Roadha Mihaaru
ރައީސް އިބޫގެ ދަތުރުފުޅުގެ ރިސިޓްތައް ހާމަކޮށްފި

ރައީސް އިބޫގެ ދަތުރުފުޅުގެ ރިސިޓްތައް ހާމަކޮށްފި

27 ޖުލައި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިޔުމުން އެ ރިސިޓްތައް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެޓާނީ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންދިޔުމުން އެ ރިސިޓްތައް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެވެ.

މި މައުލޫމާތު ހޯދަން އެދުނީ ކުރީގެ ނޫސްވެރިޔާ އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އަޒާން އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމެރިކާ ދަތުރުފުޅުގެ ރަސީދުތައް ލިބިފައިވާ ކަމަށާއި ރިސިޓްތައް ހާމަ މިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކަމަށެވެ.

ރިސިޓްތަކުގެ މައްސަލާގައި މިދިޔަ ހަފުތާ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ އެ ސްޓޭންޑު ދިފާއުކޮށް، އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ރިސިޓްތައް ހާމަ ނުކުރިޔަސް، ދަތުރުފުޅުގެ ހަރަދުތައް ކުރިން ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެގޮތަށް ދައުލަތުން ކޯޓުގައި ވަކާލާތު ކުރުމުން ސޯޝަލް މީޑިއާގައި އަޒާން ނުރުހުން ފާޅުކޮށްފައިވެ އެވެ.

އޭގެފަހުން އެ ނިންމުން ބަދަލުކޮށް އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހައި ކޯޓުން އަންގާފައިވާ ގޮތަށް ރިސިޓްތައް ހާމަކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ދައުލަތުން މީގެކުރިން ބުނަމުން އައީ ރިސިޓްތަކަކީ މައުލޫމާތެއް ނޫން ކަމަށާއި މައުލޫމާތަކަށް ވާނީ ދަތުރުފުޅަށް ކުރި ހަރަދާ ގުޅޭގޮތުން ރިސިޓްގައި ހިމެނޭ ތަފްސީލުތައް ކަމަށެވެ. އަދި އެ ތަފްސީލުތައް ކުރިން ވެސް ދޫކޮށްފައިވާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.