Roadha Mihaaru
ވައުދު ފުއްދައިފި ނަމަ 50 އަހަރު ވެރިކަން ކުރާނެ: މުޝީރު

ވައުދު ފުއްދައިފި ނަމަ 50 އަހަރު ރިޕަބްލިކަން ޕާޓީ ވެރިކަން ކުރާނެ: މުޝީރު

20 ނޮވެމްބަރ 2016

ނިއު ޔޯކް (ނޮވެމްބަރު 20) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންނެވި ވައުދުތައް ރިޔާސީ ދައުރުގައި ފުއްދަވައިފި ނަމަ ކުރިއަށް އޮތް 50 އަހަރު ވެސް ވެރިކަން ކުރާނީ ރިޕަބްލިިކަން ޕާޓީ ކަމަށް ޓްރަމްޕުގެ ސީނިއާ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި ސްޓެފަން ބެނޮން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

"ވައުދު ފުއްދައިފި ނަމަ ދޮން ނަސްލުގެ މީހުންގެ 60 ޕަސެންޓް ވޯޓު ލިބޭނެ. އަދި ކަޅު ނަސްލުގެ މީހުންނާއި ހިސްޕޭނިކުންގެ 40 ޕަސެންޓް ތާއިދު ލިބޭނެ. އޭރުން ކުރިއަށް އޮތް 50 އަހަރު ވެސް ވެރިކަމުގައި އޮންނާނީ ރިޕަބްލިކަން ޕާޓީ،" ހޮލީވުޑް ރިޕޯޓާ އަށް ދެއްވި އިންޓަވިއުއެއްގައި ބެނޮން ވިދާޅުވި އެވެ.

ޓްރަމްޕުގެ އެޑްވައިޒަރު ބެނޮން، ޓްރަމްޕް ޓަވަރުން ނުކުމެވަޑައިގަންނަވަނީ.

ޓްރަމްޕުގެ އެޑްވައިޒަރު ބެނޮން، ޓްރަމްޕް ޓަވަރުން ނުކުމެވަޑައިގަންނަވަނީ.

އޭނާ ވިދާޅުވީ ޓްރަމްޕުގެ ވެރިކަމުގައި އެމެރިކާ އަށް އިގްތިސާދީ އިންގިލާބެއް ގެނެސް ހީނުކުރާ ވަރަށް ވަޒީފާތައް އުފައްދަވާނެ ކަމަށެވެ. އަދި އެމެރިކާ ތަރައްގީ ކުރުމުގެ ޓްރިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗާ ޕްލޭން ތައްޔާރު ކުރި މީހަކީ އޭނާ ކަމަށް ވިދާޅުވި އެވެ. ކުރީގެ ރައީސް އެންޑްރޫ ޖެކްސަން ގެންނެވި ސިޔާސީ ހަރަކާތަށް ވުރެ މާ ވަރުގަދަ ސިޔާސީ ހަރަކާތެއް ޓްރަމްޕް ބިނާ ކުރައްވާނެ ކަމަށާއި އިގްތިސާދު ފުޅާކޮށް ފިނި ހަނގުރާމަ ނިމުމަކަށް ގެނައުމަށް 40 ވަނަ ރައީސް ރޮނަލްޑް ރޭގަން ގެންނެވި އިންގިލާބަށް ވުރެ ވަރުގަދަ އިންގިލާބެއް ޓްރަމްޕް ގެންނަވާނެ ކަމަށް ބެނޮން ވިދާޅުވި އެވެ.

ޓްރަމްޕުގެ އެންމެ އިސް އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި ބެނޮން އަކީ ބްރެއިބާޓް ނިއުސް ނެޓްވޯކުގެ އެގްޒެކެޓިވް ޗެއާމަން އެވެ. ޓްރަމްޕުގެ ކެމްޕޭނުގެ ސީއީއޯގެ މަގާމާ އޮގަސްޓް މަހު ހަވާލުވުމަށް ފަހު ބެނޮން ވަނީ ބްރެއިބާޓް ނިއުސް އިން އެއް ފަރާތްވެފަ އެވެ. އުމުރުން 62 އަހަރުގެ ބެނޮން ވަނީ 2012 ވަނަ އަހަރު ބްރެއިބާޓް ނިއުސްއާ ހަވާލުވުމަށް ފަހު އެމެރިކާގައި އެންމެ ގިނަ މީހުން ކިޔާ ކޮންޒަވެޓިވް ނިއުސް ވެބްސައިޓަށް ހަދައިފަ އެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ބްރައިބާޓް ނިއުސް ވަނީ ވަރަށް ބޮޑަށް ޓްރަމްޕް ކޮޅަށް ޖެހިފަ އެވެ.