Roadha Mihaaru
12 އަހަރުވަންދެން ގަތަރުން ކުރި މަސައްކަތް ފެނަށް

12 އަހަރުވަންދެން ގަތަރުން ކުރި މަސައްކަތް ފެނަށް

25 ނޮވެމްބަރ 2022

ލުސައިލް (ނޮވެމްބަރު 25) - ސެނެގާލް އަތުން ވެސް 3-1 އިން މިއަދު ބަލިވެ، ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން 12 އަހަރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެ، މުބާރާތާ އަލްވަދާއު ކިޔުމާ ގާތަށް ހިނގައްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލުސައިލް (ނޮވެމްބަރު 25) - ސެނެގާލް އަތުން ވެސް 3-1 އިން މިއަދު ބަލިވެ، ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން 12 އަހަރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެ، މުބާރާތާ އަލްވަދާއު ކިޔުމާ ގާތަށް ހިނގައްޖެ އެވެ.

ގުރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ތިން މެޗުގެ ތެރެއިން ދެ މެޗުން ވެސް ބަލިވެ، އެ ޓީމަށް އޮތް އަމިއްލަ ބާރު ވަނީ ކެނޑިފަ އެވެ. ގަތަރަށް ދެން އޮތް މެޗަކީ ވަރުގަދަ ނެދަލެންޑްސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

މިއަދުގެ ތިންވަނަ މެޗުގައި ނެދަލެންޑްސް އާއި އިކުއެޑޯ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް އެ ޓީމަކަށް ގުރޫޕުގެ އެއްވަނަ އަށް ދެވޭނެ އެވެ. އެ ދެ ޓީމު ކުޅުނު ފުރަތަމަ މެޗުތަކުގައި ދެ ޓީމު ވެސް މޮޅުވީ 2-0 އިންނެވެ.

މި އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބާއްވަން، އެ ގައުމަށް ފީފާގެ ބީލަން ކަށަވަރުވީ ޑިސެމްބަރު 2010 ގަ އެވެ. އޭގެ ފަހުން ގަތަރުން ވަނީ އެ ގައުމުގެ ފުޓްބޯޅަ ބިނާކުރަން ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގައިފަ އެވެ. ބައިނަލްއަގްވާމީ ފެންވަރުގެ އެކަޑަމީތައް ބިނާ ކުރި އެވެ. ގައުމުގެ ލީގަށް ދުނިޔޭގެ ފެންވަރުގެ ތަރިން ގެނެސް ލީގު ވަރުގަދަ ވެސް ކުރި އެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި ނުފެނުނަސް އޭޝިއާގެ ފުޓްބޯޅައިގެ ބާރަކަށް ގަތަރު ވި އެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 2019 ގައި ބޭއްވި އޭޝިއަން ކަޕުގެ ޗެމްޕިއަންކަން ގަތަރުން ހޯދި އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލުން ލީޑް ނަގައި، އެ ހާފު ނިމުގެ ކުރިން ލަނޑު ޖެހީ ބޮލާޔޭ ޑިއާ އެވެ. ދެވަނަ ހާފު ފެށި ގޮތަށް ފަމާރާ ޑިއެޑިއޫ ވަނީ އެ ޓީމަށް ލީޑް ފުޅާކޮށް ދީފަ އެވެ. ގަތަރަށް ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ޖަހައި ދިނީ މުހައްމަދު މުންތާރީ އެވެ. އޭނާ ލަނޑު ޖެހީ އިސްމާއީލް މުހައްމަދު ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ނަތީޖާގެ ފަރަގު ކުޑަކޮށް، މެޗު ފެށުން އަވަސް ކުރަން ގަތަރުން މަސައްކަތް ކުރިޔަސް އޭގެ ފައިދާ ނެގީ ސެނެގާލް އެވެ. ސެނެގާލްގެ ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ބަމްބާ ޑިއެންގް އެވެ.