Roadha Mihaaru
ރިޝީ އަށް ފުރުސަތު ދެއްވައި، ބޮރިސް ރޭހުން ބޭރަށް

ރިޝީ އަށް ފުރުސަތު ދެއްވައި، ބޮރިސް ރޭހުން ބޭރަށް

24 އޮކްޓޯބަރ 2022

މިހާރު ހުސްވެފައިވާ، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވާދަކުރެއްވުމަށް، މީގެ ތިން މަސް ކުރިން މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަސައްކަތް ފެއްޓެވުމަށް ފަހު އެ ޚިޔާލު ދޫކޮށްލައްވައި، ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އަށް ފުރުސަތު ތަނަވަސްކޮށްދެއްވައިފި އެވެ.

މިހާރު ހުސްވެފައިވާ، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވާދަކުރެއްވުމަށް، މީގެ ތިން މަސް ކުރިން މަގާމުން އިސްތިއުފާ ދެއްވި ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން މަސައްކަތް ފެއްޓެވުމަށް ފަހު އެ ޚިޔާލު ދޫކޮށްލައްވައި، ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އަށް ފުރުސަތު ތަނަވަސްކޮށްދެއްވައިފި އެވެ.

އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމުގެ ވާދަވެރިކަން ބޮޑުވީ، އެ މަގާމާ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ހަވާލުވެވަޑައިގެންނެވި، ލީޒް ޓްރަސް، މިދިޔަ ހުކުރު ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ލީޒްގެ އިސްތިއުފާ އިއުލާން ކުރެއްވި އިރު، ބޮރިސް ޖޯންސަން ހުންނެވީ ޗުއްޓީ އަށް ވަޑައިގެން، ޑޮމިނިކަން ރިޕަބްލިކްގަ އެވެ.

ލިޒްގެ އިސްތިއުފާގެ ވާހަކަ އިވިވަޑައިގަތުމާ އެކު، ޗުއްޓީ ކެންސަލް ކުރައްވައި އެނބުރި ލަންޑަނަށް ވަޑައިގެންނެވި އެވެ. އަދި ބޮޑުވަޒީރުގެ މަގާމަށް ދެން އިސްކުރެވޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ، ރިޝީ ސުނަކްއާ އެކުގައި ސިއްރު ބައްދަލުކުރެއްވުމެއް ބޭއްވެވި އެވެ. އަދި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކަށް ވެވަޑައިގަތުމަށްޓަކައި، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އެ ޕާޓީގެ މެންބަރުންގެ ތެރެއިން 100 މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ފެއްޓެވި އެވެ.

ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަ ކުރައްވާ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް

ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަ ކުރައްވާ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް

ރިޝީ އަށް އިނގިރޭސި ބޮޑުވަޒީރުކަން ލިބިވަޑައިގެންފި ނަމަ، އޭނާ ވެގެން ދާނީ އެ ގައުމުގައި ބޮޑުވަޒީރުކަން ކުރައްވާ އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާ އަށެވެ. އަދި ކްރިސްޓިއަން ދީން ނޫން އެހެން ދީނެއްގެ ފުރަތަމަ ބޮޑުވަޒީރަށް ވެސްމެ އެވެ.

އިއްޔެ މެންދުރު ފަހު ބޮރިސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޕާޓީގެ ލީޑަރަކަމުގެ ކެންޑިޑޭޓަކަށް ވުމަށްޓަކައި 102 މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މަގާމަށް ވާދަކުރެއްވުމަށް ތިއްބެވި، ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އާއި ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ކޮމަންސް)ގެ ރައީސް ޕެނީ މޯޑައުންޓް ވެސް، "ގައުމީ މަސްލަހަތަށްޓަކައި" އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވެވަޑައިނުގެންނެވި ކަމަށް ބޮރިސް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދު ލިބިވަޑައިގެންނެވި ކަމަށް ބޮރިސް ވިދާޅުވި ނަމަވެސް، އޭނާ އަށް ތާއީދުކުރައްވާ ކަމަށް އިއްޔެގެ ނިޔަލަށް އާންމު ކުރައްވާފައިވަނީ އެންމެ 60 މެންބަރުންނެވެ. ނަމަވެސް ރިޝީ ސުނަކް އަށް ތާއީދުކުރައްވާ ކަމަށް 150 އެއްހާ މެންބަރުން ވަނީ ހާމަ ކުރައްވައިފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި ލީޒް ޓްރަސް،

އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި ލީޒް ޓްރަސް،

މިއަދުގެ މެންދުރު ފަހު 1:00 އާ ހަމައަށް، 100 މެންބަރުންގެ ތާއީދު ނުހޯއްދެވިއްޖެ ނަމަ، ޕެނީ މޯޑައުންޓް އަށް ވެސް ޖެހިވަޑައިގަންނަވާނީ ބޮޑުވަޒީރު ކަމުގެ ރޭހުން ފެޔަށް ޖެހިވަޑައިގަންނަވާށެވެ. އެ ވަގުތު ހަމަވާ އިރު، މަދުވެގެން 100 މެންބަރުންގެ ތާއީދު ލިބިވަޑައިގަތީ އެންމެ ކެންޑިޑޭޓަކަށް ކަމަށްވާ ނަމަ، އެ ބޭފުޅަކު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އިންތިޚާބުވެ، ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ އެވެ.

އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް 100 މެންބަރުންގެ ތާއީދު ލިބިވަޑައިގެންފި ނަމަ، އޭގެ ތެރެއިން ޕާޓީގެ ލީޑަރަކު އައްޔަންކުރުމަށްޓަކައި، ޕާޓީގެ މެންބަރުންގެ މެދުގައި ވޯޓެއް ނަގައި، މިއަންނަ ހުކުރު ދުވަހު އެ ވޯޓުގެ ނަތީޖާ އިއުލާން ކުރާނެ އެވެ.

ބޮރިސް ޖޯންސަން އާއި ރިޝީ ސުނަކް އަށް ތާއީދު އޮތް ގޮތަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު އޮތީ ރިޝީ އަށެވެ. ނަމަވެސް ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި އޭނާ އަށް އޮތް ތާއީދު، ބޮރިސް އަށް ވުރެ ކުޑަ އެވެ. އާންމު މެންބަރުންގެ ގިނަ ބަޔަކު ބޮރިސް އަށް ތާއީދު ކުރި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގައި އޭނާ އަށް ތާއީދުކުރާ މެންބަރުން މާ ބޮޑަށް މަދެވެ.

އިނގިރޭސި ވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ ދަ ސަންގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޮޑުވަޒީރު ކަމުގެ މަގާމަށް ޝައުގުވެރިވާ ވާހަކަ، އޮކްޓޫބަރު 21 ވަނަ ދުވަހު ޝާއިއުކޮށްފައި

އިނގިރޭސި ވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ ދަ ސަންގައި، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ބޮޑުވަޒީރު ކަމުގެ މަގާމަށް ޝައުގުވެރިވާ ވާހަކަ، އޮކްޓޫބަރު 21 ވަނަ ދުވަހު ޝާއިއުކޮށްފައި

އެހެންކަމުން، ޕާޓީގެ އާންމު މެންބަރުންގެ ތާއީދާއެކު ޕާޓީގެ ލީޑަރުކަން ލިބިވަޑައިގެން، ބޮޑުވަޒީރުކަމުގެ މަގާމަށް ބޮރިސް ވަޑައިގެންނެވި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ ތާއީދު ނުލިބިއްޖެ ނަމަ، އަނެއްކާ ވެސް އޭނާގެ ސަރުކާރު ވެއްޓޭނީ އެވެ. އެ ހިސާބަށް ދާއިރު ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕްގެ ތެރޭގައި ޚިޔާލު ތަފާތުވުން އޮންނާނީ ވަރަށް ބޮޑުވެފަ އެވެ.

ބޮރިސް ޖޯންސަން، ބޮޑުވަޒީރު ކަމުގެ މަގާމަށް ވާދަ ނުކުރެއްވުމަށް ނިންމެވުމާ ގުޅިގެން، އޭނާ އަށް ތާއީދު ކުރެއްވި ގިނަ މެންބަރުން ވަނީ، ރިޝީ ސުނަކް އަށް ތާއީދު ކުރައްވައިފަ އެވެ. އަދި މަދު މެންބަރުންކޮޅެއް، ޕެނީ އަށް ވެސް ތާއީދު ކުރެއްވި އެވެ.

ބޮޑުވަޒީރު ކަމުގެ މަގާމަށް، ބޮރިސް ޝައުގުވެރިކަން ފާޅުކުރެއްވި އިރު، އޭނާ އެ މަގާމުގައި މީގެ ކުރިން ހުންނެވި ދުވަސްވަރު، ކޮވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ޚިލާފަށް، ގިނަ ބަޔަކު އެއްކޮށްގެން ޕާޓީ ބޭއްވި މައްސަލައެއް، ގާނޫނު ހަދާ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ކޮމިޓީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަލުން ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ނަމަވެސް، އެ މައްސަލައިގައި އޭނާ ކުށްވެރިވާ ކަމަށް ނިންމައިފި ނަމަ، މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރާނެ އެވެ. ނުވަތަ މަގާމުން ސަސްޕެންޑް ކުރާނެ އެވެ.