Roadha Mihaaru
ދެކުނު އެފްރިކާގެ ރައީސަށް އިމްޕީޗްގެ ބިރު

ދެކުނު އެފްރިކާގެ ރައީސަށް އިމްޕީޗްގެ ބިރު ކުރިމަތިވެފައި

01 ޑިސެމްބަރ 2022

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން އަޒުލުކުރެވިދާނެ ކަމުގެ ބިރު އޭނާ އަށް ކުރިމަތިވެއްޖެ އެވެ.

ދެކުނު އެފްރިކާގެ ރައީސް ސީރިލް ރާމަފޯސާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި މަގާމުން އަޒުލުކުރެވިދާނެ ކަމުގެ ބިރު އޭނާ އަށް ކުރިމަތިވެއްޖެ އެވެ.

ރައީސް ރާމަފޯސާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، އޭނާގެ މިލްކިއްޔާތުގައި އޮތް ދަނޑުބިމެއްގެ ވިޔަފާރީގެ ތެރެއިން ހިންގާފައިވާ ހަތަރު މިލިއަން ޑޮލަރުގެ ކޮރަޕްޝަންގެ އަމަލުތަކަކާ މެދުގަ އެވެ. އޭގެ އިތުރުން، އެ ވައްކަން ފޮރުވުމުގެ ގޮތުން ހިންގާފައިވާ މީހުން ވަގަށް ނެގުމާއި، ވައްކަމުގައި ބައިވެރި މީހުން ހެކިބަސް ދިނުން ހުއްޓުވުމަށްޓަކައި އެމީހުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ.

މި ތުހުމަތުތަކުގެ ހަގީގަތް ބެލުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން އެކުލަވައިލި މިނިވަން ޕެނަލަކުން އެ މައްސަލަ ތަހުގީގުކޮށް މިހާރު ވަނީ ރިޕޯޓެއް އެކުލަވާލައިފަ އެވެ. މީޑިއާ އަށް ލީކުވެފައިވާ އެ ރިޕޯޓްގައިވާ ގޮތުން، ރައީސް ރާމަފޯސާ ވަނީ އޭނާގެ މަގާމު ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައި އަދި އެ ގައުމުގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ގާނޫނާ ޚިލާފަށް އަމަލު ކުރައްވައިފަ އެވެ.

އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ، އޭނާގެ ދަނޑުބިމެއްގައި ހުރި އިމާރާތެއްގެ ތެރޭގައި ހުރި ސޯފާއެއްގެ ތެރޭގައި ރައްކާކޮށްފައި ހުރި ހަތަރު މިލިއަން ޑޮލަރު، ބަޔަކު ވަގަށް ނެގުމުން ވެސް އެކަން ގާނޫނީ ގޮތުން އަންގަންޖެހޭ ފަރާތްތަކަށް ނުއެންގުމުގެ ކުށެވެ. އޭގެ އިތުރުން އެހާ ގިނަ އަދަދެއްގެ ބޭރު ފައިސާ ލިބުނު ގޮތަކާއި ހުރި ތަނެއް ވެސް، އެ ގައުމުގެ މަރުކަޒީ ބޭންކަށް އެންގުމަކާ ނުލައި އަމިއްލަ ގޭގައި ރައްކާކޮށްފައި ބެހެއްޓުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވެ އެވެ.

މިނިވަން ޕެނަލުން ބެލި ތުހުމަތުތަކުގެ ތެރޭގައި، ވައްކަން ކުރި ކަމަށް ބެލެވޭ މީހުންތައް ބަޔަކު ފޮނުވައިގެން ވަގަށް ނަގައިގެން ތަނެއްގައި ބަންދުކޮށް، އަމިއްލައަށް ތަހުގީގުކޮށް، އެކަމުގައި ބައިވެރިވި މީހުންނަށް ފައިސާދީ، އެމީހުންގެ އަނގަ ބަންދުކުރުވި މައްސަލަ ވެސް ހިމެނެ އެވެ. އެ ތަހުގީގާ ގުޅޭ ރިޕޯޓް މިހާރު ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފަ އެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް ރާމަފޯސާ ވިދާޅުވަނީ އެއްވެސް ކަހަލަ ނުރަނގަޅު ކަމެއް ނުކުރައްވާ ކަމަށެވެ. އަދި އެ ފައިސާތަކަކީ އޭނާގެ ދަނޑުގައި ގެންގުޅުނު މީގޮނުތަކެއް ވިއްކައިގެން ލިބިފައިވާ ފައިސާ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީއަކުން އެ ރިޕޯޓް ދިރާސާ ކުރުމަށް ފަހު، އެ މައްސަލައާ ގުޅިގެން ރައީސް ރާމަފޯސާ މަގާމުން އަޒުލުކުރުމާ މެދު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ. އަދި އޭނާ މަގާމުން އަޒުލުކުރަން ނިންމައިފި ނަމަ، އެ ކަމުގެ އިޖުރާއާތުތައް ވަރަށް އަވަހަށް ފަށާނެ އެވެ.

މަގާމުން އަޒުލުކުރުމުގެ ބިރު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އޭނާ އުންމީދުކުރައްވައިގެން ހުންނެވީ، މި މަހު ފަހުކޮޅު ބާއްވާ، ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީގެ ގައުމީ މަޖިލީހުގައި، އޭނާ އަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ދިނުމަށް ޕާޓީގެ ތެރެއިން ފާސްކުރުމަށެވެ. އެ ޕާޓީއަކީ ކޮރަޕްޝަނާ ދެކޮޅަށް ވަރަށް ފުޅާ އެޖެންޑާއެއް ގެންގުޅޭ ޕާޓީއަކަށް ވާތީ، އެފަދަ ތުހުމަތެއްގައި ހުންނެވި ބޭފުޅަކަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ދިނުމަށް ނުނިންމާނެ ކަމަށް ބެލެވެ އެވެ.