Roadha Mihaaru
ހއ. ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި

05 ސެޕްޓެމްބަރ 2023

އެމްޓީސީސީން ދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތް ހއ. ދިއްދޫގައި އިއްޔެ ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެމްޓީސީސީން ދެމުން އަންނަ އާރްޓީއެލް ބަހުގެ ހިދުމަތް ހއ. ދިއްދޫގައި އިއްޔެ ފަށައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ރަށުގައި ބަހުގެ ހިދުމަތުގައި މި ވަގުތު ބޭނުންކުރާނީ ދެ ބަސް ކަމަށެވެ.

މިއީ 32 މީހުންގެ ޖާގައިގެ ދެ ބަހެވެ. ބަހުގައި 22 މީހުންގެ ސީޓް އަދި ކޮޅަށް 10 މީހުންގެ ޖާގަ އޮވެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެއް ހަފްތާ ވަންދެން ދިއްދޫގައި ބަސް ދަތުރުކުރާނީ ހިލެ އެވެ. މި މުއްދަތު ނިމުމުން ބަހުގައި ދަތުރު ކުރެވޭނީ އާރްޓީއެލް ވެބްސައިޓު ނުވަތަ އެޕުން ކިއުއާރް ޓިކެޓް ގަނެގެންނެވެ.

މި ހިދުމަތުން އަގު ނަގަން ފެށިޔަސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދަރިވަރުންގެ އަތުން ފީއެއް ނުނަގާނެ އެވެ.

އެމްޓީސީސީން މާލެ، ހުޅުމާލެ، ވިލިނގިލީގައި ވެސް ބަހުގެ ހިދުމަތް ދެމުން އަންނައިރު ދިއްދޫގެ އިތުރުން ދެން ހިދުމަތް ދެނީ އައްޑޫ، ފުވައްމުލައް އަދި ލ. އަތޮޅުގައި ވެސް ބަހުގެ ހިދުމަތް އަންނަނީ ދެމުންނެވެ.