Roadha Mihaaru

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް، ޝަމްއާން ހައްޔަރުކުރީ މިދިޔަ މަހު އެވެ.

އެ މައްސަލާގައި ޝަމްއާން 15 ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށް ފަހު ކްރިމިނަލް ކޯޓުން ފަހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ހިންގުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދައުރެއް ނެތި ފުލުހުން އަމިއްލައަށް ތަހުގީގު ހިންގާފައިވާތީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ހިލާފް ކަމެއް ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަ ކުރިޔަސް، ހައި ކޯޓުގެ ހުކުމުގައިވަނީ އެއީ ގާނޫނާ ހިލާފް ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންނަށް އެކަނި ވެސް ތަހުގީގު ކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމާ ގުޅޭގޮތުން އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ ފަދަ ގާނޫނީ ބަހުސެއް ޝަމްއާންގެ ފަރާތުން ދެއްކިފައިނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެންވެ، އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

އެ މައްސަލާގެ ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ވެސް އޭރު ހައްޔަރުކުރި އެވެ.