Roadha Mihaaru
ތަރައްގީގެ މަޝްރޫއުތައް ބަލާލަން ވޯލްޑްބޭންކުގެ ވަފުދެއް

ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ވޯލްޑް ބޭންކުން އޮޅުންފިލުވައިފި

10 ނޮވެމްބަރ 2019

ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހޯއްދެވުމަށް އެ ބޭންކުގެ އިސް ބޭފުޅުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސް ފަރާތްތަކާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހޯއްދެވުމަށް އެ ބޭންކުގެ އިސް ބޭފުޅުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސް ފަރާތްތަކާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ތިން ދުވަހަށް ރާއްޖެ ވަޑައިގަތީ، ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންތަކެކެވެ. މި ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލު ކުރެއްވީ އިއްޔެ އެވެ. މީގެ ކުރިން މި ބޭފުޅުން ވަނީ ހުޅުމާލޭގައި، މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ވެސް ބައްލަވާލައްވައިފަ އެވެ.

ރައީސްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގާއި އައްޑޫ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ އައްޑޫގެ ކައުންސިލާއި ޕާލޭ މޯލްޑިވްސްގެ މަންދޫބުންނާ ވެސް އެ ބޭފުޅުން ބައްދަލު ކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމުގައި މާލީ ނިޒާމްގެ ތެރެއިން ތަރައްގީ އާއި ކުރިއެރުމަށް ހުރި ފުރުސަތުތަކާއި ދަތިތަކުގެ އިތުރުން ސަރުކާރުން އިސްކަންދޭ އިސްލާހީ ފިޔަވަޅުތަކަށް އެ ބޭންކުން އެހީތެރިވެދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ. އަދި އަމިއްލަ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.

އެހީދޭ އެކި ފަރާތްތަކުން ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑު މެދުވެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އައްޑޫ އަށް ލިބޭ އަދި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ ކަންކަން ވެސް ވޯލްޑް ބޭންކުގެ ޑިރެކްޓަރުން ބައްލަވާލެއްވި އެވެ. މި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ، ޔޫރަޕިއަން ޔޫނިއަން އަދި ޑީއެފްޓީއާ ގުޅިގެން، ވޯލްޑް ބޭންކުންނެވެ.