Roadha Mihaaru
އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ލީޒް ޓްރަސް

އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ލީޒް ޓްރަސް

06 ސެޕްޓެމްބަރ 2022

އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް، އެ ގައުމުގެ މިހާރުގެ ޚާރިޖީ ވަޒީރު ލީޒް ޓްރަސް، 47، އިއްޔެ އިންތިޚާބުވުމާއެކު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމަށް، އިނގިރޭސި ރާނީ މިއަދު އޭނާ ރަސްމީކޮށް އައްޔަން ކުރައްވާނެ އެވެ.

އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް، އެ ގައުމުގެ މިހާރުގެ ޚާރިޖީ ވަޒީރު ލީޒް ޓްރަސް، 47، އިއްޔެ އިންތިޚާބުވުމާއެކު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމަށް، އިނގިރޭސި ރާނީ މިއަދު އޭނާ ރަސްމީކޮށް އައްޔަން ކުރައްވާނެ އެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ލީޒް ޓްރަސް އިންތިޚާބުވީ، އެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާ ދެއްކި ގޮތާ ޚިލާފަށެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން، ލީޒް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ދެއްކި ނަމަވެސް، އިއްޔެ އިއުލާންކުރި ވޯޓުގެ ނަތީޖާގައި އެފަދަ ބޮޑު ފަރަގެއް ނެތެވެ.

ލީޒް ޓްރަސް އަށް ލިބިވަޑައިގަތީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 57 ޕަސެންޓް ވޯޓެވެ. އޭނާއާ ވާދަކުރެއްވި ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އަށް، ވޯޓުގެ 42 ޕަސެންޓް ލިބިވަޑައިގަތެވެ.

ސެޕްޓެމްބަރ 5، 2022: އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވި، އަދި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން ހަމަޖެހިފައިވާ ލީޒް ޓްރަސް (ކ) އާއި އޭނާއާ ވާދަކުރެއްވި އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް (ވ)، އެ ޕާޓީގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި. --އޭއެފްޕީ

ސެޕްޓެމްބަރ 5، 2022: އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވި، އަދި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން ހަމަޖެހިފައިވާ ލީޒް ޓްރަސް (ކ) އާއި އޭނާއާ ވާދަކުރެއްވި އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް (ވ)، އެ ޕާޓީގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި. --އޭއެފްޕީ

އިނގިރޭސި ބޮޑުވަޒީރުގެ މަގާމް ލީޒް ޓްރަސް އަށް މި ލިބިވަޑައިގަންނަވަނީ، ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރާ ދެކޮޅަށް އޭނާގެ ކޮންޒަވޭޓިވް ޕާޓީގެ ތެރެއިންނާއި އާންމުންގެ ފަރާތުން ކުރިމަތިވަމުން ދިޔަ ފާޑުކިޔުންތަކާ ގުޅިގެން، މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު، ޕާޓީގެ ލީޑަރުގެ މަގާމުންނާއި ބޮޑުވަޒީރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވުމުންނެވެ.

ބޮރިސް މިހާރު ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް އަދާކުރަމުން އެ ގެންދަވަނީ، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އާ ބޭފުޅަކު އިންތިޚާބުކޮށް އާ ބޮޑުވަޒީރަކު ކަނޑައެޅެންދެނެވެ. ބޮރިސް ޖޯންސަން މިއަދު ސްކޮޓްލޭންޑަށް ވަޑައިގެން ރާނީ އެލިޒަބަތުއާ ބައްދަލުކުރައްވައި، ރަސްމީކޮށް އޭނާގެ އިސްތިއުފާ ހުށަހަޅުއްވާނެ އެވެ.

އެއަށް ފަހު ރާނީ އެލިޒަބަތު، ބޮރިސްގެ އިސްތިއުފާ ގަބޫލުކުރައްވައި، އާ ބޮޑުވަޒީރުގެ މަގާމަށް ލީޒް ޓްރަސް އައްޔަންކުރައްވާނެ އެވެ. އަދި އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ދައުވަތު ރާނީގެ ފަރާތުން ލީޒް އަށް އަރުވާނެ އެވެ.

