Roadha Mihaaru
ފައިސާ ޗާޕު ކުރާ ނަމަ އެކްސްޗޭންޖް ރޭޓަށް އަސަރުކުރާނެ

އިތުރަށް ފައިސާ ޗާޕު ކުރާ ނަމަ އެކްސްޗޭންޖް ރޭޓަށް އަސަރުކުރާނެ: އެމްއެމްއޭ

11 ނޮވެމްބަރ 2022

އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް 4.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުގެ ފުރުސަތު އޮތުމުން އޭގެ ސަބަބުން ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް 4.4 ބިލިއަން ރުފިޔާ ޗާޕު ކުރުމުގެ ފުރުސަތު އޮތުމުން އޭގެ ސަބަބުން ރާއްޖޭގެ އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރަ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭ އިން ދިން ލަފާގައިވާ ގޮތުން ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ އެވެ.

އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް އިސްކަން ދޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އޯއެމްއޯގެ ސަބަބުން ސަރުކާރުގެ ޓީބިލްތަކަށް ވިޔަފާރި ބޭންކްތަކުން އިންވެސްޓް ކުރާ ވަރު ކުޑަ ކަމަށް ވޭތުވެދިޔަ އަހަރުތަކުގައި ވެސް ފާހަގަކުރެވޭ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރަށް 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕު ކުރެވޭނެ ގޮތް އަންނަ އަހަރުގެ ނިޔަަލަށް ދިގު ދަންމާލައިފަ އެވެ.

އެ އިދާރާއިން ބުނީ، އެކަމާ ގުޅިގެން ސަރުކާރުން ޑޮމެސްޓިކް މާކެޓުން ފައިސޭންސިން ހޯދަން ޖެހޭނީ ބޮޑު އިންޓްރެސްޓް ރޭޓެއްގައި ކަމަށެވެ. އެހެންވެ، އިތުރަށް ފައިސާ ޗާޕު ކުރުމުން ޑޮމެސްޓިކް މާކެޓުން ސަރުކަރުން ހޯދަން ބޭނުންވާ ފައިސާ އެއްކުރުމަށް އުނދަގޫވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެ އިދާރާ އިން ބުނިގޮތުގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުން މިހާތަނަށް ޕަބްލިކް ބޭންކް އެކައުންޓުން ނެގި ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ.

ބަޖެޓުގައި ވަނީ ޑެފިސިޓް ހަމަޖެއްސުމަށް ބޭރުގެ މާކެޓުން 6.4 ބިލިއަން ރުފިޔާ އަދި ޑޮމެސްޓިކް މާކެޓުން 4.7 ބިލިއަން ރުފިޔާ ހޯދުމަށް އަންދާޒާ ކޮށްފަ އެވެ. އެ ފައިސާ ނުހޯދިއްޖެ ނަމަ ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް އަނެއްކާވެސް ދަތިތަކާ ކުރިމަތިވާނެ އެވެ.

އެމްއެމްއޭ އިން ބުނީ ބޭރުން ހޯދާ ފައިނޭންސްގެ ސަބަބުން ރާއްޖޭގެ ރިޒާވް އިތުރު ކުރުމަށް ވެސް ފުރުސަތު ލިބޭ ކަމަށެވެ. އެގޮތުން 2019 އިން 2021 ވަނަ އަހަރަށް ބޭރުގެ ފައިނޭންސިންގެ ގޮތުގައި ބަޖެޓުގައި އަންދާޒާކުރި ވަރުގެ ތެރެއިން ލިބިފައި ވަނީ ގާތްގަނޑަކަށް 50 ޕަސެންޓެވެ. އެހެންވެ، ވޭތުވެދިޔަ އަހަރުތަކުގައި ރަސްމީ ރިޒާމު އެކަށީގެންވާ ވަރެއްގައި ހިފެހެއްޓުމަށް ދަތިވި އެވެ.

ރާއްޖޭގެ ރިޒާވް، އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުތެރޭ އެއް ބިލިއަން ޑޮލަރަށް އެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ނަމަވެސް އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ރިޒާވް ހުންނާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވަނީ 600 މިލިއަން ޑޮލަރުގަ އެވެ.