Roadha Mihaaru
އާއްމު ދަތުރުތައް ކުރުމުގައި ހިތްހެޔޮކަމަކީ ސަޅިކަމެއް

އާއްމު ދަތުރުފަތުރު ކުރުމުގައި ހިތްހެޔޮކަމަކީ ސަޅިކަމަކަށް ހަދަމާ!

06 ޑިސެމްބަރ 2022

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާތާ 2500 އަށް ވުރެން ގިނަ އަހަރު ވެއްޖެއެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން މަޝްހޫރުވެފައިވަނީ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ނަމޫނާ ސިފަތަކެއް ލިބިގެންވާ ބައެއްގެ ގޮތުގައެވެ.

ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ދިވެހިރާއްޖޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާތާ 2500 އަށް ވުރެން ގިނަ އަހަރު ވެއްޖެއެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިން މަޝްހޫރުވެފައިވަނީ މެހެމާންދާރީ އަދާކުރުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ނަމޫނާ ސިފަތަކެއް ލިބިގެންވާ ބައެއްގެ ގޮތުގައެވެ.

އިހުގެ ވާހަކަތަކުން ބުނާ ފަދައިން، މިއީ މަޣްރިބްކަރައިގެ އަބުލްބަރަކާތުލް ބަރުބަރީ ކިޔާ ދަންނަކަލޭގެފާނު ރާއްޖެއަށް ވަޑައިގެން ރާއްޖެ އިސްލާމް ކުރައްވައި ދިރުވި އިސްލާމްދީންގެ މަތިވެރި ނޫރުގެ ހުޅުކޮޅުން ދިވެހިން ދަސްކުރި ރިވެތި ސާދާ އަދަބުތަކާއި، ހިތްހެޔޮ ސުލޫކާއި ދުރޫސުލް އަޚްލާގުގެ ސިފަތަކެވެ. އެކާވީސް ވަނަ ގަރުނުގެ ދުވަސްތައް ގުނަމުން ގެންދާއިރު، މިދެންނެވި ރިވެތި ސާދާ އަދަބުތަކާއި، ހިތްހެޔޮ ސުލޫކާއި، ދުރޫސުލް އަޚްލާގުގެ ސިފަތައް ވަނީ އަދިވެސް ދިވެހި ސަގާފަތުގެ ތެރޭގައި ލާމެހިފައެވެ. މިއަދު ދިރިއުޅުމުގެ ރިވެތި އާދަތައް ކޮންމެވެސް މިންވަރަކަށް ފަނޑުވަމުން ދިޔަ ނަމަވެސް، އަދިވެސް ރާއްޖޭގެ އުތުރާއި ދެކުނާއި ހަމައަށް ވެސް، ދަތުރުކުރާ ކޮންމެ ދޭސީއެއް ވެސް އަދި ބިދޭސިއެއް ވެސް ގަބޫލުކުރާ ހަގީގަތަކީ ދިވެހިންނަކީ ހިތްހެޔޮ ބަޔެއްކަމެވެ.

މިސާލަކަށް އާންމު ދަތުރުފަތުރަށް ބަލައިލަމާ ހިންގަވާށެވެ. މިއީ ދުވާލަކު އެތައް ބަޔަކު ބޭނުންކުރާ މުހިންމު ޚިދުމަތެކެވެ. ކުދިބޮޑު އެންމެންނާ އުމުރުން ދުވަސްވީ މީހުންނާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކު ބޭނުންކުރާ މި ޚިދުމަތް އަޅުގަނޑުމެން އެކަކު އަނެކަކުގެ ޙައްޤުތަކަށް ވިސްނައި އިޙްތިރާމްކޮށްގެން ނޫނީ، ރަނގަޅު ފެންވަރަކަށް ލިބިދެވޭނީ ކިހިނަކުން ބާވައޭ؟ ހިތަށް ގެންނަވާށެވެ.

