ދިވެހިން ސޯޝަލް މީޑިއާގައި ބަރަހަނާވެ، ބޭއަދަބީ އެހެން އަމަލުތައް ހިންގަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.
23 ޖޫން 2025
ދިވެހިން ސޯޝަލް މީޑިއާގައި ބަރަހަނާވެ، ބޭއަދަބީ އެހެން އަމަލުތައް ހިންގަމުންދާތީ އެކަން ހުއްޓުވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.
އެ މައްސަލާގައި މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން މިއަދު ވަނީ ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
އެ ކޮމިޓީން އެންސީއައިޓީއާ ބައްދަލުކުރީ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ސޯޝަލް މީޑިއާގައި އެކިއެކި ޕްލެޓްފޯމުތަކުގައި ބަރަހަނާވުމާއި ބޭއަދަބީ މުއާމަލާތް ކުރާތީ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު ވިދާޅުވީ މަޖިލީހަށް އެ ޝަކުވާތައް ލިބިފައިވަނީ ސޯޝަލް މީޑިއާގައި މީހަކު ބަރަހަނާ މަންޒަރުތައް ފެންނަ ގޮތަށް ހެދުން އަޅައިގެން އެކި ފްލެޓްފޯމުތަކުގައި އެ މަންޒަރުތައް ދައުރު ކުރުމާއި އަދި އެހެން ވެސް ބޭއަދަބީ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގަމުން ދާތީ މުޖުތަމައުގެ އިޖުތިމާއީ މިންގަނޑު ހަލާކުވެ، އިޖުތިމާއީ ފޭރާން ވީދޭތީ އާންމުންގެ ހުރި ކަންބޮޑުވުންތަކާ އެކުގައި ކަމަށެވެ.
އެހެންވެ، ކޮމިޓީން ބޭނުންވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި މަޝްވަރާކޮށް، ފިޔަވަޅު އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވި އެންސީއައިޓީގެ ބޭފުޅުން.-- ފޮޓޯ: މަޖިލިސް
އެ ކޮމިޓީއަށް ހާޒިރުވި އެންސީއައިޓީގެ އައިޓީ އިންފްރާސްޓްރަކްޗާ މެނޭޖަރު ހުސެއިން މުހައްމަދު ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ރެގިއުލޭޓްކޮށް، އެފަދަ އަމަލުތައް ހިންގުން ހުއްޓުވުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި ނަމަވެސް، އެކަން ކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވީ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމަކީ އެންސީއައިޓީގެ ދައުރަކަށް ނުވާތީ، އެ މަޝްވަރާގައި ކޮމިއުނިކޭޝަން އޮތޯރިޓީ ބައިވެރިކުރަން އެދޭ ކަމަށެވެ. ނަމަވެސް އެ އޮތޯރިޓީން އަޅާ ފިޔަވަޅުތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް އެންސީއައިޓީން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންސީއައިޓީގެ ބޭފުޅުން ކޮމިޓީގައި ވިދާޅުވީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާއި އަދި އިސްލާމީ އުސޫލުތަކާ ހިލާފުވާ ގޮތަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ބޭނުން ނުކުރެވޭ ގޮތް ހެދޭނީ އެ ޕްލެޓްފޯމްތަކާ އެކުގައި ވެސް މަޝްވަރާކޮށް، އެމްއޯޔޫތައް ހެދިގެން ކަމަށެވެ. އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެގޮތަށް ސޯޝަލް މީޑިއާގައި މިހާރު ރެގިއުލޭޓް ކުރަމުންދާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
އެހެންވެ، އެ މައްސަލަ ހައްލުކުރެވޭނީ ކޮމިއުނިކޭޝަން އޮތޯރިޓީ ފަދަ ރެގިއުލޭޓަރީ ބޮޑީތަކާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކާއެކު މަޝްވަރާ ކޮށްގެން ކަމަށް އެންސީއައިޓީގެ ބޭފުޅުން ވިދާޅުވި އެވެ.
ކޮމިޓީން މިއަދު ނިންމީ އެ މައްސަލާގައި ދެން އޮންނަ ބައްދަލުވުމަކަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރު ކުރުމަށެވެ.
ސޯޝަލް މީޑިއާގެ ޖަރީމާ ހުއްޓުވަން ބޭއްވި ކޮމިޓީ ސިއްރު
ޕިރަމިޑް ސްކީމްތަކާއި ސްކޭމްގެ މައްސަލަތައް ބަލަނީ
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި
ސައިބަ ސެކިއުރިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ފިންގަޕްރިންޓް ޑޭޓާބޭސް އެއް ހަދަން ފާސްކޮށްފި
ފިންގަޕްރިންޓް ޑާޓާބޭސްއެއް ހަދަން ހުށަހަޅަނީ
ރައްޔިތުންގެ މަޖިލިސް ޓިިކްޓޮކަށް
ރެސިޑެންޓް ވިސާގެ މައްސަލާގައި ނަޝީދު ހޫނުފެނަށް!
ވަޒީފާއިން ވަކިކުރި މައްސަލާގައި ފާރަވެރިވާނަން: އިންތި
ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ސަމާލުވާންޖެހޭ ކަންކަން