Roadha Mihaaru
ރަޝިޔާ ކުށްވެރިކުރަމުން ޖީ20 މަހާސިންތާ ނިންމާލައިފި

ރަޝިޔާ ކުށްވެރިކުރަމުން ޖީ20 މަހާސިންތާ ނިންމާލައިފި

17 ނޮވެމްބަރ 2022

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިޔާ ކުށްވެރިކުރަމުން، ޖީ20ގެ ގައުމުތަކުގެ އެންމެ އިސް ވެރިންގެ މަހާސިންތާ މިއަދު ނިންމާލައިފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިޔާ ކުށްވެރިކުރަމުން، ޖީ20ގެ ގައުމުތަކުގެ އެންމެ އިސް ވެރިންގެ މަހާސިންތާ މިއަދު ނިންމާލައިފި އެވެ.

އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ އެންމެ އިސް ވެރިންގެ މަހާސިންތާ، އިންޑޮނީޝިޔާގެ ރިސޯޓް ރަށެއް ކަމަށްވާ ބާލީގައި ފެށީ އިއްޔެ އެވެ. ނިންމުގެ ޖަލްސާގައި އިއްވި މަހާސިންތާގެ ގަރާރުގައި ބުނެފައިވަނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މައްސަލައިގައި ރަޝިޔާ ކުށްވެރިކުރުމާ މެދު، ޖީ20ގެ ގައުމުތަކުގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓަސް، ހުރިހާ ގައުމުތައް އެއްބަސްވާ ކަންތައްތަކެއް އެބަހުރި ކަމަށް، އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިދޯދޯ އިއްޔެ ވިދާޅުވި އެވެ. އެ ގޮތުން، ރަޝިޔާ އިން މިހާރު ކުރަމުން ދާ ހަނގުރާމަ ވަގުތުން ހުއްޓައިލަންޖެހޭނެ ކަމަށް ހުރިހާ ގައުމުތައް ވެސް އެއްބަސްވެ އެވެ.

ޖީ20ގެ މަހާސިންތާ ނިންމުމުގެ ގޮތުން އާންމުކުރި ގަރާރުގައި، ޔޫކްރޭން ހަނގުރާމައިގެ މައްސަލަ ފާހަގަކުރާނެ ގޮތަކާ މެދު މެމްބަރުންގެ މެދުގައި ވަރަށް ގިނަ ބަހުސްތައް ކުރެވުނު ކަމަށް އިންޑޮނީޝިޔާގެ ރައީސް ވިދާޅުވި އެވެ. އެ ގަރާރުގައި ހިމެނޭ އެންމެ ޖުމްލައެއްގެ އިބާރާތާ މެދު ބައެއް ގައުމުތަކަށް އެއްބަސްނުވެވިގެން، ބުދަ ވިލޭރޭގެ ވަރަށް ދަން ވަންދެންވެސް މަޝްވަރާ ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހާސިންތާގެ ގިނަ ބައިވެރިން ވަނީ ރަޝިޔާ ކުށްވެރިކޮށް ވާހަކަ ދައްކައިފަ އެވެ. ނަމަވެސް ރަޝިޔާއާ އެކުގައި ގާތް ގުޅުމެއް ދަމަހައްޓަމުން އަންނަ ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތައް، ރަޝިޔާއާ ދެކޮޅަށް ޚިޔާލު ފާޅުކުރުމަށް ވަނީ ދެކޮޅު ހަދައިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޔޫކްރޭންގެ ހަނގުރާމައާ ދެކޮޅަށް މެމްބަރު ގައުމުތަކުގެ ވެރިން ވަރަށް ފާޅުގައި ވާހަކަ ދައްކަވާފައިވަނިކޮށް، ޕޮލެންޑްގެ ތެރެއަށް ގޮތް ނޭނގޭ މިސައިލެއް ވެއްޓުމާ ވިދިގެން، އަނެއްކާ ވެސް އެ ބަހުސް އިތުރަށް ހޫނުވެގެން ދިޔަ އެވެ. ނަމަވެސް އެ މިސައިލަކީ ރަޝިޔާ އިން ފޮނުވައިލި މިސައިލެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވުމާ ގުޅިގެން، މަސްރަހަށް ކޮންމެވެސް ފިނިކަމެއް ލިބިގެން ދިޔަ އެވެ.

މަހާސިންތާ ނިންމައިލުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ވަނީ، ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން، ޗައިނާ އިން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ގޮވާލައްވައިފަ އެވެ.