Roadha Mihaaru
މެދުތެރޭ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައި

މެދުތެރޭ އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައި

09 ނޮވެމްބަރ 2022

ދައުރުން މެދުތެރޭގައި އާންމު އިންތިޚާބުގެ ވޯޓުލުން އެމެރިކާގައި އިއްޔެ ބޭއްވިއިރު، އެ ގައުމުގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ އެ އިންތިޚާބުގެ ނަތީޖާއަށެވެ.

ދައުރުން މެދުތެރޭގައި އާންމު އިންތިޚާބުގެ ވޯޓުލުން އެމެރިކާގައި އިއްޔެ ބޭއްވިއިރު، އެ ގައުމުގެ ރައްޔިތުންގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ އެ އިންތިޚާބުގެ ނަތީޖާއަށެވެ.

އާންމު ގޮތެއްގައި ހަފުތާއެއްގެ ތެރޭގައި ނަތީޖާ ސާފުވާވަރު ވިޔަސް، މިފަހަރުގެ އެންމެ ފަހު ނަތީޖާތައް ކަށަވަރުވާން އެއަށް ވުރެ ވެސް ގިނަ ދުވަސް ނަގާފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސަބަބަކީ ދާއިރާތަކުގެ ވާދަވެރިކަން ބޮޑުވެ، ކެންޑިޑޭޓުންނަށް ލިބެމުންދާ ވޯޓުގެ ތަފާތު ކުޑަވުމެވެ. ވޯޓު ލައި ނިމުނުތާ 24 ގަޑިއިރުވި އިރު، ބައެއް ދާއިރާތަކުގެ ނަތީޖާވަނީ ގާތްގަނޑަކަށް ކަށަވަރުވެ، ކާމިޔާބު ކުރެއްވި ބޭފުޅުންވެސް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ނަމަވެސް ވާދަވެރިކަން ބޮޑު ބައެއް ދާއިރާތަކުގެ ސާފު ނަތީޖާއެއް ފެންނަވަރު ވާނީ، ހުރިހާ ވޯޓުފޮށިތައް ގުނައި ނިމުމުންނެވެ.

މިހާތަނަށް ސާފުކުރެވުނު ނަތީޖާއަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވް) 435 ގޮނޑީގެ ތެރެއިން، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ވަނީ 174 ގޮނޑި ކަށަވަރުކޮށްފަ އެވެ. ތިރިގޭގެ މެޖޯރިޓީ ލިބޭނީ މަދުވެގެން 218 ގޮނޑި ލިބިގެން ކަމަށްވާއިރު، އިދިކޮޅު ރިޕަބްލިކަން ޕާޓީ އަށް މިހާތަނަށް ކަށަވަރުވެފައިވަނީ 195 ގޮނޑި އެވެ.

ގާނޫނު ހަދާ މަޖިލިސް (ސެނެޓް) ގައި ޖުމްލަ 100 ގޮނޑި ހިމެނޭ އިރު، މިހާތަނަށް ސާފުކުރި ނަތީޖާއިން ދައްކާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީ އަށް ކާމިޔާބު ކުރެވުނީ 48 ގޮނޑި އެވެ. އަދި ރިޕަބްލިކަން ޕާޓީ އަށް ވެސް ކާމިޔާބުވެފައިވަނީ 48 ގޮނޑި އެވެ.

މިހާރު ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ކުރިން ލަފާކުރި ގޮތާ ޚިލާފަށް ބައެއް ދާއިރާތަކުގެ ނަތީޖާ ވަނީ ބަދަލުވެފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ، މިޗިގަންގެ މިހާރުގެ ގަވަރުނަރަށް މިފަހަރު ނާކާމިޔާބުވާނެ ކަމަށް ލަފާކުރެވިފައި ވަނިކޮށް، އޭނާ ދެ ވަނަ ދައުރަކަށް އިންތިޚާބުވުމެވެ.

އޭގެ އިތުރުން ސެނެޓްގެ ޕެންސެލްވީނިއާގެ ގޮނޑި އަށް، ކުރީގެ ރައީސް ޓްރަމްޕުގެ ތާއީދާއެކު ވާދަކުރެއްވި ޑރ. މުހައްމަދު އޯޒް އެ ގޮނޑި ކާމިޔާބުކުރައްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އޭނާ އަށް ވަނީ ނާކާމިޔާބީ ކުރިމަތިވެފަ އެވެ. އެ ގޮނޑި ކާމިޔާބުކުރައްވާނެ ކަމަށް ވަގުތީ ނަތީޖާ އިން ދައްކަނީ، ރިޕަބްލިކަން ޕާޓީގެ ޖޯން ފެޓާމަން އެވެ.

އެމެރިކާގެ ރިއާސީ ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިޚާބަކީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)ގެ 435 ގޮނޑި އަށާއި، މަތިގެ (ސެނެޓް)ގެ 100 ގޮނޑީގެ ތެރެއިން 33 ނުވަތަ 34 ގޮނޑި އަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. އޭގެ އިތުރުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 34 ސްޓޭޓަށް، ހަތަރު އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުމާއި، ވާމޮންޓް އާއި ނިއު ހަމްޝަޔާ އަށް ދެ އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިޚާބު ކުރުން ވެސް އޮންނާނެ އެވެ.

އަދި ގިނަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މޭޔަރުން އިންތިޚާބުކުރުން ވެސް އޮންނާނެ އެވެ.