(ކ). ބަހުގެ ސީޓުތަކުގައިވެސް އިށީނދެގެން އިންނަންވާނީ އަނެކާއަށް އުނދަގޫ ނުވާނެހެން. (ވ). ބަހުގެ ސީޓުތަކަށް ފައި ނަގައިގެން އިނުމަކީ އަދަބު ކުޑަގޮތެއް، މިފަދަ އަމަލުތަކުން ދުރުވަމާ. -- ފޮޓޯ: އެމްޓީސީސީ

(ކ). ބަހުގެ ސީޓުތަކުގައިވެސް އިށީނދެގެން އިންނަންވާނީ އަނެކާއަށް އުނދަގޫ ނުވާނެހެން. (ވ). ބަހުގެ ސީޓުތަކަށް ފައި ނަގައިގެން އިނުމަކީ އަދަބު ކުޑަގޮތެއް، މިފަދަ އަމަލުތަކުން ދުރުވަމާ. -- ފޮޓޯ: އެމްޓީސީސީ

މަތީގައިވާ ދެ މަންޒަރަށް ބަލައިލަމާހެވެ. ކަނާތްފަރާތުގައި އެވާ މަންޒަރުން އެ ފެންނަނީ ބަހުގެ ގޮނޑީގައި ކުރަހާ މަންޒަރެވެ. މިއީ މިހާރު ވަރަށް އާންމު ކަމަކަށްވަނީވެފައެވެ. ބަހުގައި ބައެއްފަހަރު ލިޔެފައި އަދި ކުރަހާފައި ހުންނަ ނޭދެވޭ އެއްޗެހީގެ ސަބަބުން ބަސް ޝެޑިއުލުން ނަގައި އެ ކުރެހުންތައް ފިލުވަންޖެހިފައި ވެސް އެބަހުރި ކަމަށް އެމްޓީސީސީ އޮފިޝަލުން މައުލޫމާތު ދެއެވެ. މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ބަހުގައި ދަތުރުކުރާ ކުދިބޮޑު އެންމެންނަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. ވީމާ، މިފަދަ ނާތަހުޒީމު ޢަމަލުތަކުން މި ޚިދުމަތް ހޯއްދަވާ ހުރިހާ ބޭފުޅުން ވެސް އެކަހެރިވުމަކީ ބަސް ރީތިކޮށް ބޭއްވުމަށާއި ބަހުގައި ދަތުރުކުރާ ހުރިހާ ފަރާތްތަކެއްގެ ކަރާމަތައްޓަކައި ވަރަށް މުޙިންމު ކަމެކެވެ.

ވާތްފަރާތުގައި އެވާ ދެވަނަ މަންޒަރުގައި އެ ފެންނަނީ ވަކި ފަރާތްތަކަކަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެކެވެ. މި ގޮނޑިތައް ހާއްސަކުރެވިފައިވަނީ މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ބަލި މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިންނަށެވެ. އެހެންކަމުން މި ބަޔާންކުރެވުނު ގިންތީގެ ފަރާތެއް ބަހަށް އަރައިފި ނަމަ އެ ފަރާތަކަށް މި ގޮނޑި ދޫކޮށްލުމަކީ ރީތި އަދި ސަޅިކަމެކެވެ. ނަމަވެސް ހިތާމައަކީ މިހެން ކަންތައް ނުވާކަމެވެ. އެމްޓީސީސީ ބަސް އޮޕަރޭޝަންސްގައި އުޅުއްވާ މުވައްޒަފުން ހާމަކުރިގޮތުގައި ބަޔެއް ކަސްޓަމަރުން މި ގޮނޑިތަކަށް ހާއްސަކުރެވިފައިވާ ފަރާތެއް ބަހަށް އެރުމުން ވެސް ގޮނޑިން ތެދުވުމުގެ ވިސްނުމެއް ނުހުރެއެވެ. އަދި ބަސް އެޓެންޑަންޓު ސީޓު ދިނުމަށް ބުނުމުންވެސް އެކަމާ އިންކާރުކުރާ ފަހަރު ވެސް މަދެއްނޫނެވެ.

