Roadha Mihaaru
އެސްޖެހި ގަނޑުވަރު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓް ހިންގާނެ ބަޔަކު ހޯދަނީ

06 ނޮވެމްބަރ 2022

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނަ ފަރުކޮޅުފުއްޓަށް ބަދަލުކުރި އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮންނަ ފަރުކޮޅުފުއްޓަށް ބަދަލުކުރި އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާންކޮށްފި އެވެ.

އެޗްޑީސީން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ އެ މަސައްކަތްކުރަން އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅައިފި ނަމަ، މަސައްކަތް ހަވާލުކުރުމުގައި އިސްކަން ދޭނީ އެޗްޑީސީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތަކަށް ކަމަށެވެ. އަދި އެ ކުންފުނިން ގެންގުޅޭ ބިޒްނަސް މޮޑެލްއާ އެއްގޮތަށް އެ މަސައްކަތްކުރަން ހުށަހަޅާ ފަރާތަކަށް ވެސް އިސްކަންދޭނެ ކަމަށް ބުންޏެވެ.

"މި މަސައްކަތްކުރަން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގައި، އެ ހުށަހަޅާ ފަރާތުގެ އަމަލީ ތަޖުރިބާ އާއި މާލީ ގާބިލުކަމާއި ފަންނީ ފެންވަރާ އަދި އެ މަސައްކަތްކުރުމުގެ ގާބިލުކަން ހުރި މިންވަރު ވެސް ބަލާނެ،" އެ އިއުލާނުގައިވެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ "ހެރިޓޭޖް ޑިސްޓްރިކްޓް" ގައި އެސްޖެހިގެ ބެހެއްޓުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ "ހެރިޓޭޖް ޑިސްޓްރިކްޓް" ގައި އެސްޖެހިގެ ބެހެއްޓުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

އެސްޖެހި ގަނޑުވަރު ތަރައްގީކޮށް، އެތަނުގައި ރެސްޓޯރެންޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެޗްޑީސީގެ އިންވެސްޓްމަންޓް ގައިޑްލައިންއާ އެއްގޮތަށް ފުރިހަމަކޮށްފައިވާ، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އެޕްލިކޭޝަން ފޯމު މި މަހު 23ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

ކުރިން މާލެ މެދުޒިޔާރަތްމަގުގައި ހުކުރު މިސްކިތް ކައިރީގައި ހުރި އެސްޖެހި ގެލެރީގެ އޮނިގަނޑުގައި ހުރި ޒަމާންވީ ލަކުޑީގެ ބާވަތްތަކާއި، އެތަނުގައި ހުރި އެ ނޫން ވެސް ތަކެތި ވިއްކާލަން ވެރިފަރާތުން އިއުލާންކުރުމުން އެ އެއްޗެހި ގަތީ އެޗްޑީސީންނެވެ.

ފަރުކޮޅުފުށީގައި އެސްޖެހި ގަނޑުވަރު ބެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ފެށީ މި އަހަރު އެޕްރީލްގަ އެވެ. އެތަން އަލުން ރޭވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ "ހެރިޓޭޖް ޑިސްޓްރިކްޓް"ގަ އެވެ.

އެސްޖެހި ގަނޑުވަރުގެ ލަކުޑީގެ މަސައްކަތްތަކުން ދައްކުވައިދެނީ މީގެ ގަރުނެއް ކުރިން ދިވެހިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަން އޮތް ގޮތެވެ.

ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވި މަޝްހޫރު ބޭފުޅެއް ކަމަށްވާ އަހުމަދު ޝަފީގް ލިޔުއްވާފައިވާ ގޮތުން އެސްޖެހި ގަނޑުވަރު ބިނާކުރި ކަމަށް ބެލެވެނީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.

އެތަން ނިސްބަތް ވަނީ އެސްޖެހި ގަނޑުވަރު މާފަތް ކަލޭގެފާނަށް ކަމަށް ތާރީހީ ލިޔުންތަކުގައި ބުނެ އެވެ. އެކަލޭގެފާނަކީ ސުލްތާން އިމާދުއްދީން ހަވަނައިގެ ރަސްކަމުގެ ދުވަސްވަރު އުޅުއްވި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އާއިލާއާ ވެސް އެކަލޭގެފާނުގެ އާއިލާ ގުޅިފައިވެ އެވެ.

ކުރިން މާލެ މެދުޒިޔާރަތްމަގުގައި ހުކުރު މިސްކިތް ކައިރީގައި ހުރި އެސްޖެހި ގެލެރީ ކެފޭ -- ފޮޓޯ: މިހާރު

ކުރިން މާލެ މެދުޒިޔާރަތްމަގުގައި ހުކުރު މިސްކިތް ކައިރީގައި ހުރި އެސްޖެހި ގެލެރީ ކެފޭ -- ފޮޓޯ: މިހާރު

ތާރީހީ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އަށް އެކި ފަހަރުމަތިން އުރުނު ނައުފަހަރުތަކުގެ ލަކުޑި ވެސް އެސްޖެހި ގަނޑުވަރުގައި ބޭނުންކޮށްފައިވެ އެވެ. އޭގެ އިތުރުން އެ ގަނޑުވަރަށް ހާއްސަކޮށްގެން ބޭރުން ވެސް ލަކުޑި އެތެރެކުރި އެވެ.

"އެސްޖެހި ގެލެރީ ކެފޭ"ގެ ނަމުގައި އެތަން އެންމެ ފަހުން ބޭނުންކުރީ ކެފޭއެއް ހިންގާށެވެ.