ސްޓޮކް ހީނަރުވަމުންދާ ކަމަށެވެ.

ހާއްސަކޮށް ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށާއި ކަންނެލީގެ ސްޓޮކް އަނބުރާ އިޔާދަކުރުމަށްޓަކައި އެ ވައްތަރުގެ މަސް ބާނާ ވަރު 22 ޕަސެންޓް މަދުކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑުގެ ސްޓޮކްތައް ވެސް މިހާރު މި ދަނީ ހީނަރުވަމުން. ބާނާ ވަރު ނުވަތަ ހިފާ މިންވަރު ކޮންޓްރޯލް ކުރަން ޖެހިފައިވާކަން ފާހަގަކުރެވުނު،" ޑރ. ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، މަސްވެރިކަން ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އެޅިއަސް މަސްވެރިންގެ ޝަކުވާތަކަށް ތަސައްލީއެއް ލިބެން ވަގުތުކޮޅެއް ނަގާނެ އެވެ.

މަސްވެރިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަރެސްމާތޮޑާގައި އިއްޔެ ބޭއްވެވި ބައްދަލުވުމުން ފާހަގަވި ކަންތައްތަކުގެ މައްޗަށް ވެސް ޑރ. ހުސައިން އަލިއަޅުއްވައިލެއްވި އެވެ. އޭގެ ތެރޭގައި ވިއްކާ މަހަށް ހަމަ އަގު ނުލިބުމާއި ތެލު އަގު ބޮޑުވުން ހިމެނެ އެވެ.

މަހުގެ ކޮލިޓީ އަދިވެސް ނިސްބަތުން ދަށްވުމުން މަސްވެރިކަމުން ހަމަ އަގު ހޯދަން ރޯ މެޓީރިއަލްގެ ގޮތުގައި މަސް އެކްސްޕޯޓުކުރާ ވަރު މަދުކުރުން ނުވަތަ ހުއްޓާލައި، މަތީ އަގު ލިބޭ ގޮތަށް އެ އުފެއްދުންތައް އުފައްދައި އެކްސްޕޯޓު ކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަން ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް އެހީތެރިކަން ދެއްވި ބޭފުޅުކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަސް ފާހަގަކުރަން ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް އެހީތެރިކަން ދެއްވި ބޭފުޅުކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވޯޑު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަމުން ލިބެމުން އައި ޕްރިމިއަމް އަގު ގެއްލިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަން އެހެން ދިމާވަނީ، ޑރ. ހުސައިން ވިދާޅުވި ގޮތުގައި، ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރުން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމުންނެވެ. އެ ކަންކަން އެހެން ހުރުމުން އެހެން ގައުމުތަކަށް ރާއްޖެ އަށް ވުރެ އިމްޕޯޓު މާކެޓުތަކަށް މަސް ވިއްކޭ ކަމަށް ވިދާޅުވި އެވެ.

އެ ސަބަބުތަކާ ހެދި ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމަށް ހުރަސް އެޅިފައި އެބަހުރި ކަމަށާއި މަތީ އަގު ލިބޭ މާކެޓުތަކަށް މަސް އެކްސްޕޯޓް ކުރުމުގެ އެކްސެސް ނުލިބޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަކު، ހަމަ އަގު ހޯދައިދިނުމަށް ޔޫރަޕުން ޑިއުޓީ ނަގާ ވަރު ކުޑަކުރަން ކުރާ މަސައްކަތަށް އަލިމަގެއް ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ހުސއިން ވިދާޅުވީ މިހާރު ކުރާ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، މަހުން ސީދާ ދިވެހިންނަށް ފައިދާ ވާނެ ގޮތް ހެދުން ކަމަށެވެ. ރާއްޖޭގައި މިހާރު މަސް އެކްސްޕޯޓު ކުރާ ގޮތަށް ބަލާއިރު، މަސްވެރިކަމުގައި ބޮޑު ފައިދާއެއް ވަނީ ތައިލެންޑާއި އިރުމަތީ އޭޝިއާގެ ގައުމުތަކަށެވެ. އެކަން ބަދަލުކޮށް، ދިވެހި ބާނާ މަހުން ސީދާ ދިވެހިންނަށް ފައިދާވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިހާރު މި ކުރާ އިންވެސްޓްމަންޓުގެ ފައިދާ ލިބެން ފެށީމާ އަޅުގަނޑު މި ދެންނެވި ނަތީޖާ ދިވެހި ރައްޔިތުންނަށް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަރައްގީވަމުން އަންނަ ގައުމުގެ ލިސްޓަށް 2011 ވަނަ އަހަރު ރާއްޖެ ބަދަލުވުމުން ކުރީގެ މާކެޓު ވަނީ ގެއްލިފަ އެވެ. ކުރިން ޑިއުޓީގެ އިނާޔަތްތައް ގެއްލުމާ ގުޅިގެން މަސް އެކްސްޕޯޓު ކުރުމަށް ބޮޑު ޑިއުޓީ އެއް ދައްކަންޖެހެ އެވެ.

ޑރ. ހުސައިން ވިދާޅުވިގޮތުގައި، މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތަކީ ކޫއްޑޫގެ ކެޕޭސިޓީ މަތިކުރުމެވެ. އެ ފެކްޓަރީ އަށް މި ފަހަކާ ޖެހެންދެން ކިރަމުން އައީ ދުވާލަކަށް 240 ޓަނުގެ މަހެވެ. ފްރީޒިން ސިސްޓަމްގެ ބަދަލާއެކު އިތުރު 50 ޓަނު އިތުރުކޮށް، މިހާރު 290 ޓަނުގެ މަސް ކޫއްޑު އަށް ކިރެ އެވެ. އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އިތުރު 200 ޓަނުގެ ކެޕޭސިޓީ ގާއިމު ކުރުމުން ދުވާލަކު މަސް ކިރޭ ކެޕޭސިޓީ 530 ޓަނަށް އަރާނެ އެވެ.

ކޫއްޑޫގެ ބަނދަރު ބޮޑުކޮށް، އެއްފަހަރާ 8 ދޯނިން މަސްކިރޭނެ ގޮތަށް ބަނދަރު ބޮޑުކުރަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މިހާރު ހުރި 2،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަށް އިތުރު 4،000 ޓަނު އިތުރުކުރަން ބީލަން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މ. މުލަކާއި އިހަވަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ފެސިލިޓީއެއް ހަދަން ވަނީ ނިންމައިފަ އެވެ.

"އިއްޒަތްތެރި ރައީސް، މަނިކުފާނުގެ ސަރުކާރުން މި ކަންކަން ކުރާނެ. އެ ކަންކަން ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. މިއީ، މަސް ގަތުމުގައި ދިމާވެފައިވާ ދަތިތައް ވަށާޖެހޭ ގޮތަށް ހައްލުކުރުމަށް އަމަލީ ގޮތުން މަސައްކަތްކުރާ ފުރަތަމަ ސަރުކާރުކަން އަޅުގަނޑު ފަހުރުވެރިކަމާއެކު ފާހަގަކުރަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ވަނީ މަސްވެރިކަމުގެ ދޮރުތައް ހުޅުވާލައިފަ އެވެ. މަސް ޕްރޮސެސް ކޮށްގެން އެކްސްޕޯޓު ކުރާއިރު، ބޮޑު އަގު އެނގޭ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.