(ކ). ބަހުގައި ދަތުރުކުރާއިރު ކާބޯތަކެތި ގެންދާކަމަށްވާނަމަ ރަނގަޅަށް ބަންދުކުރެވިފައި ހުންނަންވާނެ. (ވ). ބަހުގައި ވަސްހިފާ ބަހަށް ކާތަކެތި އެޅި ހަޑިވުމަށް ފުރުޞަތު ނުދިނުމަށްޓަކައި، ބަހުގައި ކެއެމާއި ބުއިންވަނީ މަނާކުރެވިފަ. -- ފޮޓޯ: އެމްޓީސީސީ

(ކ). ބަހުގައި ދަތުރުކުރާއިރު ކާބޯތަކެތި ގެންދާކަމަށްވާނަމަ ރަނގަޅަށް ބަންދުކުރެވިފައި ހުންނަންވާނެ. (ވ). ބަހުގައި ވަސްހިފާ ބަހަށް ކާތަކެތި އެޅި ހަޑިވުމަށް ފުރުޞަތު ނުދިނުމަށްޓަކައި، ބަހުގައި ކެއެމާއި ބުއިންވަނީ މަނާކުރެވިފަ. -- ފޮޓޯ: އެމްޓީސީސީ

އެހެންކަމުން ގަބޫލްކުރަންޖެހޭ ހަގީގަތަކީ، އަޅުގަނޑުމެންގެ މުޖްތަމައުގައި ކުރިން އޮތް ރިވެތި އާދަތައް ފަނޑުވަމުންދާކަމެވެ. އަދި މި އާދަކާދަތައް އަޅުގަނޑުމެން ދިރުވައި އާލާކުރަން އެބަޖެހޭކަމެވެ. ބަހަށް އަރައިފި ނަމަ ބަހުގެ ކުރިމަތީ ސީޓަށް ފައި ނަގައިގެން ތިބޭ އެތައް ޒުވާނުންނެއް ފެނުމަކީ މިއަދު އާންމު ކަމެކެވެ. މިއީ އިހުގައި ކާބަފައިން އަދަބުކުޑަ ހަޑި ކަމެއް ކަމަށް ބުނެދީ އުޅޭ ކަންކަމެވެ. އަޅުގަނޑުމެންގެ ކާބަފައިން ފޯރުކޮށް ދީފައިވާ އެންމެ އަގުބޮޑު އެއް ތަރިކައަކީ، ރިވެތި އަޚްލާގާއި އާދަކާދަތަކެވެ. މި ކަންކަން ދަރިންނަށް ދަސްކޮށްދީ، އެކަކު އަނެކަކަށް ހަނދާންކޮށްދޭން އެބަޖެހެއެވެ. މިކަން މި މަގުން ކުރެވިއްޖެނަމަ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް މި ރިވެތި އަޚްލާގައި އަދަބުތައް އިސްކުރެވެން ފެށޭނެއެވެ. އެއްބައިވަންތަ އަދި އެކުވެރި މުޖުތަމައަކުން ފެންނާނީ އަބަދު ވެސް ހިތްހެޔޮކަމާއި، އެކުވެރިކަމެވެ.

ހަމަ އެހެންމެ ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ، އަޅުގަނޑުމެން ދިވެހިންނަކީ ސާފުތާހިރު ކަމަށްވެސް އެހާމެ ލޯބިކުރާ ބައެއްކަމެވެ. ގޭތެރޭގެ ސާފުކަމާއި ރީތިކަމަށް ވެސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސަމާލުކަން ދެވެއެވެ. އަދި މީރުވަސް ދުވާ ސެންޓު ޖަހައިގެން ބޭރަށް ނިކުތުމަކީ އަޅުގަނޑުމެންގެ ހަށީގައި ހަރުލާފައި ހުންނަ ރިވެތި އާދައެކެވެ.

