29 އޮކްޓޯބަރ 2022
ބްރައިޓަން އެންޑް ހޯވް (އޮކްޓޫބަރު 29) - ބްރައިޓަން އިން އަމިއްލަ ދަނޑުގައި، އެ ޓީމުގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީއާ ވާދަކޮށް 4-1 އިން މޮޅުވެއްޖެ އެވެ.
ބްރައިޓަން އެންޑް ހޯވް (އޮކްޓޫބަރު 29) - ބްރައިޓަން އިން އަމިއްލަ ދަނޑުގައި، އެ ޓީމުގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީއާ ވާދަކޮށް 4-1 އިން މޮޅުވެއްޖެ އެވެ.
މިއީ ޕޮޓާ މިދިޔަ ސެޕްޓެމްބަރު މަހު ބްރައިޓަންގެ ކޯޗުކަން ދޫކޮށް، ޗެލްސީއާ ހަވާލު ވުމަށް ފަހު އެ ޓީމަށް އިރުޝާދު ދިން 10 ވަނަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ޕޮޓާ ޗެލްސީއާ ހަވާލުވީ ސީޒަން ފެށިއިރު ޗެލްސީގެ ކޯޗަކަށް ހުރި ތޯމަސް ޓުޗެލްގެ މަގާމު ގެއްލުމުންނެވެ.
ޕޮޓާ ޗެލްސީއާ ހަވާލުވުމުން ބްރައިޓަން އިން ގެނައި ކޯޗު އިޓަލީގެ ރޮބާޓޯ ޑި ޒެބްރީ އާއެކު ލީގުގައި މިހާތަނަށް ހަ މެޗު ކުޅުނު އިރު، މިއީ އޭނާއާ އެކު ބްރައިޓަން މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން ބްރައިޓަން މެޗަކުން މޮޅުވީ، ޕޮޓާގެ އިރުޝާދުގެ ދަށުން މިދިޔަ މަހު ލެސްޓާ ސިޓީ އަތުންނެވެ.
މިރޭގެ މެޗުގައި ބްރައިޓަންގެ ފުރަތަމަ ލަނޑު ޖެހީ ފަސްވަނަ މިނިޓުގައި ލިއަންޑްރޯ ޓްރޮސާޑް އެވެ. އޭނާ މި ލަނޑު ޖެހީ ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ކައިރިން ނައްޓާލައިފަ އެވެ. އޭގެ ކުރިން ބްރައިޓަން އިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޑިފެންޑަރު ތިއާގޯ ސިލްވާ ވަނީ ގޯލް ލައިން މަތިން ދިފާއުކޮށްފަ އެވެ.
ބްރައިޓަންގެ ލީޑު ފުޅާ ކުރީ 14 ވަނަ މިނިޓުގައި ނަގައިދިން ކޯނަރަކުން ޗެލްސީގެ ރުބެން ލޮފްޓަސް ޗީކް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެއަށް ފަހު ޗެލްސީ އިން ފަރަގު ކުޑަ ކުރަން ކޮނޯ ގަލަގާ ބޮލުން ފޮނުވާލި ހަމަލާއެއް ކީޕަރު ރޮބާޓް ސަންޗޭޒް ދިފާއު ކުރި އެވެ.
ބްރައިޓަންގެ ތިންވަލަ ލަނޑާ އެކު، އެޓީމުގެ ޕާވިސް އެސްޓުޕިނާން އުފާފާޅޫކުރަނީ. ޗަލޮބާ ފައިގައި ޖެހިފައި ބޯޅަ ބައިކޮޅަށް ވަނީ އެސްޓުޕިނާން ނަގައިދިން ހުރަހެއްގައި.-- ފޮޓޯ: އޭއެފްޕީ
މެޗުގައި ބްރައިޓަން އިން ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށެވެ. މިއީ ވެސް ޗެލްސީގެ ކުލުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބްރައިތަން އިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗަލޮބާ ފައިގައި ޖެހިފަ އެވެ.
ދެވަނަ ހާފު ޗެލްސީ އިން ފެށީ ކީޕަރު ކެޕާ ގެ ބަދަލުގައި އެޑުއާޑް މެންޑީ ކުޅެން އަރުވައިގެންނެވެ. މި ހާފު ފަށައިގެން ތިންވަނަ މިނިޓުގައި ގަލަގާ ނަގައިދިން ހުރަހަކުން ކައި ހަވާޓްޒް ޗެލްސީ އަށް ލަނޑެއް ޖަހައި އުންމީދު ހޯދައިދިނެވެ. ނަމަވެސް ފަހުން ބްރައިޓަންގެ ޑިފެންސް ފެނުނީ މާ ވަރުގަދަކޮށެވެ.
ބްރައިޓަން އިން އެޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގަ އެވެ. އެޓީމުގެ ޒުވާން ފޯވާޑް ޖޫލިއޯ އެންސީސޯ ފޮނުވާލި ހަމަލާ ކީޕަރު މެންޑީ ދިފާއު ކުރި ވަގުތު ޕާސްކަލް ގްރޮސް ވަނީ މެންޑީ އަތުން ދޫވި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
މި ނަތީޖާއާއެކު ބްރައިޓަން ވަނީ 12 މެޗުން 18 ޕޮއިންޓް ހޯދައި ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. މެޗުން މޮޅު ނުވެވުމުން ޗެލްސީ އޮތީ 21 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.
ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ ރަށުން ބޭރުގައި 1-0 ގެ ހަނި ތަފާތަކުން ލެސްޓާ ސިޓީ ބަލިކޮށް ލީގުގެ އެއްވަނައަށް ޖެހިލައިފަ އެވެ. ސިޓީގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ހިލޭޖެހުމަކުން ޖަހައިދިނީ ކެވިން ޑިބްރޭނާ އެވެ.
