Roadha Mihaaru
ކުޑަހުވަދޫ: ކުނި މެނޭޖްކުރުމުގެ މިސާލެއް

ކުޑަހުވަދޫ: މުޖުތަމައުން އިސްނަގައިގެން ކުނި މެނޭޖްކުރުމުގެ މިސާލެއް

06 ނޮވެމްބަރ 2022

ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސަރަހައްދީ އިގްތިސާދީ މަރުކަޒެއް ކަމުގައިވާ ދ. ކުޑަހުވަދޫއަކީ، ކުނި މެނޭޖްކުރުމުގައި "ބޭނުންކޮށްފައި އުކާލާ" ވިސްނުމުން ވަށާޖެހޭ އިގްތިސާދީ ތަސައްވަރަކަށް ބަދަލުވުމަށް މުޖުތަމައުގެ ބައިވެރިވުމާއި ބައިވެރިންގެ ވަސީލަތްތައް ބޭނުންކޮށްގެން ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސަރަހައްދީ އިގްތިސާދީ މަރުކަޒެއް ކަމުގައިވާ ދ. ކުޑަހުވަދޫއަކީ، ކުނި މެނޭޖްކުރުމުގައި "ބޭނުންކޮށްފައި އުކާލާ" ވިސްނުމުން ވަށާޖެހޭ އިގްތިސާދީ ތަސައްވަރަކަށް ބަދަލުވުމަށް މުޖުތަމައުގެ ބައިވެރިވުމާއި ބައިވެރިންގެ ވަސީލަތްތައް ބޭނުންކޮށްގެން ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ފެށި މޮޑެލް އައިލެންޑް ޕްރޮޖެކްޓްގެ ފުރަތަމަ ރަށަކަށް ދ. އަތޮޅު ކުޑަހުވަދޫ ވެގެން ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ކޮކާ-ކޯލާ އާއި އެ ކުންފުނީގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އާ ގުޅިގެން މޯޕާ އިން މި އަހަރުގެ ކުރީކޮޅު ވަނީ، 'އޮން ދަ ގްރައުންޑް، އިން ދަ ސީ: ވޭސްޓް ސެގްރިގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ' ގެ ނަމުގައި އެ ރަށުގައި ޕްރޮގްރާމެއް ފަށައިފަ އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މޯޕާ އިން ވަނީ ރަށު ކައުންސިލަށް ކުނި އަޅާނެ ވަށިގަނޑު ފޯރުކޮށްދީފަ އެވެ. އެއަށް ފަހު ދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ކުނި މެނޭޖްކުރުމާއި ކުނި އުކާލުމުގެ ކުރިން ވަކިކުރުމާއި އަލުން ބޭނުންކުރުމާ ގުޅޭ ގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.

މޯޕާ އިން ކުޑާހުވާދޫގައި ބޭއްވި މައުލޫމާތު ސެޝަންގެ ތެރެއިން ---ފޮޓޯ: މޯޕާ

މޯޕާ އިން ކުޑާހުވާދޫގައި ބޭއްވި މައުލޫމާތު ސެޝަންގެ ތެރެއިން ---ފޮޓޯ: މޯޕާ

އޭގެ އިތުރުން، ރަށުގެ މުހިންމު ތަންތަނުގައި ހޭލުންތެރިކުރުމަށް ބިލްބޯޑު ބެހެއްޓުމާއި ދެމެހެއްޓެނިވި ކަންކަމާ ގުޅޭ ގޮތުން ދަރިވަރުންނަށް މުބާރާތްތައް ބޭއްވުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.

"އަޅުގަނޑުމެންގެ ރަށުގައި އަޅުގަނޑުމެން ތަންފީޒު ކުރަމުން ގެންދާ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް މި ރަށުގެ ތިމާވެއްޓާއި، ވެށި ބެލެހެއްޓުމުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ،" ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފިކުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މޮޑެލް ސިސްޓަމް އެ ރަށުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، އުއްމީދުކުރަނީ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ އިގްތިސާދީ ވިސްނުމަކުން އެ ރީތި މާހައުލު ހިމާޔަތްކުރުމަށް ދ. އަތޮޅުގެ އެހެން ރަށްރަށުން ވެސް އެ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ.

މޯޕާގެ ޗެއާމަން ތޯރިގު އިބްރާހިމް ވިދާޅުވި ގޮތުގައި، މިފަދަ ކޮންމެ ހަރަކާތެއް ކާމިޔާބުކަމާ އެކު ކުރިއަށްގެންދެވޭކަން ޔަގީންކުރުމަށްޓަކައި އެ ހަރަކާތެއްގެ ވަސީލަތްތަކާއި އޮޕަރޭޝަންތަކާއި އިލްމުގެ މިލްކުވެރިކަން އެ ރަށެއްގެ ރައްޔިތުންނާ ބަދަލުކުރަންޖެހޭނެ ކަމަށެވެ.

މޯޕާގެ މެންބަރަކު ކުޑަހުވަދޫ ރައްޔިތުންތަކަކާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން ---ފޮޓޯ: މޯޕާ

މޯޕާގެ މެންބަރަކު ކުޑަހުވަދޫ ރައްޔިތުންތަކަކާއެކު ފޮޓޯ އަކަށް ހުއްޓިލައިގެން ---ފޮޓޯ: މޯޕާ

"އެއާ އެކު، މިފަދަ ކޮންމެ ހަރަކާތަކާއި ޕްރޮގްރާމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެގެން ދޭ. އެހެންވީމާ، އަޅުގަނޑުމެން ގެންގުޅުނީ ބޮޓަމް އަޕް އެޕްރޯޗެއް،" ތޯރިގު ވިދާޅުވި އެވެ.

