Roadha Mihaaru
ވޯލްޑް ބޭންކުން ރާއްޖޭގެ ޕޯޓްފޯލިއޯ ރިވިއު ހިއްސާކޮށްފި

ވޯލްޑް ބޭންކުގެ ރާއްޖޭގެ ޕޯޓްފޯލިއޯ ރިވިއު ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފި

01 ނޮވެމްބަރ 2022

ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ކުރިއެރުންތަކާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ ޕޯޓްފޯލިއޯ ރިވިއު، ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވޯލްޑް ބޭންކުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ކުރިއެރުންތަކާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަމަށް ހައްލު ހޯދުމަށް ކުރިއަށް ގެންދިޔަ ޕޯޓްފޯލިއޯ ރިވިއު، ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވޯލްޑް ބޭންކުގެ ބައެއް އިސް ބޭފުޅުންނާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަލި މަނިކާއި ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ރާއްޖޭގެ މަޝްރޫއުތައް ހިންގާ ޕްރޮޖެކްޓު މެނޭޖަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި އަހަރުގެ ޕޯޓްފޯލިއޯ ރިވިއު ކުރިއަށް ގެންގޮސްފައި ވަނީ ވޯލްޑް ބޭންކާއި ފިނޭންސް މިނިސްޓްރީން، އެ މަޝްރޫއުތައް ކުރިއަށް ގެންދާ މުއައްސަސާތަކާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކާއި ދިރާސާތަކަށް ބިނާކޮށެވެ.

މިއަދު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިވަގުތު ވޯލްޑް ބޭންކުގެ އެހީގެ ދަށުން 10 ޕްރޮޖެކްޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި، ކުނިމެނޭޖު ކުރުމުގެ ދާއިރާ އާއި ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާ އާއި އިޖުތިމާއީ އިންޝުއަރެންސް ފޯރުކޮށްދިނުމުގެ މަޝްރޫއާއި، ޑިޖިޓަލް ތަރައްގީގެ ރޮނގުންނާއި ކޮވިޑުގެ ސިއްހީ ގެއްލުންތަކުން އަރައިގަތުމަށް ހިންގޭ މަޝްރޫއުތައް ހިމެނެ އެވެ.

އެ ރިވިއުގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައި ވަނީ ޕްރޮކިއުމެންޓުގެ މަސައްކަތުގައި ދިމާވާ ލަސްވުންތަކަށާއި، މަޝްރޫއުތަކަށް ބޭނުންވާ އެކަށޭނެ ފަންނީ މުވައްޒަފުން ހޯދުމަށް ދިމާވާ މައްސަލަތަކަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީން ވަނީ މަޝްރޫއުތައް ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ވޯލްޑް ބޭންކާ ހިއްސާކޮށްފައެވެ.

އޭގެ ތެރޭގައި "އިންފޮމޭޝަން އެސިމިޓްރިކަލް" ނުވަތަ މަޝްރޫއުގައި ހިއްސާވާ ދެ ފަރާތައް އެނގޭ މައުލޫމާތުތައް ހަމަހަމަ ނުވުމުން ދިމާވާ މައްސަލަތަކާއި، "ޕްރިންސިޕަލް އޭޖެންޓު" ގެ މައްސަލަތަކަށް އަލިއަޅުވާލައި އެއަށް އޮތް ހައްލުތައް ހިމެނެ އެވެ.

ވޯލްޑް ބޭންކުގެ ފަރާތުން ރާއްޖޭގެ ޕޯޓްފޯލިއޯ ރިވިއު ހުށަހަޅައިދެނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ވޯލްޑް ބޭންކުގެ ފަރާތުން ރާއްޖޭގެ ޕޯޓްފޯލިއޯ ރިވިއު ހުށަހަޅައިދެނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިމަގުގައި ވަކި ވަކި މަޝްރޫއުތައް ހިންގުމަށް "ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ)" ތައް އުފެއްދުމުގެ ބަދަލުގައި ގުޅުންހުރި އިދާރާއެއްގެ އިންސާނީ ވަސީލަތްތައް ބޭނުންކޮށްގެން މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ ފައިދާތަކަށް ވެސް ވަނީ އަލިއަޅުވާލި އެވެ. އޭގެ ތެރޭގައި ތަޖުރިބާއާއި ކަމާއި ބެހޭ އިލްމު އެތަނެއްގައި ދިގުމުއްދަތަކަށް ހިފެހެއްޓި، އުފެެއްދުންތެރިކަން އިތުރުވެގެން ދިއުން ހިމެނެ އެވެ.

