Roadha Mihaaru
ޓްރަމްޕްގެ ވަކީލު ޔޫޓިއުބުން ބޭރުކޮށްލައިފި

ޓްރަމްޕްގެ ވަކީލު ޔޫޓިއުބުން ބޭރުކޮށްލައިފި

29 ޖެނުއަރީ 2021

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރު ދެއްވައިގެން އޭނާގެ ސަޕޯޓަރުން ލައްވައި މި މަހުގެ ކުރީކޮޅު އެމެރިކާގެ ކެޕިޓޮލް ހިލްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕްގެ ޔޫޓިއުބް ޗެނެލް ސަސްޕެންޑްކޮށްފައި ވަނިކޮށް އޭނާގެ ވަކީލު ރުޑޮލްފް ޖިއުލިއާނީ ވެސް ޔޫޓިއުބްގެ ޕާޓްނާ ޕްރޮގްރާމުން ބޭރުކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްވަރު ދެއްވައިގެން އޭނާގެ ސަޕޯޓަރުން ލައްވައި މި މަހުގެ ކުރީކޮޅު އެމެރިކާގެ ކެޕިޓޮލް ހިލްގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕްގެ ޔޫޓިއުބް ޗެނެލް ސަސްޕެންޑްކޮށްފައި ވަނިކޮށް އޭނާގެ ވަކީލު ރުޑޮލްފް ޖިއުލިއާނީ ވެސް ޔޫޓިއުބްގެ ޕާޓްނާ ޕްރޮގްރާމުން ބޭރުކޮށްލައިފި އެވެ.

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން އޭނާ ބޭރުކޮށްލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަސްލެއް ނެތް ތުހުމަތުތަކެއް ކުރައްވާފައިވާތީ އެވެ. ޖިއުލިއާނީ ވަނީ އިންތިހާބުގައި ވޯޓު އޮޅުވާލައި، ވައްކަންކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލާގައި ޔޫޓިއުބްގެ ޕާޓްނާ ޕްރޮގްރާމުން އޭނާ ބޭރުކޮށްފައިވާތީ ޖިއުލިއާނީގެ އެއްވެސް ވީޑިއޯއެއް ދެން އެ ޕްލެޓްފޯމަކަށް އަޕްލޯޑެއް ނުކުރެވޭނެ އެވެ. މިގޮތަށް ޔޫޓިއުބުން ނިންމީ މި މަހުގެ 6 ގައި ވޮޝިންޓަން ޑީސީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓްރަމްޕްގެ ޔޫޓިއުބް ޗެނެލްގެ ސަސްޕެންޝަންގެ މުއްދަތު ދިގުދަންމަން ވެސް ނިންމާފައި ވަނިކޮށެވެ.

ނަމަވެސް ޕާޓްނާ ޕްރޮގްރާމްގެ ދަށުން ޖިއުލިއާނީ އަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅިދާނެ އެވެ. އަދި ޔޫޓިއުބުން ފާޅުކުރި ކަންބޮޑުވުންތައް އިސްލާހުކުރަން ބޭނުންވާ ނަމަ 30 ދުވަހުގެ ތެރޭގައި އެކަމަށް އަލުން އެދެވި ވެސް ދާނެ އެވެ.

އެކަން ކަށަވަރުކޮށްދެމުން އެތަނުގެ ތަރުޖަމާނު ވިދާޅުވީ ޖިއުލިއާނީގެ ވީޑިއޯތަކުގައި އިންތިހާބާ ބެހޭ ގޮތުން ހަގީގަތާ ހިލާފު، ސާބިތު ނުހިފޭ އެތައް ވާހަކައެއް ދައްކަވާފައިވާ ކަމަށެވެ. އެފަދަ ވާހަކަތައް ޔޫޓިއުބްގެ އުސޫލުތަކާ ހިލާފު ކަމަށް ބުންޏެވެ.

"އެހެންވެ ފިޔަވަޅު އަޅަން މަޖުބޫރުވީ. މަސްރަހު އަދިވެސް ގޯސްވެދާނެކަމުގެ ބިރު އޮތުމާ އެކު އަހަރެމެންގެ ޓީމުން މެދިކެނޑުމެއް ނެތި މި އަންނަނީ މި ޕްލެޓްފޯމް މެދުވެރިކޮށް ފަތުރައިފާނެ ދޮގު މައުލޫމާތުތަކަށް ވަރަށް ބޮޑަށް ފާރަވެރިވަމުން،" ތަރުޖަމާ ވިދާޅުވި އެވެ.

ޔޫޓިއުބުން ޖިއުލިއާނީ ބޭރުކޮށްލި އިރު އިންތިހާބަށް ވޯޓިން މެޝިން ފޯރުކޮށްދިން ކުންފުނި، ޑޮމިނިއަން ވޯޓިން ސިސްޓަމްސް އިން ވަނީ އޭނާގެ މައްޗަށް އަބުރުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ ކުންފުނިން ދައުވާކުރަނީ ވޯޓު އޮޅުވާލުމަށް ވޯޓިން މެޝިން ބޭނުންކޮށްފައިވާ ކަމަށް ވިދާޅުވެފައިވާތި އެވެ. އެހެންވެ ގެއްލުމުގެ ބަދަލަށް 1.3 ބިލިއަން ޑޮލަރު ހޯދަން ޖިއުލިއާނީގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.