Roadha Mihaaru
އިންޕްލޭޝަނުން ސަލާމަތެއް ނުވެވޭނެ: ފަޒީލް ނަޖީބް

އިންޕްލޭޝަނުން ސަލާމަތެއް ނުވެވޭނެ، ފިޔަވަޅުތައް އެޅުން މުހިއްމު: ފަޒީލް ނަޖީބް

17 ނޮވެމްބަރ 2022

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފެލުމުންދާ ވަރަކަށް ރާއްޖޭގެ އިންފްލޭޝަނަށް އޭގެ އަސަރު ކުރާނެ ކަމަށާއި މިކަމުގައި މުހިއްމު ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމު ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފެލުމުންދާ ވަރަކަށް ރާއްޖޭގެ އިންފްލޭޝަނަށް އޭގެ އަސަރު ކުރާނެ ކަމަށާއި މިކަމުގައި މުހިއްމު ފިޔަވަޅުތަކެއް އެޅުން ވަރަށް މުހިއްމު ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެއްޖެ އެވެ.

ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ "އިފޯޕްކާ" ފޯރަމްގައި މިއަދު ފަޒީލް ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން ރޭޓަކީ އެމްއެމްއޭ އަށް މާބޮޑަށް ކޮންޓްރޯލް ކުރެވޭ ރޭޓެއް ނޫން ކަމަށެވެ. ރާއްޖޭގެ އިގްތިސާދަށް ބޭނުންވާ ހުރިހާ ކޮންސްޓްރަކްޝަން ސާމާނާއި އެނޫން ތަކެއްޗަކީ ވެސް ބޭރުން އެތެރެ ކުރާ ތަކެއްޗަށްވާ އިރު ބޭރުން ތަކެތީގެ އަގު ބޮޑުވާ މިންވަރަކަށް ރާއްޖެއިން އެތަކެތި ލިބޭ އަގު ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓްރެސްޓް ރޭޓު ބޮޑުކުރުމުން ލޯނު ނަގާ ވަރު މަދުވާނެ. އެކަމަކު ރާއްޖޭގައި އެގޮތަކަށް މަސައްކަތެއް ނުކުރޭ. އިންޓްރެސްޓް ރޭޓަށް ބަދަލު ގެނެސްގެން އަގު ކޮންޓްރޯލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އިންފްލޭޝަން ރޭޓު ގާތްގަނޑަކަށް 5.4 ޕަސެންޓަށް އަންނަ އަހަރު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 2.2 ޕަސެންޓަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އަގުތަކަށް އަންނަ އިތުރުވުމެވެ.

ފަޒީލް ވިދާޅުވީ، އިންފްލޭޝަންގެ އަސަރު ފެންނަނީ ޑޮލަރުގެ ކަޅު ބާޒާރުން ކަމަށެވެ. އަދި އެކަން މިހާރު ވެސް ފެންނަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17ރ، އާއި 18ރ. ދެމެދުގެ އަގެއްގަ އެވެ.

އިިފޯޕްކާގެ ބައެއް ބައިވެރިން. މި ކޮންފަރެންސްގައ ގިނަ ގައުމުތަކުގެ މަންދޫބުން ބައިވެރިވި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އިިފޯޕްކާގެ ބައެއް ބައިވެރިން. މި ކޮންފަރެންސްގައ ގިނަ ގައުމުތަކުގެ މަންދޫބުން ބައިވެރިވި. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އޭނާ ވިދާޅުވީ، މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތުން އިންފްލޭޝަން ހުރީ ކަންބޮޑުވާ ލެވެލް އެއްގައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ބޭރުގެ އެހެން ގައުމުތަކުގެ އިންފްލޭޝަން އިތުރުވަމުން އަންނަ އިރު އެކަމުގެ އަސަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވީ، މިވަގުތު ފިޔަވަޅެއް ނޭޅި ނަމަވެސް، ކޮންމެވެސް ހިސާބަކުން އެމްއެމްއޭއިން އިންޓަވީން ކުރަން ޖެހޭ ހާލަތެއް އައުން އެކަށީގެންވާ ކަމަށެވެ. އިންޓަވީން ކުރުމުގެ ގޮތުން އެމްއެމްއޭއަށް މާކެޓުގައި ދައުރުވާ ފައިސާ މަދު ކުރެވިދާނެ ކަމަށާއި މިކަން އެގޮތަށް ކުރުމުން ބޭންކްތަކުން ލޯނު ދޫކުރާ މިންވަރު މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގްލޯބަލް މާކެޓުގައި އިންޕްލޭޝަން އިތުރުވަމުން އަންނަ ނަމަ އެއީ ކަންބޮޑުވާން ޖެހޭނެ މައްސަލައެއް. އެހާލަތުގައި އެމްއެމްއޭއިން ފައިސާ ދައުރުވާ ވަރު ކޮންޓްރޯލު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ފަޒީލު ވިދާޅުވީ، މިފަދަ ހާލަތްތައް ކޮންޓްރޯލުކޮށް، ލިބޭ ގެންލުން ކުޑަކުރުމުގެ ބޮޑު ބާރެއް އޮތީ ސިޔާސީ މީހުންގެ އަތުގައި ކަމަށެވެ.

"ސިޔާސީ ލީޑަރުން މިވާ ވައުދުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓު ބޮޑު ކުރަން އެބަޖެހޭ. އަދި އެއާ އެކު ތަކެތީގެ އަގު އުފުލުމަށް ފުރުސަތު ބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.