ކުޑަހުވަދޫ ވެގެން ދިޔައީ ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރުން ހިމެނޭ ގޮތަށް، ކުނި މެނޭޖްކުރުމުގެ އާ ގަވައިދަށް ފުރިހަމައަށް އަމަލުކުރި ފުރަތަމަ ރަށަށް ކަމަށާއި އެއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރަން ދިވެހި ސަރުކާރުން ލާޒިމްކުރުމުގެ ކުރިން ފެށި މި ޕްރޮގްރާމުގައި މިހާތަނަށް ކުޑަހުވަދު އަށް 1،000 އަށް ވުރެ ގިނަ ކުނި ވަށިގަނޑު ވަނީ ފޯރުކޮށްދީފަ އެވެ.

ކުނި މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެން (އޯގަނިކް ކުނި، ޕްލާސްޓިކް، ދަގަނޑު އަދި ބިއްލޫރި، އަދި އެހެނިހެން ނުވަތަ އެކި ވައްތަރުގެ ކުނި އެއްކޮށް) އުކާލުމަށް މަގުފަހިކުރުމަށް ކޮންމެ ގޭބިސީއަކަށް ދެ ވަށިގަނޑާއި ހަތަރު ގޯނި ފޯރުކޮށްދީފައިވެ އެވެ. އެހެންވެ، ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ކުނި ގެންދިއުމާއި އެ ތަނުގައި ކުނި ބެލެހެއްޓުމުގައި އިތުރަށް ފަސޭހަވެގެންދެ އެވެ.

ވަކިކޮށްފައިވާ ކުނި ގޭބިސީތަކުން ނަގައި ކޮންމެ ދުވަހަކު ވެސް އެ ރަށު ކައުންސިލުން ހިންގާ ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު (ކޭޑަބްލިއުއެމްސީ) އަށް ގެންދެ އެވެ.

މޯޕާގެ ޓީމުން ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރަނީ --ފޮޓޯ: މޯޕާ

މޯޕާގެ ޓީމުން ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރަނީ --ފޮޓޯ: މޯޕާ

"ކޮކާ-ކޯލާއަކީ ކުނި މަދުކުރުމާ އެކު، ވަސީލަތްތަކާއި އުފެއްދުންތައް އަލުން ބޭނުންކުރުމުގެ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ ކުންފުންޏެއް. ރާއްޖޭގައި 'ޑިޒައިން، ކަލެކްޓް އެންޑް ޕާޓްނަރު' ގެ ސްޓްރެޓެޖިކް ސިޔާސަތުތަކުގެ ދަށުން އަޅުގަނޑުމެންގެ ޕެކޭޖިން ބޭނުންކުރުމުގެ ވަށައިގެން، ވަށާޖެހޭ އިގްތިސާދެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް މިދަނީ އަޅަމުން،" ރާއްޖެއަށް ކޮކާ-ކޯލާ އިން ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޕްލާސްޓިކް ކުނީގެ މައްސަލައަށް ބޭނުންތެރި ހައްލުތަކެއް ހޯދުމަށް އަމަލީ ގޮތުން ހަރަކާތްތެރިވާ މޯޕާ ފަދަ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ އުއްމީދީ ނަތީޖާތައް ފެންނަމުން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"ކުޑަހުވަދޫގައި ހިންގާ މޮޑެލް އައިލެންޑް ޕްރޮޖެކްޓުން ސާބިތުކޮށްދެނީ، މިފަދަ ކަންކަމުގައި މުޖުތަމައުތައް ބާރުވެރިކުރުމަކީ ޕްލާސްޓިކާ ގުޅޭ ގޮތުން ވަށާޖެހޭ އިގްތިސާދެއް ބިނާކުރަން ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ބާރެއްކަން. މޮޑެލް އައިލެންޑް ޕްރޮގްރާމް ފުޅާކުރުމުގައި މޯޕާއަށް އެއްބާރުލުން ދިނުން ކުރިއަށްގެންދިއުމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އެމްއޭޑަބްލިއުސީ ގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.

ކުޑަހުވަދޫން އެއްކޮށްފައިވާ ކުނި ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްފައި --ފޮޓޯ: މޯޕާ

ކުޑަހުވަދޫން އެއްކޮށްފައިވާ ކުނި ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްފައި --ފޮޓޯ: މޯޕާ

މި މަޝްރޫއު ފެށި ފަހުން ކުޑަހުވަދޫން މިހާތަނަށް 8.7 ޓަނުގެ ޕްލާސްޓިކް ކުނި ވަނީ ނަގާފަ އެވެ. މި މަޝްރޫއުގެ ލޮޖިސްޓިކް ޕާޓްނަރެއްގެ ހައިސިއްޔަތުން ކޮކާ-ކޯލާ މޯލްޑިވްސް އިން އަންނަނީ ކުޑަހުވަދޫން އެއްކުރާ ޕެޓް ފުޅިތައް ވެރިރަށް މާލެއަށް ގެންދިއުމުގައި މޯޕާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެއަށް ފަހު، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އަލުން ބޭނުންކުރެވޭ ޕްލާސްޓިކް ކަމަށްވާ ޕެޓް ފުޅިތައް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން، އެކި ބްރޭންޑްތަކުގެ ބޫޓާއި ސްވިމްވެއާ އަދި ހެދުން ފަދަ އާއްމު ދިރިއުޅުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ރާއްޖޭން ބޭރުކުރެވެ އެވެ.