Roadha Mihaaru
ޗާގޯސް މައްސަލަ: ރާއްޖެއިން މޮރިޝަސްއަށް ތާއީދުކުރަނީ

ޗާގޯސް މައްސަލަ: ރާއްޖޭގެ ވިސްނުން ބަދަލުވެ، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭނެކަން ހާމަކޮށްފި

20 އޮކްޓޯބަރ 2022

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ރާއްޖެއިން ހާމަކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ރާއްޖެއިން ހާމަކޮށްފި އެވެ.

ޗާގޯސް އައިލެންޑްސްގެ މައްސަލާގައި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.

ޗާގޯސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅު ގަރާރަށް ތާއީދުކުރަން ރާއްޖެއިން ނިންމިކަން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި މިއަދު އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ރިފްއަތު ވިދާޅުވީ މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިކަން ހާމަކޮށް، މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ކަނޑުގެ މައްސަލާގައި އުފެދިފައިވާ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ ރާއްޖޭގެ މި ނިންމުމާ ގުޅިގެން، މޮރިޝަސްގެ ބޮޑުވަޒީރު ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ އަދި ބްލެންހެމް ފަރުގެ ސާވޭ ހެދުމަށް ދިޔަ ޚަރަދު ރާއްޖެ އަތުން ހޯދުމަށް މޮރިޝަސްއިން ކުރި ދައުވާ އަނބުރާ ގެންދަން ނިންމިކަން އަންގާފައިވާ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުއްމީދަކީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޮޑުކުރަން ރާޢްޖެއިން 2010 ވަނަ އަހަރު ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން ހުށަހެޅި އިއުތިރާޒް ވެސް އަނބުރާ ގެންދިއުމެވެ.

ޓްރައިބިއުނަލްގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ރާއްޖެއިން އިޖްރާއީ މައްސަލައެއް ކުރިން ފާހަގަ ކުރިޔަސް، ޓްރައިބިއުނަލުން ނިންމާފައި އޮތީ އެ މައްސަލަ ބެލޭނެ ކަމަށެވެ.

ރާއްޖޭގެ ދެކުނުން 500 ކިލޯމީޓަރުގެ ދުރުގައި އޮންނަ ޗާގޯސް އައިލެންޑަކީ 1965 ވަނަ އަހަރު މޮރިޝަސް އަތުން އިނގިރޭސިވިލާތުން ގަނެފައިވާ ތަނެކެވެ. އަދި އެތަނުގައި އަސްކަރީ މަރުކަޒެއް ހިންގުމަށް އިނގިރޭސިވިލާތުން އެމެރިކާއަށް އޮތީ ކުއްޔަށް ދޭން ނިންމައި، ޗާގޯސް އައިލެންޑުން މީހުން ބޭލި އެވެ.