(ކ). ބަހުގައި ދަތުރުކުރާއިރު ފޯނުން އެއްޗެއް އަޑުއަހާނަމަ ފޯން ހެޑްސެޓް ބޭނުންކުރައްވާ. (ވ). ބަހުގައި ފޯނުން އަޑުބާރުކޮށް ލަވަޖަހާ ފިލްމު ފަދަ ތަކެތި އަޑުއަހާ ބެލުމުން ކައިރީގައިތިބޭ އެހެން ކަސްޓަމަރުންނަށް އުނދަގޫވޭ. -- ފޮޓޯ: އެމްޓީސީސީ

(ކ). ބަހުގައި ދަތުރުކުރާއިރު ފޯނުން އެއްޗެއް އަޑުއަހާނަމަ ފޯން ހެޑްސެޓް ބޭނުންކުރައްވާ. (ވ). ބަހުގައި ފޯނުން އަޑުބާރުކޮށް ލަވަޖަހާ ފިލްމު ފަދަ ތަކެތި އަޑުއަހާ ބެލުމުން ކައިރީގައިތިބޭ އެހެން ކަސްޓަމަރުންނަށް އުނދަގޫވޭ. -- ފޮޓޯ: އެމްޓީސީސީ

މިފަދަ ރީތި އާދަތަކެއްގެ ވެރި ބަޔަކު، އާއްމު ދަތުރުފަތުރުގެ ޚިދުމަތް ބޭނުންކުރާއިރު، ޚިދުމަތް ހޯދަން އަރާ ބަހުގެ އެކި ދިމަދިމާގައި ކުނި ހުރެއްޖެ ނަމަ، އަޅުގަނޑުމެން ދިވެހިންނަށް، އެފަދަ ކަންކަމެއް ކަމަކު ނުދާނެކަން ޔަގީނެވެ. މިސާލަކަށް، ނުބައި ވަހެއް ދުވިޔަސް ހިތްހަމައެއް ނުޖެހޭނެ އެވެ. ހިތްހަމަނުޖެހޭ ކަމުނުދާ ކަންކަން ބަދަލުކޮށްލެވޭނީ ވެސް ހަމަ އަޅުގަނޑުމެންނަށެވެ. އަމިއްލަ މީހާގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ބަހުގައި ކައިބޮއި ނުހެދުމާއި، ބަހަށް ކުނި ނޭޅުމާއި، ބަހުގައި އަޑުގަދަ ނުކުރުމާއި ހަޑިހުތުރު ބަހުން ވާހަކަ ނުދެއްކުމާއި، ބަހުގައި ގްރެފިޓީ ކުރެހުމަށް ނޫނެކޭ ބުނެ، ބަހުގައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަކީ، ސަޅިކަމަކަށް އެބަ ވާންޖެހެއެވެ. މިއީ ރައްޔިތުންގެ ތަކެއްޗެވެ، އެންމެން ބޭނުންކުރާ އެއްޗިއްސެވެ. މިތަކެއްޗަށް އެކެއްގެ ފުށުން ގެއްލުމެއް ލިބުނަސް ޚިދުމަތް ހޯއްދަވާ އެންމެންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން ދަންނަންޖެހެއެވެ.

މިއަދު ގްރޭޓާ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ހިތްފަސޭހަ ކަމާއެކު ދަތުރު ކުރެވޭނީ ހިތްހެޔޮކަމަކީ ސަޅި ނުވަތަ "ކޫލް" ކަމަކަށް ހަދައިގެންނެވެ. ދިވެހިންގެ ކިބައިގައި އެންމެ އިހުއްސުރެން ހަރުލާފައި ހުރި ރިވެތި އަޚްލާގީ ސިފަތައް ދަމަހައްޓައިގެންނެވެ. ބަހަށް އަރާ ކުޑަކުދިންނާއި، މާބަނޑު އަންހެނުންނަށް އިސްކަންދީ، އިސްރަށްވެހިންނަށް އެހީތެރިވެދީ، އެ ބޭފުޅުންނަށް އިޚްތިރާމްއަދާކުރުން އެއީ ސަޅި ކަމެއްކަމުގައި ދެކިގެންނެވެ. ހަމައެގޮތަށް އަނެކާއާ މެދު ވިސްނުމުގެ ފިކުރު އިސްކޮށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ސަރަހައްދުން، އެފަރާތްތަކަށް ޖާގަ ދިނުންވެސް އެއީ "ކޫލް" ކަމެއް ގޮތުގައި ދެކިގެންނެވެ. މިއީ މިހާރުވެސް ފެންނަ ރީތީ އާދަތަކެއް ނަމަވެސް، މަދުން ނަމަވެސް އަޅުގަނޑުމެންނަށް މިފަދަ އާދަތަކާއި ބީރަށްޓެހި ވެވޭ މަންޒަރު އެބަފެނައެވެ.