ސެޕްޓެމްބަރ 5، 2022: އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވި، އަދި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން ހަމަޖެހިފައިވާ ލީޒް ޓްރަސް، އެ ޕާޓީގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އެއްވުމުގައި. --އޭއެފްޕީ

ސެޕްޓެމްބަރ 5، 2022: އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވި، އަދި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން ހަމަޖެހިފައިވާ ލީޒް ޓްރަސް، އެ ޕާޓީގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި އެއްވުމުގައި. --އޭއެފްޕީ

ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވި ދެ ބޭފުޅުންގެ މެދުގައި، ބޭއްވި އިންތިޚާބުގެ އެންމެ ފަހު ބުރުގެ ނަތީޖާ އިއްޔެ އިއުލާންކޮށް، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމު ކަށަވަރުވުމާއެކު، ލީޒް ވަނީ އުންމީދީ ކުރު ތަގުރީރެއް ދެއްވައިފަ އެވެ.

ލީޒް ވިދާޅުވީ ދިގު ވާދަވެރި އިންތިޚާބަކަށް ފަހު، ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވުމަކީ ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ޝަރަފެއް ކަމަށެވެ. އޭނާ ވިދާޅުވީ އޭނާ ކެމްޕޭން ކުރެއްވީ ކޮންޒަވޭޓިވެއްގެ ގޮތުގައި ކަމަށާއި، އޭނާ ސަރުކާރު ހިންގާނީ ވެސް ކޮންޒަވޭޓިވެއްގެ ގޮތުގައި ކަމަށެވެ.

އޭގެ އިތުރުން، އިނގިރޭސި ވިލާތަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރެއްވުމުގެ ގޮތުން، އާންމުންގެ އަތުން ޓެކްސް ނަގާ މިންވަރު ދަށްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިނގިރޭސި ވިލާތަށާއި މުޅި ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ފިލުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމު ލީޒް އަށް ކަށަވަރުވުމާއެކު، ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ އޭނާ އަށް ތަހުނިޔާ ވިދާޅުވަމުންނެވެ. އެ ގޮތުން ވިލާތުގެ އިއްތިހާދުގެ ރައީސް އުރްސުލާ ވޯން ދޭލަޔާން، ލީޒް އަށް ތަހުނިޔާ ފޮނުއްވައި ވިދާޅުވީ ދެ ފަރާތުން މަސައްކަތް ކުރަންވީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމަށް އިހްތިރާމްކުރުމާ އެކުގައި ކަމަށެވެ.

"ވިލާތުގެ އިއްތިހާދާއި އިނގިރޭސި ވިލާތަކީ ދެ ބައިވެރިން. މޫސުމީ ބަދަލުތަކުން ފެށިގެން، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ވެސް، އަހަރެމެން ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި. އަހަރެމެންގެ ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަށް ފުރިހަމަ އަށް އިހްތިރާމްކުރުމާ އެކު، ދެ ފަރާތުގެ މެދުގައި ބިނާކުރަނިވި ގުޅުމެއް އުފެދިގެން ދާނެ ކަމަށް އުންމީދުކުރަން،" އުރްސުލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ފަރަންސޭސި ވިލާތުންނާއި ޖަރުމަން ވިލާތުގެ އިތުރުން އިޓަލީ ވިލާތުން ވެސް ވަނީ ލީޒްގެ ކާމިޔާބީ އަށް ތަހުނިޔާ ކިޔައި، ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ.

މާދަމާ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރުމާ އެކު ލީޒް ވެގެން ދާނީ، 2015 ވަނަ އަހަރަށް ފަހު، ކޮންޒަވޭޓިވް ޕާޓީގެ ފަރާތުން އެ ގައުމުގައި ވެރިކަން ކުރައްވާ ހަތަރު ވަނަ ބޮޑުވަޒީރަށެވެ. މިދިޔަ ހަތް އަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިންފްލޭޝަން ރޭޓް ވެސް ކުއްލި ގޮތަކަށް މައްޗަށް ގޮސް، މިދިޔަ ޖުލައި މަސް ނިމުނު އިރު ހުރީ 10.1 ޕަސެންޓްގަ އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާއިރު ލީޒް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ މައިގަނޑު ދެ މައްސަލައަކީ، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާއި، އިންފްލޭޝަން ރޭޓް އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ މައްސަލަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ގައުމުގެ އިންފްލޭޝަން ރޭޓް މިހާރު ހުރީ މިދިޔަ 40 އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް ގޮސްފަ އެވެ. އޭގެ އިތުރުން، މުޅި ޔޫރަޕް މިހަރު ތަހައްމަލުކުރަމުން ދާ ހަކަތައިގެ ދަތިކަން ވެސް، އިނގިރޭސި އާ ބޮޑުވަޒީރުގެ އެޖެންޑާގެ އެންމެ ކުރީގައި ހިމަނަންޖެހޭނެ އެވެ.