Roadha Mihaaru
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!

އެޗްޑީސީގެ ފަރުކޮޅުފުށީގެ އޮފީހަކުން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ، ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި

23 ޑިސެމްބަރ 2024

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެ ކުންފުނީގެ ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެ ކުންފުނީގެ ލެޕްޓޮޕްތަކެއް ވަގަށް ނަގައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން މިރޭ ބުނީ، އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި ކަމުގެ މައްސަލައެއްގެ ރިޕޯޓެއް މިއަދު ލިބިފައިވާ ކަމަށެވެ.

އެޗްޑީސީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ، ފަރުކޮޅުފުށީގައި ހުންނަ އެ ކުންފުނީގެ އޮފީސް މީގެ ތިން ދުވަސް ކުރިން ފަޅާލައި ފަސް ލެޕްޓޮޕެއް ގެންގޮސްފައިވާ ކަމަށެވެ.

"ސީސީޓީވީ ބަލައިގެން އެ މީހާ ވެސް ވަނީ ހޯދާފައި،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ލެޕްޓޮޕް ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވޭ މީހާ މިވަގުތު ހުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށެވެ. އެކަމަކު ލެޕްޓޮޕްތައް އަދި ނުފެންނަ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ. ސަސްޕެކްޓް ދަނީ ޕޮލިސް އަށް ކޯޕަރޭޓް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެ 2 އިން ގޯތި ދިން ގޮތާއި ބައެއް ފްލެޓާއި އެހެނިހެން މައްސަލަތަކެއް ވެސް ފެންމަތިވުމުން ފުލުހުން ވަނީ އެކަމާ ގުޅޭ ބޮޑު ތަހުގީގެއް ފަށައިފަ އެވެ. އަދި އެ މައްސަލާގައި ކުރިން އުޅުނު ފުލުހުންގެ އޮފިސަރު ވެސް މަސްލަހަތު އޮތުމުން ތަހުގީގުން އެކަހެރި ކުރި އެވެ.

މި މައްސަލަތަކާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި އާ އެމްޑީއަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އިއްޔެ ވަނީ އައްޔަންކޮށްފަ އެވެ.