Roadha Mihaaru
މަރުވި އިންޑިއާ 8 މީހުންގެ ހަށިގަަނޑު ފޮނުވާލައިފި

އަލިފާނުގެ ހާދިސާގައި މަރުވި އިންޑިއާ 8 މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

17 ނޮވެމްބަރ 2022

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ އެންމެންގެ ހަށިތައް އެ ގައުމަށް ގެންގޮސްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ އެންމެންގެ ހަށިތައް އެ ގައުމަށް ގެންގޮސްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި ނިރުފެހި ގޭގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު މަރުވި އެވެ. އެއީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.

މީގެ ކުރިން އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އަލިފާނުގެ ހަދިސާގައި މަރުވި އިންޑިއާ މީހުންގެ ތެރެއިން މިހާތަނަށް އެ ގައުމަށް ނުފޮނުވި ހުރި ހަށިތައް މިހާރު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

ފުލުހުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ރޭ ދަންވަރު 12:30 ހާއިރު އެ ގޭގަައި އަލިފާން ރޯވިއިރު، އެ ތަނުގައި ތިބީ 26 މީހެކެވެ.

މިހާތަނަށް މާލޭގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި މި ހާދިސާގައި އެންމެ ފުރަތަމަ ރޯވި ގަރާޖަކީ ގަވައިދާ ހިލާފަށް ހިންގަމުން ދިޔަ ތަނެކެވެ. ފުލުހުން ބުނި ގޮތުގައި އެއީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ގަރާޖެކެވެ.