04 ނޮވެމްބަރ 2022
ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިންކާރުކޮށް އިނގިރޭސި ވިލާތުން ބައިނަލްއަގުވާމީ ކޯޓުތަކުގައި ގާނޫނީ ގޮތުން ކުރި ހުރިހާ ކަމެއްގައި ނާކާމިޔާބުވެފައި ވާއިރު ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަޝްވަރާތައް މޮރިޝަސްއާ އެކު ފަށަން އެއްބަސްވެއްޖެ އެވެ.
ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިންކާރުކޮށް އިނގިރޭސި ވިލާތުން ބައިނަލްއަގުވާމީ ކޯޓުތަކުގައި ގާނޫނީ ގޮތުން ކުރި ހުރިހާ ކަމެއްގައި ނާކާމިޔާބުވެފައި ވާއިރު ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަޝްވަރާތައް މޮރިޝަސްއާ އެކު ފަށަން އެއްބަސްވެއްޖެ އެވެ.
އިނގިރޭސި ވިލާތުން ޗާގޮސްއާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުކޮށް މަޝްވަރާ ފަށަން ނިންމާފައި ވާއިރު ރާއްޖޭން ވެސް މިހާތަނަށް ދެމެހެއްޓީ އިނގިރޭސި ވިލާތުގެ ވިސްނުމެވެ. ނަމަވެސް މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ހިސާބު ބެހުމުގެ މައްސަލައިގެ ތެރެއިން ރާއްޖޭން ވަނީ ސިޔާސަތު މިހާރު ބަދަލުކޮށްފައިވާ ކަމަށް މި މަހު އިއުލާނުކޮށްފަ އެވެ.
މޮރިޝަސްއަށް މިނިވަންކަން ދިނުމަށް ފަހު އޭގެ ބަދަލުގައި އެ ގައުމާ ޗާގޮސްގެ ރަށްތައް ވަކިކޮށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް ބަދަލުކުރުމަށް ފަހު 1970ގެ ތެރޭގައި ޗާގޮސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އާބާދީ އަކީ ގާތްގަނޑަކަށް 2،000 އެވެ. ޗާގޮސްގެ މައި އަތޮޅު ކަމަށްވާ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގަން އެތަން ފަހުން ކުއްޔަށް ދިނީ އެވެ. މޮރިޝަސްއާ އެކު ފަށާ މަޝްވަރާތަކުން، ޗާގޮސްގައި އަލުން މީހުން ވަޒަންވެރިވާން ފުރުސަތު ލިބޭނެ އެވެ.
އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަލީގެ ބަޔާނެއްގައި ވިދާޅުވި ގޮތުގައި މޮރިޝަސްއާ އެކު ފަށާ މަޝްވަރާތަކުގައި މައިގަނޑު އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު އެއްބަސްވުމަކާ ހަމަޔަކަށް ދެވޭތޯ ބެލުމެވެ. މިއީ ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި މޮރިޝަސްގެ އޮފިޝަލުން އޮކްޓޫބަރު މަހު ނިއު ޔޯކްގައި ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމާފައިވާ ގޮތެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޗާގޮސްގެ މައްސަލާގައި އިނގިރޭސި ވިލާތް ވަނީ ބައިނަލްއަގުވާމީ ކޯޓްތަކުގައި ދެ ފަހަރަށް ނާކާމިޔާބު ވެފަ އެވެ. މި ނާކާމިޔާބީއާ އެކު ވެސް އިނގިރޭސި ވިލާތުން ބައިނަލްއަގުވާމީ ނިންމުންތައް ބަލައި ނުގަނެ ރަށްތައް ހަވާލު ނުކޮށް ތިބުމުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެހެން ގައުމުތަކާ ގުޅުން ގޯސްވަމުންދާ ކަމަށް ވަނީ ބެލެވިފަ އެވެ.
