Roadha Mihaaru
ސެނެޓްގެ ކޮންޓްރޯލް ޑިމޮކްރޭޓުންނަށް

ސެނެޓްގެ ކޮންޓްރޯލް ޑިމޮކްރޭޓުންނަށް

13 ނޮވެމްބަރ 2022

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް، މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ 50 ގޮނޑި ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށް، ސެނެޓްގެ އަޣުލަބިއްޔަތު ހޯދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް، މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި، ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓްގެ 50 ގޮނޑި ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކޮށް، ސެނެޓްގެ އަޣުލަބިއްޔަތު ހޯދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ވޯޓު ގުނަމުން އައިސް މިދިޔަ ހުކުރު ދުވަހާ ހަމައަށް އައި އިރު ވެސް، ސެނެޓްގެ 100 ގޮނޑީގެ ތެރެއިން ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި އޮތީ އެންމެ 48 ގޮނޑި އެވެ. އަދި ރިޕަބްލިކަން ޕާޓީ އަށް ވެސް ލިބިފައި އޮތީ އެންމެ 49 ގޮނޑި އެވެ.

ނަމަވެސް މިހާތަނަށް ނަތީޖާ މުޅިން ސާފުނުވެ އޮތް ތިން ދާއިރާގެ ތެރެއިން، ނެވާޑާ އާއި އެރިޒޯނާގެ ގޮނޑި ވެސް ޑިމޮކްރެޓިކް ޕާޓީގެ ދެ ކެންޑިޑޭޓުން ކާމިޔާބުކުރުމާ ގުޅިގެން، ހަނި އަޣުލަބިއްޔަތަކުން، ކުރިއަށް އޮތް ދެ އަހަރު ވެސް ސެނެޓްގެ މެޖޯރިޓީ އޮންނާނީ އެ ޕާޓީ އަށް ކަމަށް ބެލެވެ އެވެ. މި ދެ ދާއިރާގައި ނެގި ވޯޓުގެ ނަތީޖާ މުޅިން ސާފުނުވިޔަސް، ބާކީ ހުރި ވޯޓުތައް ގުނައި ނިމުމުން ވެސް، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނަށް އެ ދެ ދާއިރާ ދެން ކާމިޔާބު ނުވާނެ ކަމަށް ސީއެންއެން އިން ބުނެ އެވެ.

ވޯޓުގެ ނަތީޖާއާ މެދު މިހާތަނަށް ވަކި ގޮތަކަށް ނުނިމި އޮތް އަނެއް ދާއިރާއަކީ ޖޯޖިއާ އެވެ. އެ ދާއިރާގެ ގޮނޑި އަށް ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަށާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް ވެސް، ވޯޓު ލީ މީހުންގެ 50 ވޯޓު ހާސިލުކުރެވިފައި ނުވާތީ، އެ ދާއިރާ އަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ދެ ވަނަ ބުރުގެ ވޯޓުލުން، ޑިސެންބަރު މަހުގެ ތެރޭގަ އެވެ.

ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުލުމުގައި، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާމިޔާބު ހޯއްދަވައިފި ނަމަ، ސެނެޓްގައި ދެ ޕާޓީގެ މެމްބަރުންގެ އަދަދު ހަމަހަމަ ވާނެ އެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ސެނެޓްގެ މެޖޯރިޓީ ޕާޓީ ކަނޑައަޅާނީ، ސެނެޓްގެ ރައީސްގެ ހައިސިއްޔަތުން، އެވަގުތަކު އެމެރިކާގެ ނައިބު ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ދެއްވާ ވޯޓަކުންނެވެ.

ނޮވެމްބަރ 12، 2022؛ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ނެވާޑާ ގޮނޑި އަށް ވާދަކުރެއްވި ކެތުރީން ކޯޓޭޒް މާސްޓޯ، ކެމްޕޭންގެ ތެރޭގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

ނޮވެމްބަރ 12، 2022؛ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ނެވާޑާ ގޮނޑި އަށް ވާދަކުރެއްވި ކެތުރީން ކޯޓޭޒް މާސްޓޯ، ކެމްޕޭންގެ ތެރޭގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ

މިހާރު އެމެރިކާގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ކަމަލާ ހެރިސްއަކީ ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކަށް ވާތީ، ސެނެޓްގެ ގޮނޑިތައް ހަމަހަމަވެއްޖެ ނަމަ، ކަމަލާގެ ވޯޓުން، ސެނެޓްގެ މެޖޯރިޓީ ޕާޓީއަކީ ޑިމޮކްރެޓިކް ޕާޓީ ކަމަށް ކަނޑައަޅާނެ އެވެ.

ސެނެޓްގެ މެޖޯރިޓީ ގާތްގަނޑަކަށް މިހާރު ކަނޑައެޅިފައި ވިޔަސް، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެޖޯރިޓީ ޕާޓީ އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ނަމަވެސް، މިހާރު ސާފުވަމުންދާ ނަތީޖާތަކާއެކު، ޖުމްލަ 218 ގޮނޑި ހިމެނޭ ހައުސްގެ މެޖޯރިޓީއާ ބޮޑަށް ކައިރިވަމުން ދަނީ ރިޕަބްލިކަން ޕާޓީ އެވެ.

ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ހައުސްގެ މެޖޯރިޓީ ނުލިބުނަސް، ސެނެޓްގެ މެޖޯރިޓީ ލިބުމުން، ރައީސް ޖޯ ބައިޑެންގެ ފުރަތަމަ ރިއާސީ ދައުރުގެ ފަހު ދެ އަހަރުގެ ތެރޭގައި، ގާނޫނު ހަދާ މަޖިލިސް މެދުވެރިކުރައްވައި ނިންމަވަން ޖެހިވަޑައިގަންނަވާ މުހިންމު ގައުމީ ކަންކަމަށް މަގު ފަހިވެގެން ދާނެ އެވެ. އެފަދަ އެއް ކަމަކީ، އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ރައީސްގެ ފަރާތްޕުޅުން ހުށަހަޅުއްވާ ނަންތައް، ސެނެޓުން ފާސް ކުރުމެވެ.

އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީއާ އެކު ހައުސް އިން ފާސްކުރާ، ސަރުކާރުން ތާއީދު ނުކުރާ ބިލްތައް ވެސް، ސެނެޓުން ބޭނުންވެއްޖެ ހިނދެއްގައި، ފާސްނުކޮށް ގާނޫނު ހަދާ މަޖިލީހުން ބޭރުކޮށްލެވޭނެ އެވެ.