ބައެއް ފަރާތްތަކުން ބަހުގައި އަޑުގަދަކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާކަން އެއީ ހިތާމަޔާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަދި ފޯނުން އަޑުބާރުކޮށް ލަވަޖާހާ ކައިރީގައި ތިބި އެންމެންނަށް އުނދަގޫވާނެހެން ޢަމަލުތައް ބެހެއްޓޭކަންވެސް ފާހަގަކުރެވެއެވެ. އެކަކު އަނެކާއަށް އަޅާލާ އޯގާތެރި މުޖްތަމައުއެއް ބިނާ ކުރެވޭނީ މިފަދަ ނޭދެވޭ އަމަލުތަކުން އެންމެހާ ފަރާތްތަކުން ދުރުވެގެންނެވެ. މުޖްތަމައެއްގެ އެންމެންގެ އުފާވެރިކަން ބިނާވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް، ހިތްހެޔޮކަމާއެކު މުއާމަލާތުކުރާ މިންވަރުގެ މައްޗަށެވެ. އެންމެންގެ ބަދަހިކަމަށް އަބަދުވެސް ހިތްހެޔޮކަން އިސްކުރުމަކީ ވަރަށްވެސް ސަޅިކަމަކަށް އެބަ ހަދަންޖެހެއެވެ.

