Roadha Mihaaru
އިސް ދެ ވަޒީރެއްގެ އިސްތިއުފާ އިން ޖޯންސަނަށް ފިއްތުން

އިސް ދެ ވަޒީރެއްގެ އިސްތިއުފާ އިން އިނގިރޭސި ސަރުކާރަށް ފިއްތުން

06 ޖުލައި 2022

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި ހިމެނޭ އިސް ދެ ވަޒީރަކު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން، ބޮޑުވަޒީރަށް އިތުރު ފިއްތުންތަކެއް ކުރިމަތިވެ، ސަރުކާރު ދެމިއޮވެދާނެތޯ ސުވާލު އުފެދިއްޖެ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި ހިމެނޭ އިސް ދެ ވަޒީރަކު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން، ބޮޑުވަޒީރަށް އިތުރު ފިއްތުންތަކެއް ކުރިމަތިވެ، ސަރުކާރު ދެމިއޮވެދާނެތޯ ސުވާލު އުފެދިއްޖެ އެވެ.

ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ އަދި ސިޔާސީ މައްސަލަތައް ހައްލުކުރެއްވުމުގައި ބޮޑުވަޒީރު ފެއިލްވެފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި، ބޮރިސް ޖޯންސަންގެ ކެބިނެޓުން އިސްތިއުފާ ދެއްވީ ސިއްހަތާ ބެހޭ ވަޒީރު ސާޖިދު ޖާވިދު އާއި މާލީ ވަޒީރު ރިޝީ ސުނަކް އެވެ. އެ ދެ ބޭފުޅުންގެ އިސްތިއުފާއާ ވިދިގެން، ޕާލިމެންޓަރީ ޕްރައިވެޓް ސެކްރެޓަރީންގެ ތެރެއިން ހަތަރު ބޭފުޅަކާއި، ސޮލިސިޓާ ޖެނެރަލް އާއި އިތުރު ތިން ބޭފުޅަކު ވެސް ވަނީ ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވައިފަ އެވެ.

ދެ ވަޒީރުންގެ އިސްތިއުފާއާ ގުޅިގެން، ފާޑުކިޔުންތެރިން ބުނާ ގޮތުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ވެރިކަން މިހާ ހިސާބުން ނިމުމަކަށް އައީ އެވެ. އިދިކޮޅު ލޭބާ ޕާޓީން ބުނާ ގޮތުގައި ބޮރިސް ޖޯންސަން އިސްވެ ހުންނެވި ކޮންޒަވޭޓިވް ޕާޓީ އޮތީ ކޮރަޕްޝަނަށް ގޮސް ހުސްވެފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތަކަށް ގޮން ޖައްސަވައި ބޮރިސް ޖޯންސަން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކެބިނެޓަށް އިތުރު ބަދަލުތައް ގެނެސްގެން ވެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދެއްވުމަށެވެ. އެ ގޮތުން، ބޮޑުވަޒީރުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ސްޓީވް ބާކްލޭ މިހާރު ވަނީ ސިއްހަތާ ބެހޭ ވަޒީރުގެ މަގާމަށް ހަމަޖައްސަވައިފަ އެވެ. އަދި މާލީ ވަޒީރުގެ މަގާމަށް ނަދީމް ޒަހާވީ ވަނީ ހަމަޖައްސަވައިފަ އެވެ.

ޖުލައި 24، 2019 އިން ފެށިގެން ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޮރިސް ޖޯންސަން މިހާރު ތަހައްމަލު ކުރައްވަމުން ގެ ގެންދަވަނީ އޭނާގެ ވެރިކަމުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑެތި ފިއްތުންތަކެވެ. އެ ފިއްތުންތަކުގެ ތެރޭގައި ކެބިނެޓަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުގައި މިއަދު އޮންނަ ސުވާލު ކުރުމުގެ ވަގުތުގައި ވެސް، މެމްބަރުންގެ ފަރާތުން އެތައް ފިއްތުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ދެ ވަޒީރުން ވެސް މިހާތަނަށް އާންމުންނަށް އެއްވެސް މައުލޫމާތެއް ދެއްވާފައި ނުވާއިރު، އެ ދެ ބޭފުޅުންގެ އިސްތިއުފާގެ ސިޓީގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. ސިއްހަތާ ބެހޭ ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ޖާވިދުގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އަމަލުތައް ހުރީ ގައުމީ މަސްލަހަތާ އެއްގޮތަކަށް ނޫނެވެ. މާލީ ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވި ރިޝީ ސުނަކްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އާންމުން އުންމީދުކޮށްގެން ތިބީ ރަނގަޅު ގޮތުގައި ގާބިލުކަމާއެކު ކުރިއަށް ވުރެ ސީރިއަސްގެ ގޮތެއްގައި ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. ނަމަވެސް އެކަން ހާސިލުނުވާ ކަމަށް އޭނާ އިޝާރާތްކޮށްފައިވެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ ޗީފް ވިޕް އެންޑްރޫ މިޝޭލް ވިދާޅުވި ގޮތުގައި ބޮރިސް ޖޯންސަންގެ ވެރިކަން މިހާރު ނިމުމަކަށް އައީ އެވެ. އަދި ބޮރިސް ޖޯންސަންގެ ކިބައިގައި ބޮޑުވަޒީރެއްގެ ސިފަ ވެސް އަދި ޝަޚުސިއްޔަތާއި ލަޔާގަތްތެރިކަން ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކެބިނެޓްގައި މިހާރު ތިއްބެވި މިނިސްޓަރުން ވެސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުން، އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކެއީރް ސްޓޭމާ ވިދާޅުވީ އަވަސް އިންތިޚާބެއް ބާއްވަން އޭނާ ތައްޔާރަށް ހުންނެވި ކަމަށެވެ.