Roadha Mihaaru
"ތަކުލީފު އުފުލަންޖެހުނަސް ސަރުކާރު ހާމަކަން ބޮޑުވާނެ"

ތަކުލީފު އުފުލަން ޖެހުނަސް މި ސަރުކާރުގެ ހާމަކަން ބޮޑުވާނެ: ރައީސް

11 ނޮވެމްބަރ 2022

ހާމަކުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރަށް ބައެއް ފަހަރު ތަކުލީފް އުފުލަން ޖެހުނަސް ހާމަ ކުރުމުގެ ސިޔާސަތު ހިފަހައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހާމަކުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރަށް ބައެއް ފަހަރު ތަކުލީފް އުފުލަން ޖެހުނަސް ހާމަ ކުރުމުގެ ސިޔާސަތު ހިފަހައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ކުރީ ސަރުކާރު ވެރިކަމުގައި އޮތް ދައުލަތް ތެރޭގައި އޮތް ކިލަނބުކަން ބޮޑުކަމުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ހާމަކަން ބޮޑު ގޮތެއްގައި ދައުލަތް ހިންގުން ކަމަށެވެ.

އޭގެ ބަދަލުގައި މިހާރު ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެތައް މަގެއް އަދި ވަސީލަތްތަކެއް ފަހިކޮށްދީފައިވާ ކަމަށާއި މާލީ ހިސާބުތަކާއި، ރައްޔިތުންނާ ގުޅުންހުރި ނިންމުންތަކާއި، ކޮށް ނިންމާފައި ހުރި ކަންކަމާއި އިތުރަށް ކުރާނެ ކަންކަމުގެ މައުލޫމާތަށް ވެސް މިހާރު ވާސިލްވެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހާމަކުރެވޭ މައުލޫމާތުގެ ދެ ފޮޅުވަތް ދޭތެރެ އާއި ފިލިކޯޅިން މާނަ ނެގުމަކީ ސަރުކާރަށް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއްކަން އެނގިތިބެ ވެސް މިހާރުގެ ރޫހަކީ ހަމަ ހާމަކުރުން،" ރައީސް ވިދާޅުވި އެވެ.

އިސްވެ މައުލޫމާތު ހާމަ ކުރުމަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ވެވަޑައިގެންފައިވާ ވައުދެކެވެ.

ނަމަވެސް ސަރުކާރުން އިސްވެ މައުލޫމާތު ހާމަ ކުރުމުގެ ކުރިން މައްސަލަތައް ފެންމަތިވެ، ހޫނުވާ ހިސާބުން ކަންކަން ހާމަ ކުރާތީ އެކަމުގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވެ އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކުގެ ނޭދެވޭ އަސަރު ރާއްޖެ އަށް ކުރާ ކަމަށާއި ނަމަވެސް އެ ނޭދެވޭ އަސަރަށް ވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔަ އަޅައި ތޫނު ކުރާ ބަހުރުވަ ކަމަށެވެ.

"ރާއްޖެ ބަނގުރޫޓްވެ، އިގްތިސާދު އިނދަޖެހި، ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު އަބަދާ އަބަދު ރައްޔިތުންނަށް އެބަދައްކާ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރު އޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާ ކަމަށާއި ކޮންމެ ހާލަތަކުން އަރައިގަތުމަށް އެ ވަގުތަކަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބުން އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލްތައް ރާއްޖޭގެ އިގްތިސާދީ މީޓަރުތަކުން ދައްކަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.