Roadha Mihaaru
އެސްޖެހި ގަނޑުވަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

އެސްޖެހި ގަނޑުވަރު ހުޅުމާލޭގައި ބެހެއްޓުމުގެ މަސައްކަތް ފަށައިފި

12 އެޕްރީލް 2022

މާލޭގައި ހުރި އެންމެ ދުވަސްވީ އަދި ތާރީހީ ތަންތަނުގެ ތެރޭގައި ހިމެނޭ އެސްޖެހިގެ ނުވަތަ ކުރީގެ ނަމުން ނަމަ، އެސްޖެހި ގަނޑުވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ހުރި އެންމެ ދުވަސްވީ އަދި ތާރީހީ ތަންތަނުގެ ތެރޭގައި ހިމެނޭ އެސްޖެހިގެ ނުވަތަ ކުރީގެ ނަމުން ނަމަ، އެސްޖެހި ގަނޑުވަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބެހެއްޓުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

މެދުޒިޔާރަތްމަގުގައި ހުކުރު މިސްކިތް ކައިރީގައި ހުންނަ އެސްޖެހި ގެލެރީގެ އޮނިގަނޑުގައި ހުރި ޒަމާންވީ ލަކުޑީގެ ބާވަތްތަކާއި، އެތަނުގައި ހުރި އެ ނޫން ވެސް ތަކެތި ވިއްކާލަން ވެރިފަރާތުން އިއުލާންކުރުމުން އެ އެއްޗެހި ގަތީ އެޗްޑީސީންނެވެ.

އެސްޖެހިގެ އަލުން ރާވަމުން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ "ހެރިޓޭޖް ޑިސްޓްރިކްޓް"ގަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ "ހެރިޓޭޖް ޑިސްޓްރިކްޓް" ގައި އެސްޖެހިގެ ބެހެއްޓުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ "ހެރިޓޭޖް ޑިސްޓްރިކްޓް" ގައި އެސްޖެހިގެ ބެހެއްޓުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެޗްޑީސީ

އެޗްޑީސީން މިއަދު ބުނީ، ރާއްޖޭގެ އާސާރީ އަދި ވަޑާމުގެ ފަންނުވެރިކަން އެންމެ ފުރިހަމަ އަށް ފެންނަން ހުރި އެސްޖެހި ގަނޑުވަރު އަލުން ރޭވުމުގެ މަސައްކަތް ކުރަމުން އަންނަނީ އޭގެ އަސްލު ނުގެއްލޭ ގޮތަށް ކަމަށެވެ.

އެސްޖެހި ގަނޑުވަރު އަލުން ރާވަމުން އަންނަ މަންޒަރުތައް ފެންނަ ފޮޓޯތަކެއް އެޗްޑީސީން އާންމުކޮށްފައިވެ އެވެ.

އެސްޖެހި ގަނޑުވަރުގެ ލަކުޑީގެ މަސައްކަތްތަކުން ދައްކުވައިދެނީ މީގެ ގަރުނެއް ކުރިން ދިވެހިންގެ މަސައްކަތްތެރިކަމާއި ފާޑުވެރިކަން އޮތް ގޮތެވެ.

ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވި މަޝްހޫރު ބޭފުޅެއް ކަމަށްވާ އަހުމަދު ޝަފީގް ލިޔުއްވާފައިވާ ގޮތުން އެސްޖެހި ގަނޑުވަރު ބިނާކުރި ކަމަށް ބެލެވެނީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.

އެތަން ނިސްބަތް ވަނީ އެސްޖެހި ގަނޑުވަރު މާފަތް ކަލޭގެފާނަށް ކަމަށް ތާރީހީ ލިޔުންތަކުގައި ބުނެ އެވެ. އެކަލޭގެފާނަކީ ސުލްތާން އިމާދުއްދީން ހަވަނައިގެ ރަސްކަމުގެ ދުވަސްވަރު އުޅުއްވި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ އާއިލާއާ ވެސް އެކަލޭގެފާނުގެ އާއިލާ ގުޅިފައިވެ އެވެ.

ތާރީހީ ބައެއް ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެ އަށް އެކި ފަހަރުމަތިން އުރުނު ނައުފަހަރުތަކުގެ ލަކުޑި ވެސް އެސްޖެހި ގަނޑުވަރުގައި ބޭނުންކޮށްފައިވެ އެވެ. އޭގެ އިތުރުން އެ ގަނޑުވަރަށް ހާއްސަކޮށްގެން ބޭރުން ވެސް ލަކުޑި އެތެރެކުރި އެވެ.

"އެސްޖެހި ގެލެރީ ކެފޭ"ގެ ނަމުގައި އެތަން އެންމެ ފަހުން ބޭނުންކުރީ ކެފޭއެއް ހިންގާށެވެ.