Roadha Mihaaru
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި

ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި

01 ޑިސެމްބަރ 2022

ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށާފައިވާ ކަމަށް ރާއްޖޭގެ ޓެކްނޮލޮޖީގެ ކަންކަމަބާހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށާފައިވާ ކަމަށް ރާއްޖޭގެ ޓެކްނޮލޮޖީގެ ކަންކަމަބާހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޑިޖިޓަލް އައިޑީކާޑަށް ބޭނުންވާ ސޮފްޓުވެއާގެ މަސައްކަތް ނިމި، މިހާރު އޮތީ ބީޓާ ޓެސްޓިންގެ މަރުހަލާގައި ކަމަށެވެ. މި ފަހުން ހުޅުމާލޭގައި ބޭއްވި އެކްސްޕޯގައި ޑިޖިޓަލް އައިޑީ ކާޑާ ގުޅޭ މައުލޫމާތު ދިނެވެ.

"މިހާރު އަޅުގަނޑުމެން މި އުޅެނީ އެންމެ ފަހު މަރުހަލާގައި. މި މަހު ވެސް ފެށޭ ހިސާބުގައި މިހާރު ތިބީ،" އޮފިޝަް ވިދާޅުވި އެވެ.

ޑިޖިޓަލް އައިޑީކާޑަށް ރަޖިސްޓަރީކުރުމުގެ ހިދުމަތްތައް ކުރިއަށް ގެންދާނީ ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންކުރާ އީފާސް ޕޯޓަލްގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރު ފަހުކޮޅު އެ ހިދުމަތް ތައާރަފުކުރާނެ ކަމަށް ސަރުކާރުން ކުރިން އިއުލާންކޮށްފައި ވެސް ވެ އެވެ.

އެ ހިދުމަތް ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުން ނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން އޮތީ ޕްލޭންކޮށްފަ އެވެ.

ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން އެ މީހެއްގެ މުހިންމު އެހެން މައުލޫމާތުތައް ވެސް އީފާސްގެ ތެރެއިން ފެންނަ ގޮތަށް ހެދުމަށް ޓެކްނޮލޮޖީ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މުހިންމު ބައެއް ސެޓްފިކެޓްތައް ވެސް ހިމެނެ އެވެ.

އީފާސްގެ ސެކިއުރިޓީ ވަރުގަދަކުރުން

އީފާސް ޕޯޓަލްގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި މަހު ހަތަކުން ފެށިގެން "ޓޫ ފެކްޓަ އޮތެންޓިކޭޝަން" ފީޗާ ބޭނުންކުރަން ނިންމާފައި ކަމަށް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އިއްޔެ ބުންޏެވެ.

އެންސީއައިޓީން ކުރި އިއުލާނެއްގައި ބުނީ މި ބަދަލާ އެކު އީފާސް ބޭނުންކޮށްގެން ލޮގިންވާއިރު، އީފާސް ރަޖިސްޓްރީ ކުރުމަށް ބޭނުންކޮށްފައިވާ މޯބައިލް ނަންބަރު ނުވަތަ އީމެއިލްއަށް ހަ އަކުރުގެ ކޯޑެއް ފޮނުވާނެ ކަމަށެވެ. އަދި ލޮގިން ފުރިހަމަ ވާނީ އެ ކޯޑު، ލޮގިން ޕޭޖުގައި ޖެހުމުން ކަމަށެވެ.

އެ ކޯޑާ ނުލައި، އިފާސްއިން ލޮގިންވާ އެއްވެސް ޑިޖިޓަލް ހިދުމަތަކަށް ނުލިބޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

"އެހެންކަމުން އިފާސްއަށް ގެނެވޭ މި ބަދަލު ތަންފީޒުކުރުމުގެ ކުރިން، އީފާސް ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުން ވެސް އީފާހުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރާއި އީމެއިލް އެޑްރެހަށް އެކްސެސް ލިބޭނީ ހަމައެކަނި އެ ފަރާތްތަކައް ކަން ކަށަވަރު ކުރެއްވުމަށް އިލްތިމާސްކުރަމެވެ،" އެ އިއުލާނުގައިވެ އެވެ.

އެންސީއައިޓީން ބުނިގޮތުގައި އީފާސްގައި ރަޖިސްޓަރީ ކޮށްފައިވާ މޮބައިލް ނަންބަރު އަދި އީމެއިލް، efass.gov.mv އަށް ލޮގިންކުރުމުން ފެންނާނެ އެވެ. މައުލޫމާތަށް އަމިއްލައަށް ބަދަލު ވެސް ކުރެވޭނެ އެވެ. އީފާސްގެ އެއްވެސް މައްސަލައެއް ދިމާވާ ނަމަ، helpdesk@ncit.gov.mv އަށް އީމެއިލް ކުރުމުން ނުވަތަ ރަސްމީގަޑީގައި 3344000 ގުޅުއްވުމުން އެ މައްސަލައަށް އެ އިދާރާއިން އިޖާބަދޭނެ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުގެ ވަރަށް ގިނަ ހިދުމަތްތައް މިހާރު ވެސް އީފާސް މެދުވެރިކޮށްދެ އެވެ. ސަރުކާރުން ދޫކުރާ ގެދޮރަށް ފޯމު ހުށަހެޅުމާއި ޑްރައިވިން ލައިސަންސަށް ފޯމު ހުށަހެޅުމާއި ކަސްޓަމްސް އާއި އެސްޑީއެފްސީ އާއި އެޗްޑީސީއާ އަދިވެސް ވަރަށް ގިނަ އިދާރާތަކުގެ ހިދުމަތްތައް އީފާސް އިން ލިބެ އެވެ.