މި އަހަރު އެކަށީގެންވާ ވަރަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާ ދެ މަޝްރޫއެއްގެ މެނޭޖަރުން އެ މީހުންގެ ޒިންމާތަކުން ދުރުކޮށް، ކޮންޓްރެކްޓް އާކުރުމަކާއި ނުލާ އާ މެނޭޖަރުން ނެގުމަށް ވަނީ ނިންމާފަ އެވެ.

އެފަދަ މަޝްރޫއުތަކަށް މެނޭޖަރުން ހޮވާ ގޮތް ހަރުދަނާކޮށް އެކި މަޝްރޫއުތައް އެއްފަހަރާ ހިންގަން "ހައިބްރިޑް މޮޑެލް" ގެ ޕީއެމްޔޫ އެއީ ކޮންމެ މަޝްރޫއަކަށް ވަކިވަކި ޕީއެމްޔޫ އުފެއްދުމުގެ ބަދަލުގައި އިސްރާފު މަދުކުރުމަށް ގެނައި މުހިންމު ބަަދަލެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މި އަހަރު ރާއްޖޭގައި ވޯލްޑް ބޭންކުން ކުރިއަށް ގެންދިޔަ މިންވަރާއި ކުރިއެރި މިންވަރު ފައިތުވެދިޔަ އަހަަރުތަކާ ބަލާއިރު އިތުރުވެފައިވާ ކަމަށް ރިވިއުގައި ހިއްސާކުރި އެވެ. އަދި އެ ބޭންކުން މި އަހަރުތަރޭ ރާއްޖޭގައި ދެ މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލައިފައިވެ އެވެ.

ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދުގެ ރަސްމިއްޔާތުގައި ކުރިއަށް ދިޔަ މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދުގެ ރަސްމިއްޔާތުގައި ކުރިއަށް ދިޔަ މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިމަގުގައި ވޯލްޑް ބޭންކުގެ ފަރާތުން ލިބޭ ހިލޭ އެހީގައި ކުދި ކުދި މަޝްރޫއުތަކުގެ ބަދަލުގައި، އިގްތިސާދަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ ބިޔަ މަޝްރޫއުތަކަށް އަމާޒުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވޯލްޑް ބޭންކުގެ އިސްވެރިންގެ ކިބައިން އެދިފައިވާ ކަމަށް މިނިސްޓްރީން މިއަދު ބުންޏެވެ.

އެއާއެކު އަންނަ އަހަރަށް ފެށުމަށްޓަކައި ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މަސްވެރިކަން ކުރިއެރުވުމުގެ ދާއިރާއިން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ މަޝްރޫއެއް މިހާރު އެކުލަވާލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ހުރި މައްސަލަތައް ހައްލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ބޭންކުން ރާއްޖެ އާއި ނެޕާލް އަދި ލަންކާ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ރާއްޖެއާއި، ނެޕާލް އަދި ލަންކާ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް މިއަދު ރަސްމިއްޔާތުގައި (އޮންލައިންކޮށް) ވާހަކަ ދައްކަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ވޯލްޑް ބޭންކުން ރާއްޖެއާއި، ނެޕާލް އަދި ލަންކާ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް މިއަދު ރަސްމިއްޔާތުގައި (އޮންލައިންކޮށް) ވާހަކަ ދައްކަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

"އުންމީދު ކުރަން ކުރިއަށް ވުރެ މިހާރު ކަންކަން ރަނގަޅު ކަމަށް. އަދި ކުރިމަގުގައި މިފަދަ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރަން ބޭނުން،" ފާރިސް ވިދާޅުވި އެވެ.

ވޯލްޑް ބޭންކު ޕޯޓްފޯލިއޯ ރިވިއުއަކީ ކޮންމެ މާލީ އަހަރެއް ނިންމުމަށްފަހު ކުރިއަށް ގެންދާ ރިވިއުއެކެވެ.

މިއަދުގެ ރަސްމިއްޔާތައް ހާޒިރުވި ބޭފުޅުންގެ މެދުގައި ވަނީ އެ ރިވިއުއާ ގުޅޭގޮތުންނާއި ވޯލްޑް ބޭންކުގެ މަޝްރޫއުތަކާ ގުޅޭ މަޝްވަރާއެއް ކުރިއަށް ގޮސްފަ އެވެ.