މަގުމަތީގައި އެއްގަމު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ވެސް އާންމު ދަތުރުފަތުރު ކުރުމަށް ކަނޑައަޅައިފައިވާ ބަސްތަކަށް ބަލައިގެން ދުއްވުން މުހިންމެވެ. އެގޮތުން ބަހުގައި ބްލައިންޑް ސްޕޮޓްތަކެއް ހުރިކަން ދަނެ، ބަހާއި ދުއްވާ އެހެނިހެން އުޅަނދުތަކާއި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުން މުހިންމެވެ. ބަހުގެ ކުރިމަތިން ނުގަވާއިދުން ކުއްލިއަކަށް ޓޭކްއޯވަރ ކުރުމާއި ބަހުގެ ކުރިމައްޗައް ކުއްލިއަކަށް ނުކުތުމަކީ، ވަރަށް ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެދާނެ ކަމެއްކަން ދަނެ، މިކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހެއެވެ. ޖާގަ އޮއްވައި ބަހަށް ކުރިޔަށް ދިޔުމަށް ޖާގަ ނުދިނުމާއި ބަސް ސްޓޮޕްތަކުގައި އެހެން އުޅަނދުތައް ޕާކްކޮށްފައި ނުވަތަ ހުއްޓައިގެން އޮތުމަކީ ބަހުގައި ތިބޭ ހުރިހާ އެންމެންނަށް ދަތިވާނެ ކަމެއްކަން، އެބަ ހަނދާންކުރަން ޖެހެއެވެ. ޝެޑިއުލަކާ އެއްގޮތަށް ބަހުގެ ޚިދުމަތް ދިނުމަށް މާލޭގެ މަގުތަކުގައި ދަތިތަކެއް ހުރިކަން ހުރިހާ ބޭފުޅުން ގަބޫލު ކުރައްވާނެއެވެ. ވީމާ، ހުރިހާ ބޭފުޅުން ވެސް މަގުމަތީގެ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކަކު އަނެކަކުގެ ހައްގަށް އިހްތިރާމްކޮށް އެއްބާރުލުން ދީގެން މެނުވީ، ރަނގަޅު ފެންވަރަކަށް ބަހުގެ ޚިދުމަތް ދިނުމަކީ އެ ޚިދުމަތްދޭ ފަރާތައް އުނދަގޫ ކަމަކަށް ވާނެކަން އެބަ ޤަބޫލުކުރަން ޖެހެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ވަގުތުކުޑަތަންވުމުން އެ ދާންޖެހޭ ތަނަކަށް ދިޔުމުގެ ސަގާފަތަކީ މިހާރު ބަދަލުކުރަންޖެހިފައި އޮތް މުހިންމު އާދަކާދައެކެވެ. އޮފީހަށްވިޔަސް އަދި ސްކޫލަށްދާން ކަމުގައިވިޔަސް، އެންމެން އެއް ގަޑިއަކަށް ނިކުތުމަކީ ތޮއް ޖެހުން އިތުރުވާނެ ކަމެކެވެ. އަދި ކޮންމެ ދިވެއްސަކު މަގުމަތީގައި ސައިކަލެއް ނުވަތަ ކާރެއް ގެންގުޅުމަކީވެސް މާލޭގެ މަގުތަކަށް ބާރުބޮޑުވެ ތޮއްޖެހުން އިތުރުވެގެން އަންނާނޭ ކަމެކެވެ. އޭގެ ބަދަލުގައި ބަހުގެ ޚިދުމަތް ގިނަ ބަޔަކު ބޭނުންކޮށްފި ނަމަ މި ސައިކަލުތަކާއި ކާރުތައް މަގުމަތީގައި މަދުވެ ތޮއްޖެހުމަށް ހައްލެއް ލިބިދާނެއެވެ. އަދި އެންމެންވެސް ދުރާލާ ތައްޔާރުވެ ނިކުތުމަކީ ސަޅިކަމަކަށް ހަދަންވީއެވެ. ބޭރުގެ ތަހުޒީބު މުޖްތަމައުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ އޮފީހަށް ސްކޫލަށްދާން އެ ކުރާދަތުރު، އެންމެ ފަހު 15 މިނެޓުގެ ބަހަށް މަޑުކުރުމުގެ ބަދަލުގައި 35 މިނެޓު ކުރިޔަށް އޮތް ބަހަށް ރާވައިގެން ދަތުރު ރާވާ މަންޒަރެވެ. އޭރުން ގަޑިއަށް ދެވުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. އަދި އެއްކަލަ ކިޔުވެސް އިސާހިތަކު ފިލައިގެން ހިނގާދާނެއެވެ. "ރައްކާވެތިބިއްޔާ ދަތުރޭ"، މިހެން ބުނެވެނީ ކަމެއް ވެގެންނެވެ. އެކަމުން ލިބޭ ފައިދާއާއި މަންފާ އިތުރުވާތީއެވެ.

މުޖުތަމައުގެ ހުރިހާ ފަރުދުންނަށް މި ހިއްސާކޮށްލި ކަންކަން ސަޅިވެއްޖެ ނަމަ، އެންމެންގެ މޫނުމަތިން ވެސް ފެންނާނީ ހިނުތުންވުމެވެ. އުޖާލާކަމެވެ. ހިތްފަސޭހަ ކަމާއެކު ދަތުރުކޮށްލެވޭ ގޮތްވުމަކީ ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމެކެވެ. ކުރުކޮށް ދަންނަވާ ނަމަ، އެންމެން އެއްވާނެއްގައި އަތުގުޅާލައިގެން އެއް އަޒުމެއްގައި ނިކުމެ "ހިތްހެޔޮކަމަކީ ސަޅިކަމަކަށް ހަދަމާ" ހިނގާށެވެ.

ނޯޓު: މިއީ އެމްޓީސީސީ އިން ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.