Roadha Mihaaru
އޯވާވޯޓާ ރެސްޓޯރެންޓަށް 2.3 މިލިއަން ރުފިޔާ

އޯވާވޯޓާ ރެސްޓޯރަންޓްގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 2.3 މިލިއަން ރުފިޔާ

13 އޯގަސްޓް 2022

ހުޅުމާލޭގައި "އޯވާވޯޓާ" ރެސްޓޯރަންޓެއް ހަދައި ހިންގުމަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ހުށަހަޅައިފި އެވެ. އެޗްޑީސީން އެތަން ހަދަން ބިޑަށް ލުމުން އެންމެ ބޮޑު އަގު ހުށަހަޅުއްވާފައި ވަނީ ރާއްޖޭގެ ވިޔަފާރިވެރިޔާ އާމިރު މަންސޫރެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި "އޯވާވޯޓާ" ރެސްޓޯރަންޓެއް ހަދައި ހިންގުމަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ހުށަހަޅައިފި އެވެ. އެޗްޑީސީން އެތަން ހަދަން ބިޑަށް ލުމުން އެންމެ ބޮޑު އަގު ހުށަހަޅުއްވާފައި ވަނީ ރާއްޖޭގެ ވިޔަފާރިވެރިޔާ އާމިރު މަންސޫރެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ކޯރު ކައިރިން އިރުމަތީގައި "އޯވާ ވޯޓާ" ރެސްޓޯރަންޓެއް ހަދާނެ ބަޔަކު ހޯދުމަށް އެޗްޑީސީން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ 19 ގަ އެވެ.

އެޗްޑީސީން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާ ގޮތުގައި އެކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ހަތަރު ފަރާތަކުން ކުރިމަތިލި އެވެ. އެކަމަކު ފުރިހަމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމަނުވުމުގެ ސަބަބުން އޭގެ ތެރެއިން އެކަކުގެ ޕްރޮޕޯސަލް ވަނީ ރިޖެކްޓްކޮށްލައިފަ އެވެ.

އޯވާވޯޓާ ރެސްޓޯރަންޓް ހެދުމަށް އެޑްވާންސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހުށަހެޅީ އާމިރު މަންސޫރު އިންވެސްޓްމަންޓުންނެވެ.

ދެން ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތްތަކުން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ހުށަހެޅީ 500،000-655،000ރ. އާ ދެމެދުގެ އަގެކެވެ.

ހުޅުމާލޭގައި ފުރަތަމަ ފަހަރަށް އޯވާވޯޓާ ރެސްޓޯރަންޓެއް ހަދާނެ ބަޔަކު ހޯދުމަށް ހުޅުވާލިއިރު ވިޔަފާރި އުސޫލުން ކެފޭ ރެސްޓޯރަންޓް ހިންގުމާއި ސްވިމިންޕޫލާއި ކުޅިވަރު ފެސިލިޓީތަކުގެ ވިޔަފާރިކުރުމުގެ ތަޖުރިބާ ހުރި ކޮންމެ ފަރާތަކަށް ވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ދިނެވެ.

ގާތްގަނޑަކަށް 22 މިލިއަން ރުފިޔާގެ އެ މަޝްރޫއު ހަވާލު ކުރާނީ، އެޗްޑީސީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު ކުއްޔާއި އިކުއިޒިޝަން ކޯސްޓް ހުށަހަޅާ ބަޔަކަށެވެ. އެ ބިޑުގައި ބައިވެރިވެވޭނީ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ އަދި އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި އެންމެ މަދުވެގެން 180،000ރ. ހުށަހަޅާ ބަޔަކަށެވެ.

އާމިރުގެ ޕްރޮޕޯސަލްގައި ހިމެނެނީ ފުރަތަމަ އަހަރު އަކަފޫޓަކަށް 26 ރުފިޔާ އަދި ދެވަނަ އަހަރު 27 ރުފިޔާ ދައްކާ ގޮތަށެވެ. ތިން ވަނަ އަހަރު 28 ރުފިޔާ އާއި ހަތަރު ވަނަ އަހަރު އަކަފޫޓަކަށް 28.50 ރުފިޔާ ދައްކާ ގޮތަށް އޮތްއިރު ފަސް ވަނަ އަހަރު އަކަފޫޓަކަށް ދައްކާނެ ކަމަށް ޕްރޮޕޯސަލްގައި އޮތީ 29.50 ރުފިޔާ އެވެ.

އެޗްޑީސީން އޯވާވޯޓާ ރެސްޓޯރަންޓް ހެދުމަށް 10،519 އަކަފޫޓުގެ ސަރަހައްދެއް ކުއްޔަށް ދޭން ވަނީ ނިންމައިފަ އެވެ.