Roadha Mihaaru
ރިއާސީ އިންތިޚާބަށް ކުރިމަތިލާނަން: ޓްރަމްޕު

ރިއާސީ އިންތިޚާބަށް ކުރިމަތިލާނަން: ޓްރަމްޕު

16 ނޮވެމްބަރ 2022

އެމެރިކާގައި 2024 ވަނަ އަހަރު އޮންނަ ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރޭ އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގައި 2024 ވަނަ އަހަރު އޮންނަ ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން، އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރޭ އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޕާމް ބީޗްގައި ހުންނަ، ޓްރަމްޕުގެ އަމިއްލަ ގެ ކަމަށްވާ މާރް-އާ-ލޯގޯ ރިސޯޓްގައި އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން، ޓްރަމްޕު ވިދާޅުވީ 2024 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާތީ ބަލިކުރުމަށް މިހާރުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޓްރަމްޕު މި އިއުލާން ކުރެއްވީ، 2017-2021 އަށް އޭނާ ވެރިކަމުގައި ހުންނެވި ދުވަސްވަރު ހިންގެވި ގާނޫނާ ޚިލާފު އަމަލުތަކެއް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތަހުގީގު ކުރަމުން ދަނިކޮށެވެ. އަދި މި މަހުގެ 8 ވަނަ ދުވަހު އޮތް އާންމު އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް، ރިޕަބްލިކަން ޕާޓީ އަށް ހޯދައިދިނުމަށް ކުރެއްވި މަސައްކަތުން ވެސް އެކަށީގެންވާ ކާމިޔާބެއް ނުހޯދި، ޕާޓީގެ އިސް ވެރިންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަން އަންނަ ދަނޑިވަޅެއްގަ އެވެ.

"(އެމެރިކާގެ ރައީސް ކަމުގެ މަގާމަށް) އަޅުގަނޑު މި ވާދަކުރަނީ، ދުނިޔޭގެ މުހިންމު މައްސަލަތަކުގައި މިގައުމަށް ނެރެވިދާނެ ނަތީޖާގެ ހަގީގީ މަންފާ ބައިނަލްއަގުވާމީ މުޖްތަމައަށް އަދިވެސް ނުފެންނަ ކަމަށް ގަބޫލުކުރެވޭތީ. އަޅުގަނޑުމެން އަނެއްކާ ވެސް ހުރިހާ ކަމެއްގައި އެމެރިކާ އިސްކުރާނަން،" ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން ޓްރަމްޕު ވިދާޅުވި އެވެ.

ޓްރަމްޕު އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ރިއާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވި އިރު، އިއްޔެ އޭނާ ވަނީ، އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ހުރިހާ ލިޔުންތައް، އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. އަދި އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމަށް އިއްޔެ އޭނާ ވަނީ "ޑޮނަލްޑް ޖޭ ޓްރަމްޕު ފޯ ޕްރެޒިޑެންޓް 2024"ގެ ނަމުގައި ޚާއްސަ ކޮމިޓީއެއް ވެސް އުފައްދަވައިފަ އެވެ.

ރިއާސީ އިންތިޚާބު ބޭއްވުމަށް ވެސް އަދި ދެ އަހަރެއްހާ ދުވަސް އޮއްވައި، ޓްރަމްޕު ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވިއިރު، ޕާޓީގެ ރިއާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ މަސައްކަތް ވެސް، 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ (ޖޫން-އޮގަސްޓް) ކުރިއަކުން ނުފަށާނެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާގެ އާންމު އާދަކާދައާ ވެސް ޚިލާފަށް މިހާ އަވަހަށް ޓްރަމްޕު އެކަން އިއުލާން ކުރެއްވީ، ޕާޓީގެ ޓިކެޓްގައި ރޭހަށް ނުކުންނަވަން ތިއްބެވި ބޭފުޅުންނަށް އެކަމުގެ މަގު ބަންދުކުރުމަށެވެ.

ނޮވެމްބަރ 15، 2022؛ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މިލޭނާ ޓްރަމްޕު، ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ރިސޯޓްގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. -- އޭއެފްޕީ

ނޮވެމްބަރ 15، 2022؛ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މިލޭނާ ޓްރަމްޕު، ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ރިސޯޓްގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. -- އޭއެފްޕީ

ކުރިއަށް އޮތް ރިއާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓްގައި ނުކުންނެވުމަށް ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ބޭފުޅަކީ، އެ ޕާޓީގެ ތެރޭގައި އަލަށް އަރަމުން އަންނަ ތަރި، ފްލޮރިޑާގެ ގަވަރުނަރު ރޮން ޑީސެންޓިސް އެވެ. އަދި ޓްރަމްޕުގެ ވެރިކަމުގައި އޭނާގެ ނާއިބަކަށް ހުންނެވި މައިކް ޕެންސް ވެސް ރިއާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ.

ކުރިއަށް އޮތް ރިއާސީ އިންތިޚާބަކީ ޓްރަމްޕު ވާދަކުރައްވާ ތިން ވަނަ ރިއާސީ އިންތިޚާބެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި ދެ ވަނަ ދައުރެއް ކަށަވަރުކުރެއްވުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބުވީ، އެ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ކުރި ހޯއްދެވުމުންނެވެ.

ޓްރަމްޕު ކުރިން ރާއްވާފައި އޮތީ، މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އޭނާގެ ރިޕަބްލިކަން ޕާޓީ އަށް ލިބޭ ބޮޑު ކާމިޔާބާ އެކުގައި، އޭނާގެ ރިއާސީ ރޭސް އިއުލާން ކުރެއްވުމަށެވެ. ނަމަވެސް އޭނާގެ ތާއީދާ އެކުގައި ވާދަކުރެއްވި ގިނަ ކެންޑިޑޭޓުންނަށް، ސެނެޓްގެ އިންތިޚާބުގައި ވެސް އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންތިޚާބުގައި ވެސް ލިބިވަޑައިގަތީ ނާކާމިޔާބެވެ.

އެ ނާކާމިޔާބާ ގުޅިގެން، ރިޕަބްލިކަން ޕާޓީގެ އިސް ވެރިން މިހާރު ގެންދަވަނީ އެ ނާކާމިޔާބީގެ ޒިންމާ އެކަކު އަނެކަކުގެ ބޮލުގައި އަޅުވަމުންނެވެ. ޓްރަމްޕު ތުހުމަތުކުރައްވާ ގޮތުގައި ޕާޓީ އަށް ލިބުނު ނާކާމިޔާބީގެ ޒިންމާ އުފުލަންޖެހޭނީ، ސެނެޓްގެ މައިނޯރިޓީ ލީޑަރުގެ މަގާމުގައި ހުންނެވި އެ ޕާޓީގެ މިޗް މެކްކޮނެލް އެވެ.

ނަމަވެސް އެ ޕާޓީގެ އެހެން ބައެއް ވެރިން ތުހުމަތުކުރައްވާ ގޮތުގައި ސެނެޓްގެ އަޣުލަބިއްޔަތު ނުލިބުނީ ޓްރަމްޕުގެ ސަބަބުންނެވެ. ސެނެޓްގެ އަޣުލަބިއްޔަތު ހޯދުމަށް އެކަށީގެންވާ މިންވަރަށް ޓްރަމްޕު އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގެންނެވުމާއި އެކަށީގެންވާ ގޮތެއްގައި ކެމްޕޭން ނުކުރެއްވުމަކީ، ނާކާމިޔާބީގެ އަސްލު ސަބަބު ކަމަށް އެ ބޭފުޅުން ދެކެ އެވެ.