މޮރިޝަސް އާއި އިނގިރޭސި ވިލާތުގެ ނިންމުންތަކުގެ ސަބަބުން އެމެރިކާގެ ޑިއެގޯ ގާސިއާ އަސްކަރީ މަރުކަޒު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އެ ގައުމަށް އޮވެ އެވެ. އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދީފައިވާ ޑިއެގޯ ގާސިއާ ހަމަ އެގޮތުގައި ބާއްވަން މޮރިޝަސްއަށް އިން ކުރިން ވެސް ޔަގީންކަން ދީފައި ވާއިރު މިހާރު އެމެރިކާއަށް އެ ޔަގީންކަން ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފޯޅަވަހީގެ އަސްކަރީ މަރުކަޒުގައި ހަނގުރާމަމަތީ ޖެޓްތަކެއް
އދ.ގެ އެންމެ މަތީ ކޯޓު ކަމަށްވާ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ވަނީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފް އަމަލެއް ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެތަނުގެ ހައްގުވެރި ފަރާތަކީ މޮރިޝަސް ކަމަށް އެ ނިންމުމުގައިވެ އެވެ. އެކަމަކު މިއީ އެ ކޯޓުގެ ލަފައެއް ކަމަށް ވާތީ އަމަލުކުރުން ލާޒިމް ނުވާނެތީ އެ ސިޔާސަތުގައި އިނގިރޭސި ވިލާތް ގޮތް ދޫނުކޮށް އޮތް ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފްވާ ގައުމެއްގެ ނަން ލިބިލިބި އޮތުމުން އެކަން ވަނީ ކަންބޮޑުވުމަކަށް ވެފަ އެވެ.
އޭގެ ފަހުން މިދިޔަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށާއި އެ ގައުމުގެ އަމަލުތައް ގާނޫނާ ހިލާފް ކަމަށެވެ. މިހާރު އިޓްލޮސްގައި ބަލަމުން ދަނީ ބައިނަލްއަގުވާމީ ކޯޓުތަކުން މި ނިންމުންތައް މިގޮތަށް ނިންމާފައި ވާތީ މޮރިޝަސް އާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއެރުމުގެ މައްސަލަ އެވެ. ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާ އިރު ކޮންމެ ގައުމަކުން ވެސް ބުނަމުން ދަނީ މަސްވެރިކަން ރަނގަޅު އެ ސަރަހައްދަކީ އެ ގައުމުގެ ބައެއް ކަމަށެވެ.
އިޓްލޮސްގައި އޮތް މައްސަލައިގެ އަޑުއެހުމުގައި، ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސް ނެތް ކަމަށް ރާއްޖޭން ގެންގުޅުނު ސިޔާސަތު މިހާރު ބަދަލުކޮށް އެކަން މޮރިޝަސްއަށް އަންގާފައިވާ ކަމަށް ރާއްޖޭގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމާ އެކު އެކަން ވަނީ ރާއްޖޭގައި ބޮޑު މައްސަލައަކަށް ވެފަ އެވެ. މިއީ ރާއްޖޭގެ ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށް، ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން ބުނަނީ މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ނިންމާ ނިންމުމަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
މޮރިޝަސް އަށް ޗާގޯސް ދޭން ޔޫކޭއިން އެއްބަސްވެއްޖެ
ޗާގޯސް މައްސަލަ: ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރަނީ
ޗާގޯސް މޮރިޝަސްއަށް ދޭނެ ކަމާ މެދު ސުވާލުއުފެދިއްޖެ
ލަންކާ ބަޔަކު ފޯޅަވަހީގައި ހިފެހެއްޓީ ގާނޫނާ ހިލާފަށް
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
ޔޫކޭގެ ނިންމުމާއެކު ގޮންޖެހުންތައް ކުރިމަތިވެއްޖެ: އޭޖީ
އިޓްލޮސްގެ ނިންމުން ތަންފީޒުކުރެވިދާނެކަމާމެދު ސުވާލެއް!
ޗާގޯސްގައި އަލުން ވަޒަންވެރިއެއް ނުކުރެވޭނެ: ކެމަރަން
ކަނޑުގެ މައްސަލައަށް މުނައްވަރާއި ބޭރު ވަކީލުންގެޓީމެއް
ކަނޑު ހޯދުމުގެ ދިރާސާ ދެ އެކްސްޕާޓަކާ ހަވާލުކޮށްފި