Roadha Mihaaru
މައްސަލައެއް ތަހުގީގުކުރަން ފެށުމުން ޔުވެންޓަސް ބޯޑު އިސްތިއުފާ ދީފި

މައްސަލައެއް ތަހުގީގުކުރަން ފެށުމުން ޔުވެންޓަސް ބޯޑު އިސްތިއުފާ ދީފި

29 ނޮވެމްބަރ 2022

ރައީސް އަންދްރޭ އަންޔެލީ އާއި ނައިބް ރައީސް ޕަވެލް ނެޑްވަޑް ހިމެނޭހެން، އިޓަލީގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބް، ޔުވެންޓަސްގެ ބޯޑުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދީފި އެވެ.

ރައީސް އަންދްރޭ އަންޔެލީ އާއި ނައިބް ރައީސް ޕަވެލް ނެޑްވަޑް ހިމެނޭހެން، އިޓަލީގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބް، ޔުވެންޓަސްގެ ބޯޑުގެ ހުރިހާ މެމްބަރުން އިސްތިއުފާ ދީފި އެވެ.

މި ނިންމުން އައީ ކްލަބުގެ ހިސާބުތަކުގައި މަކަރު ހެދުމާއި ކުޅުންތެރިންގެ ޓްރާންސްފާގެ ކަންކަމުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށް ތުހުމަތުކޮށް އިޓަލީގެ ޕްރޮސެކިއުޓަރުން މައްސަލައެއް ތަހުގީގުކުރަން ފެށުމުންނެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި މައްސަލަ ސާބިތުވެއްޖެ ނަމަ ޔުވެންޓަސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްފާނެ އެވެ. ކޮރަޕްޝަނުގެ މައްސަލައެއްގައި 2006 ވަނަ އަހަރު ވެސް ޔުވެންޓަސް ރެލިގޭޓްކުރި އެވެ. އެކަމަކު ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް އެ ޓީމު އަނބުރާ އިޓާލިއަން ލީގަށް އަ އެވެ.

އޭގެ ފަހުން ދަށްކޮށް އޮތުމަށް ފަހު ޔުވެންޓަސް އަލުން އަރައި ޖެހިޖެހިގެން ނުވަ ފަހަރު އިޓާލިއަން ލީގު ކާމިޔާބުކުރީ، އިސްތިއުފާ ދެއްވި އަންޔެލީގެ ލީޑާޝިޕުގެ ދަށުންނެވެ.

ބޯޑުގެ އެންމެން އިސްތިއުފާ ދިނުމުން މިވަގުތު ކްލަބް ހިންގުން ހަވާލުކޮށްފައި އޮތީ މެނޭޖިން ޑިރެކްޓަރު މައުރީޒިއޯ އަރިވަބޭނޭއާ އެވެ. ވަރަށް އަވަހަށް އާ ބޯޑެއް އައްޔަންކުރާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޖިއަންލުއިޖީ ބުފޮން އާއި އަލެސަންދްރޯ ޑެލްޕިއޭރޯ ފަދަ ކްލަބް ލެޖެންޑުންނަށް އާ ބޯޑުން ފުރުސަތު ދީފާނެ އެވެ.

އާ ބޯޑު އައްޔަންކުރާނީ ޖެނުއަރީ 18 ވަނަ ދުވަހު އޮންނަ ހިއްސާދާރުންގެ ބައްދަލުވުމުގަ އެވެ.

މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ހަތަރު ވަނަ އަށް ދިޔަ ޔުވެންޓަސް އަށް ވަނީ މި ނިމުނު މާލީ އަހަރު 254.3 މިލިއަން ޔޫރޯގެ ގެއްލުން ވެފަ އެވެ.

ޔުވެންޓަސް އަކީ ފަހަކަށް އައިސް އިޓަލީގެ އެންމެ މުއްސަނދި އަދި ޓްރާންސްފާގައި އެންމެ ބޮޑެތި ހަރަދުތައް ކުރި ކްލަބެވެ. ނަމަވެސް ކޮވިޑް ދުވަސްވަރު ކުރިމަތިވި މާލީ މައްސަލަތަކަ ހެދި ކްލަބް އަޑިއަޅާލީ އެވެ.