ޑިބްރޭނާ ސިޓީ އަށް ލީޑު ހޯދައިިދިން ލަނޑަށް ފަހު، ޓީމު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީ އެއްވަނައިގައި އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. މި ވަގުތު ދެވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ.
ތިންވަނައިގައި އޮތް އެންޓޯނިއޯ ކޮންޓޭގެ ޓޮޓެންހަމް ވަނީ ފަހަތުން އަރައި މެޗުގެ އެންމެ ފަހު ވަގުތު ރަށުން ބޭރުގައި 3-2 އިން ބޯންމަތު ބަލި ކޮށްފަ އެވެ. މިއާ އެކު ޓޮޓެންހަމް ވަނީ 13 މެޗުން 26 ޕޮއިންޓް ހަމަކޮށްފަ އެވެ.
ބޯންމަތުން ލީޑު ނެގީ ފުރަތަމަ ހާފުގަ އެވެ. އަދި ދެވަނަ ހާފުގެ ހަތަރުވަނަ މިނިޓުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ދެ ލަނޑު ވެސް ޖަހައިދިނީ ކިއެފާ މޫރު އެވެ.
ޓޮޮޓެންހަމުން ބޯންމަތު ކޮޅަށް އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ 57 ވަނަ މިނިޓުގަ އެވެ. މި ލަނޑު ޖަހައިދިނީ ރަޔާން ސެސެނިޔޯން އެވެ. އަދި 73 ވަނަ މިނިޓުގައި ބެން ޑޭވިސް އެއްވަރު ކޮށްދިން އިރު، އިތުރު ވަގުތުގައި މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ރޮޑްރިގޯ ބެންޓެންކޫ އެވެ.
ފަހު ވަގުތު މޮޅު ވުމުން ޓޮޓެންހަމްގެ ކޯޗު ކޮންޓޭ، އެޓީމުގެ އިވާން ޕެރިސިޗާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ހަތަރު ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވަނީ 4-0 އިން އެސްޓަން ވިލާ ބަލިކޮށް ޗެލްސީއާ ދެމެދު އޮތް ފަރަގު ބޮޑު ކޮށްފަ އެވެ. ނިއުކާސަލް އަށް ވަނީ 13 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ނިއުކާސަލް އަށް ލަނޑުތައް ޖަހައިދިނީ ކެލަމް ވިލްސަން އާއި ޖޮއެލިންޓަން އަދި މިގޭލް އަލްމިރޯން އެވެ. ވިލްސަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
އެސްޓަން ވިލާ އިން ވަނީ ކުރިން އާސެނަލް އަށް ކޯޗު ކޮށްދިން އުނެއި އެމެރީ އެ ޓީމަށް ގެނެސްފަ އެވެ. ނަމަވެސް އޭނާ ޓީމާ ހަވާލުވުން އޮތީ ނޮވެމްބަރު އެއްވަނަ ދުވަހު އެވެ. މި މެޗަކީ އެސިސްޓެންޓް ކޯޗު އާރޮން ޑަންކްސް އިސްވެ އެޓީމަށް ކޯޗު ކޮށްދޭނެ ފަހު މެޗެވެ. ސްޓީވަން ޖެރާޑް މަގާމުން ވަނިކޮށް، މިދިޔަ ހަފްތާ އެސްޓަން ވިލާ ވަނީ ޑަންކްސްގެ އިރުޝާދުގެ ދަށުން ފަސޭހަ ކަމާއެކު ބްރެންޓްފޯޑް ބަލި ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އިން ވަނީ އަމިއްލަ ދަނޑުގައި، ފުރަތަމަ ހާފުގައި އޮސްޑޯން އެޑުއާޑް ޖަހައިދިން ހަމައެކަނި ލަނޑުން 1-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. މިއާ އެކު ޕެޓްރިކް ވިއޭރާގެ ޕެލަސް ވަނީ 12 މެޗުން 16 ޕޮއިންޓް ހަމަކޮށް ޓޭބަލްގެ 10 ވަނައަށް ޖެހިލައިފަ އެވެ.
ބްރެންޓްފޯޑާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި މެޗުގެ އިތުރު ވަގުތުގައި ބްރެންޓްފޯޑްގެ ބެން މީ އަށް ހަމަލާ ދީގެން ވުލްވްސްގެ ޑިއޭގޯ ކޮސްޓާ އަށް ވަނީ ސީދާ ތަރް ކާޑެއް ދައްކައިފަ އެވެ.
ބެން މީ މެޗުގެ 50 ވަނަ މިނިޓުގައި ބްރެންޓްފޯޑަށް ލީޑު ނަގައިދީފައި ވަނިކޮށް، ދެ މިނިޓު ފަހުން ވުލްވްސް އަށް އެއްވަރު ކޮށްދިނީ ރުބެން ނެވޭސް އެވެ.
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ނިއުކާސަލް އާއި ޗެލްސީ އަދި ޓޮޓެންހަމް ބަލިވެއްޖެ
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
ސިޓީއަށް ފުރަތަމަ ބަލި، ލިވަޕޫލަށް ދޯކާ ދިނީ ވީއޭއާރު
ޗެލްސީ ގޯހުން ގޯހަށް، އާސެނަލް ހުއްޓުވީ ސޮން
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ބޯންމައުތުގެ އަތްދަށުވެ ލިވަޕޫލަށް ގަދަ ހަތަރެއްގެ އުއްމީދު ފަނޑުވެއްޖެ
އާސެނަލް ކުރިއަށް، މޮޅަކާއެކު ޗެލްސީއަށް ހިތްހަމަޖެހުން
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި